ސީރިއަލް ކިލާޒް ނުވަތަ އެތައް ބައިވަރު މީހުންނެއް މަރާފައިވާ ގާތިލުންގެ ތެރެއިން ވެސް އެންމެ ގިނަ މީހުން މެރި ރެކޯޑް އޮތް އެމެރިކާ މީހާ ސެމިއުލް ލިޓްލް މަރުވެއްޖެ އެވެ. އުމުރުން 80 އަހަރުގައި އޭނާ މަރުވިއިރު 93 މީހެއްގެ މަރުގެ ޒިންމާ އޭނާއަށް ނަގަން ޖެހިފައި ވެއެވެ.
އެމެރިކާގެ ރިހެބިލިޓޭޝަން ޑިޕާޓްމަންޓުން ބުނެފައި ވަނީ ސެމިއުލް މަރުވީ މިދިޔަ ބުދަ ދުވަހު ޖަލުގައި ހުއްޓާ ކަމަށެވެ.
މަރުވިއިރު އޭނާ ތަންފީޒު ކުރަމުން ދިޔައީ ތިން އަންހެނަކު މަރައިގެން އޭނާއަށް އައިސްފައިވާ އުމުރަށް ޖަލަށް ލުމުގެ ހުކުމެކެވެ. ނަމަވެސް ޖަލުގައި ހުރެ އޭނާ ފަހުން އެއްބަސްވި ގޮތުގައި 1970 އާއި 2005 އާ ދެމެދު އޭނާ 93 މީހަކު މަރާލާފައި ވެއެވެ.
ސެމިއުލް ހައްޔަރު ނުކުރެވި 56 އަހަރު މީހުން މެރުމުގައި އޭނާ ހޭދަކޮށްފައި ވެއެވެ. އޭނާގެ ޝިކާރައަކަށް ވެފައިވާ އެތައް ޑަޒަން މީހުންނަކީ ކުށެއް ނެތް ޒުވާން އަންހެނުންނެވެ.
ބޮކްސިން ތެޅުމުގެ މުބާރާތްތަކުގައި ކުރިން ވާދަކޮށްފައިވާ ސެމިއުލް މީހުން މަރަނީ އެމީހާގެ މޫނުމަތީގައި އެންމެ ފުރަތަމަ ވަރަށް ބާރު އެތި ފަހަރެއްޖަހައި ޚަބަރު ހުސްވުމުން ކަރުގައި ހިފާ ނޭވާ ހާސް ކޮށްލައިގެންނެވެ. އޭނާގެ މައްޗަށް ސާބިތު ކުރެވުނީ އެންމެ ތިން މީހެއްގެ މަރު ނަމަވެސް ޖަލުގައި ހުރެ އޭނާ ވަނީ އިންވެސްޓިގޭޝަން އޮފިސަރުންނަށް އޭނާ މެރި އެހެން މީހުން މަރާލި ގޮތް ވަރަށް ތަފްސީލުކޮށް ކިޔައިދީފަ އެވެ.
ފާހަގަކޮށްލެވޭ އެއް ކަމަކީ އޭނާ މަރާލި ކޮންމެ މީހެއްގެ ސޫރަ އޭނާގެ ހަނދާނުގައި ހުރި ކަމެވެ. އޭނާ ވަނީ އޭގެން ކޮންމެ މީހެއްގެ މޫނުގެ ސޫރަ ފުލުހުންނަށް ކުރަހައި ދައްކައި ތަހުގީގަށް އެހީތެރިކަން ދީފަ އެވެ.
ސެމިއުލް މަރާލި މީހުންގެ ތެރެއިން ގިނަ ބައެއްގެ މަރުގެ ހަގީގަތް އޮތީ އޮޅިފަ އެވެ. އެއްބަޔަކު އޯވަޑޯޒް ވެގެން މަރުވިކަމަށް ރެކޯޑްތަކުން ދައްކާއިރު އަނެއް ބަޔަކު މަރުވި ކަމަށް ރެކޯޑް ކުރެވިފައި ވަނީ ތަފާތު އެކްސިޑެންޓް ތަކުގަ އެވެ. އެހެންކަމުން މީގެން އެއްވެސް މީހެއްގެ މަރު އެކަށީގެންވާ ގޮތަކަށް ތަހުގީގުކުރެވިފައެއް ނުވެސް ނެތެވެ.
