ރާއްޖޭގެ އެކި ހިސާބުތަކަށް ތެޔޮ ސަޕްލައި ކުރާ ސަރުކާރުގެ ތެޔޮ ކުންފުނި، ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) ރީބްރޭންޑްކޮށް، ކުންފުނީގެ މޫނުމަތި ބަދަލު ކޮށްލުމުގެ މަސައްކަތް ފަށައިފި އެވެ.
އެފްއެސްއެމްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ގަސަމް އަވަސް އަށް މިއަދު ވިދާޅުވި ގޮތުގައި ކުންފުނި ރީބްރޭންޑް ކުރަނީ، ކުންފުނީގެ އިމޭޖު ބަދަލު ކޮށްލުމުގެ ވެސް މަގުސަދުގައި ކަމަށެވެ.
"މިހާރު ހަގީގަތަކީ އެފްއެސްއެމްއޭ ބުނީމަ ނޭނގެ މިއީ ކިހާވަރެއްގެ ކުންފުންޏެއް ކަމެއް. މި ކުންފުނީގެ ކުލައަކީ ކޮބައި ކަމެއް. މިސާލަކަށް އެމްޓީސީސީ އެބަ އެނގޭ. ނޫނީ އެސްޓީއޯ ވިއްޔާ އެނގޭ ގަދަ ނޫކަން. އެކަމަކު އަޅުގަނޑުމެން މިހާރު ނޭނގެ ކުލައަކީ ހުދު ކަމެއް ނޫ ކަމެއް ނޫނީ ފެހި ކަމެއް،" ގަސަމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ބޭނުންވަނީ ކުންފުނީގެ ޔުނީފޯމާއި އުޅަނދުތަކުގެ ކުލަ ބަދަލުކޮށްލައި އެފްއެސްއެމްއަކީ ހައިބަތު ހުރި ކުންފުންޏަކަށް ހަދަން ކަމަށެވެ.
"ކުލަ ބަދަލު ކުރުމުގެ އިތުރުން އަޅުގަނޑު މަސައްކަތް ކުރަން އެބަ ކުންފުނީގެ ވިޔަފާރި ވެސް ފުޅާ ކުރަން. އެސްޓީއޯގެ ޑިރެކްޝަނާ އެއްގޮތަށް ތެލުގެ ހުރިހާ ހިދުމަތެއް ދޭން މަސައްކަތް ކުރާނަން،" ޤަސަމް ވިދާޅުވި އެވެ.
އެފްއެސްއެމް ރީބްރޭންޑް ކުރުމުގެ ގޮތުން ފިއުލް އެކަމާއި ގުޅުންހުރި އެންމެހައި މަސައްކަތްތަށް ކޮށްދެއްވާނޭ ފަރާތެއް ހޯދުމަށް މިހާރު ވަނީ ދެވަނަ ފަހަރަށް އިއުލާނުކޮށްފަ އެވެ. ދެވަނަ ފަހަރަށް އިއުލާނު ކުރީ ފުރަތަމަ ފަހަރު ކުރި އިއުލާނާ ގުޅިގެން އެކަށީގެންވާ ތަރުހީބެއް ނުލިބުމުން ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.
އެފްއެސްއެމް އިން ވަނީ އެ ކުންފުނި ހިނގާ އިމާރާތަށް ކިޔަމުން އައި ފައިފާނު ބިލްޑިންގުގެ އެ ނަންވެސް ބަދަލުކޮށް ރައްމިސްޔާތެއް ބާއްވާފަ އެވެ.