ޝަރުއީދާއިރާއާއި ދިވެހި ގައުމަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވި އަދި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަން ކުރައްވާފައިވާ ޖަސްޓިސް ރިޓަޔާޑް މުޖުތާޒް ފަހުމީ އަވަހާރަވުމާއި ގުޅިގެން އެކަމުގެ ހިތާމާގައި މިއަދުން ފެށިގެން ތިން ދުވަހުގެ މުއްދަތައް ޝަރުއީދާއިރާގެ ދިދަ ބައިދަނޑިއަށް ތިރިކުރުމަށް ނިންމައިފި އެވެ. އަދި އެމަނިކުފާނު އަވަހާރަވި ހިތާމަވެރި މި ދަނޑިވަޅުގައި ޝަރުއީ ދާއިރާގެ ފަނޑިޔާރުންނާއި މުވައްޒަފުންގެ ފަރާތުން އެމަނިކުފާނުގެ އާއިލާއަށް ވަނީ ތައުޒިޔާ ފޮނުއްވާފައެވެ.
ކޮވިޑްގެ އާލާސްކަންފުޅު ޖެހިވަޑައިގެން ހާލުކޮޅު ދެރަވެ މުޖްތާޒް އަވަހާރަވީ މީގެ 24 ގަޑިއިރު ކުރީން ރޭ މެންދަމު 2:00 ގައެވެ. ކޮވިޑްގެ އާލާސްކަންފުޅު ޖެހިވަޑައިގެންފައިވާކަން އެނގިވަޑައިގެންނެވީ ލ. އަތޮޅުގައި ހުންނަވަނިކޮށެވެ. ހާލުކޮޅު ގޯސްވުމުން މާލެ ގެނެސް އަވަހާރަވެވަޑައިގަތުމާއި ހަމައަށް ފަރުވާ ދެއްވަމުން ގެންދެވީ ދިވެހިންގެ މައި ހޮސްޕިޓަލް ދަރުމަވަންތާގައެވެ.
ޑީޖޭއޭއިން މިރޭ ބުނީ މުޖުތާޒް ފަހުމީ އަވަހާރަވުން ވެގެން ދިޔައީ ޝަރުއީ ދާއިރާއަށާއި މި ގައުމަށް ލިބުނު ފޫނުބެއްދޭ ވަރުގެ ފުން ހިތާމައެއް ކަމަށެވެ. އަދި އެމަނިކުފާނުގެ އިލްމީ ތަޖުރިބާގެ އަލީގައި ގައުމަށް ކޮށްދެއްވި ހިދުމަތްތަކަކީ އަންނަން އޮތް އެތައް ޖީލުތަކަކުންވެސް ހަނދާން އާކުރަމުން ގެންދާނެ ފަދަ ހިުދުމަތްތަކެއް ކަމަށެވެ. 21 ޖަނަވަރީ 1960 ގައި އުފަންވެވަޑައިގެންނެވި މުޖުތާޒް ފަހުމީ ގާނޫނު އަދި ޝަރުއީ ރޮނގުން ތައުލީމު ފުރަތަމަ ހާސިލް ކުރެއްވީ ފަނޑިޔާރުން ތަމްރީނުކުރުމަށް ރާއްޖޭގައި ހިންގެވި ކޯހަކުންނެވެ. މި ރޮނގުން އިތުރު ޓްރެއިނިން ކޯސްތަކާ ސްޓަޑީ ކޯސްތައްވެސް ރާއްޖެއާ ރާއްޖެއިން ބޭރުން ފުރިހަމަ ކުރައްވާފައިވެއެވެ.
މުޖުތާޒް ފަހުމީ ފުރުއްވާފައިވާ މަގާމްތަކުގެ ތެރޭގައި ކުނަހަންދޫ ކޯޓުގެ ގާޒީ ކަމާއި ކޯޓު ނަންބަރު ތިނެއް ގެ ގާޒީގެ އެހީތެރިޔާގެ މަގާމާއި ކޯޓު ނަންބަރު ދޭއްގެ ގާޒީ ކަން ހިމެނެއެވެ. އަދި މަދަނީ ކޯޓުގެ ގާޒީކަމާއި މަދަނީ ކޯޓުގެ އިސް ގާޒީ ކަމާއި ޖުޑީޝަލް ސާވިސް ކޮމިޝަންގެ މެންބަރުކަމާއި އެ ކޮމިޝަންގެ ނައިބު ރައީސްކަމާއި، ޖުޑީޝަލް ކައުންސިލްގެ މެންބަރުކަމާއި، ލޭންޑް އިވެލުއޭޝަން ކޮމިޓީގެ މެންބަރުކަމާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަން ހިމެނެއެވެ.