ސެމިއުލް މަރާލިކަމަށް އެއްބަސްވީ ބައެއް މީހުންގެ ހަށިގަނޑު އޭނާ މަރުވިއިރު ވެސް ފެނިފައެއް ނެތެވެ. އެހެންކަމުން އެމީހުންގެ ވާހަކަ ވެސް ޕޮލިސް ރެކޯޑްތަކުގައި ހުރީ ގެއްލިފައިވާ މީހުންގެ ގޮތުގަ އެވެ.
އެމެރިކާގެ އެފްބީއައި އިން ސެމިއުލްގެ އިއުތިރާފު އެނަލައިޒްކޮށް ބެލިއިރު އޭނާ ދެއްކި ވާހަކަތަކަކީ ތެދެއްކަން ގަބޫލުކުރެވޭ ވަރުގެ ހެކިތައް ހުރިކަމަށް ވެއެވެ. އަދި ސެމިއުލް ކުރެހި ފޮޓޯތައް އެފްބީއައި އިން ރިލީޒްކޮށް އެ މީހުންނާ ގުޅޭ މައުލޫމާތުތައް ހޯދުމުގެ މަސައްކަތް ވެސް ކޮށްފައި ވެއެވެ.
ގާތިލް، ސެމިއުލް އަކީ އެއް ދުވަސްވަރެއްގައި އެމްބިއުލެންސް އެޓެންޑެންޓެއްގެ ގޮތުގައި މަސައްކަތް ކޮށްފައިވާ މީހެކެވެ. އެފްބީއައި އިން އެމީހާ ޖަލުގައި ހުއްޓާ އޭނާ އާ ސުވާލު ކުރަނިކޮށް ރެކޯޑް ކޮށްފައިވާ ވީޑިއޯ ޓޭޕްތަކުން ފެންނަނީ ކޮންމެ ސުވާލަކަށް ޖަވާބު ދޭއިރުވެސް އަދި ކޮންމެ މީހަކު މަރާލިގޮތް ކިޔައި ދޭއިރު ވެސް ސެމިއުލް ވަރަށް ހެވިފައި މަޖާވެފައި އިންތަން ކަމަށް އިނގިރޭސި ވިލާތުގެ ނޫހެއް ކަމަށްވާ ޑެއިލީ މެއިލްގައިވާ މި ރިޕޯޓުގައި ބުނެފައި ވެއެވެ.
ސެމިއުލް އެންމެ ފުރަތަމަ ހައްޔަރުކުރީ 2012 ވަނަ އަހަރު ޑްރަގް މައްސަލައެއްގަ އެވެ. އެފަހަރު އޮފިސަރުން އޭނާގެ ޑީއެންއޭ ޓެސްޓް ހެދި އެވެ. އެއީ ކުރިން ވެސް ވައްކަމާއި ރޭޕް ފަދަ ކަންތައްތައް ކޮށްގެން އޭނާ ހައްޔަރު ކޮށްފައިވާތީ އެވެ.
އޭނާގެ މައްޗަށް ތިން އަންހެނަކު މަރާލިކަމުގެ ކުށް ސާބިތުވެ 2014 ގައި އުމުރަށް ޖަލަށް ލާން ހުކުމް ކުރި ދުވަހު ވެސް ކޯޓުގައި އޭނާ އުޅުނު ގޮތުން ގިނަ ބަޔަކު ތިބީ ހައިރާން ވެފަ އެވެ. އެ ދުވަހުވެސް އޭނާގެ ކިބައިން އެއްވެސް ކަހަލަ ދެރަވުމެއް އަދި ކުށެއް ކުރެވުނީތީ ހިތާމަކުރާ ކަމުގެ އެއްވެސް އަލާމާތެއް ނުފެނުނެވެ. އޭނާ މަރާލި މީހުންގެ އާއިލާތަކުގެ މީހުންގެ ތެރެއިން އެވަގުތު ކޯޓުގައި ތިބި މީހުންނާ ދިމާލަށް ވެސް އޭނާ ގޮށްމުށް ކަވާފައި ހަރުކަށިކަމާއެކު ދިމާކުރި ކަމަށް މި ރިޕޯޓުގައި ފާހަގަ ކޮށްފައި ވެއެވެ. މީހުންގެ އާއިލާތަކުގެ މީހުންނާ ވެސް އޭނާ ކުރިމަތިލީ ގޮށްމުށްކަވައިގެން ހުރެ އެވެ.