ލައިފްސްޓައިލް

އަވަށްޓެރިޔާގެ ގަބުރު ހިފައިގެން ފައިސާ ނަގަން ބެންކަށް

ތިމާގެ މީހަކު ވެސް ނެތި އެކަނި މާއެކަނި އުޅުނު މީހަކު މަރުވުމުން އަވަށްޓެރިން އެ މީހާގެ ގަބުރު ހިފައިގެން ބޭންކަށް ހިނގައްޖެ އެވެ. މަހޭޝް ނަމަކަށް ކިޔާ 55 އަހަރުގެ މި މީހާއަކީ އިންޑިޔާގެ ޕަޓްނާގައި ދިރިއުޅުނު މީހެކެވެ. ދުވަހަކު ވެސް ކައިވެންޏެއް ނުކުރާ މި މީހާގެ އާއިލާގައި ހުރީ އެއްބަނޑު އެއްބަފާ އެންމެ ފިރިހެނެކެވެ. އޭނާ މީގެ އެތައް އަހަރެއް ކުރިން މަރުވުމުން މަހޭޝް ދިރި އުޅުނީ އެކަނި މާއެކަންޏެވެ.

ދަނޑުވެރިކަމުން އާމްދަނީ ހޯދައިގެން އުޅުނު މަހޭޝް ދިރި އުޅުނީ އެހެން މީހެއްގެ ބިމެއްގައި ކުޑަ ކުޑަ ޖިފުޓިއެއް އަޅައިގެންނެވެ. އޭނާ ބަލިވެ އުޅޭތާ ދުވަސްތަކެއް ވެފައިވާ ކަމަށާއި ބަލިވެ އުޅުނުއިރު ކާން ވެސް ދިނީ އަވަށްޓެރިން ކަމަށް އެހިސާބުގަނޑުގެ ފުލުހުން ބުނެފައި ވެއެވެ.

މަހޭޝް މަރުވިކަން އަވަށްޓެރިންނަށް އެނގުނުއިރު ވެސް އޭނާ މަރުވެފައި އޮންނަތާ އެތައް ގަޑިއިރެއް ވަނީ ފާއިތުވެފަ އެވެ. އެހެންވެ ވީހާވެސް އަވަހަކަށް އޭނާ އަންދާލަން އަވަށްޓެރިން ބޭނުންވި އެވެ. ނަމަވެސް އެމީހުންނަކީ ވަރަށް ފަގީރު ބަޔަކަށް ވާތީ ޖަނާޒާގެ ކަންތައް ފުރިހަމަ ކުރެވޭ ވަރަށް އެމީހުންނަށް ފައިސާއެއް ހަމައެއް ނުޖެއްސުނެވެ.

އެހިސާބުން މަހޭޝްގެ ގޭގައި އޭނާ ގެންގުޅުނު ތަކެތި ބަލާ ފާސްކޮށް އޭނާގެ ޖަނާޒާގެ ކަންތައް ހަމަޖެއްސޭ ވަރުގެ މުދަލެއް ނުވަތަ ފައިސާއެއް ހުރިތޯ އަވަށްޓެރިން ބެލި އެވެ. އެ ބެލި ބެލުމުން މަހޭޝްގެ ބޭންކް ޕާސްބުކް ފެނުނެވެ. އެނޫން އަގު ހުރި މުދަލެއް ފައިސާއެއް އެ ގެއަކު ނެތެވެ.

ޕާސްބުކްގައި ވާގޮތުން މަހޭޝްގެ އެކައުންޓުގައި 1،600 ޔޫއެސް ޑޮލަރުހާ އިންޑިޔާ ފައިސާ ހުއްޓެވެ. އެހެންވެ މަހޭޝްގެ ގަބުރު ހިފައިގެން ބެންކަށް ގޮސް އޭނާގެ ޖަނާޒާގެ ކަންތައް ފުރިހަމަ ކުރުމަށްޓަކައި އެކައުންޓުގައި ހުރި ފައިސާ ދޭން އެމީހުން އެދުނީ އެވެ.

އެ އަވަށުގެ އިސް މީހާ އަނަންތީ ދޭވީ، ޓައިމްސް އޮފް އިންޑިއާ އަށް ދިން އިންޓަވިއު އެއްގައި ބުނެފައިވަނީ މަހޭޝް އަކީ ވަރަށް އަހުލާގު ރަނގަޅު އަދި އެހެން މީހުންނަށް އަބަދު ވެސް އެހީތެރިކަން ފޯރުކޮށްދީ އުޅުނު މީހެއް ކަމަށެވެ. މަހޭޝް މަރުވީ ދުވަސްކޮޅަކު ބަލިވެ އުޅެފައި ކަމަށް ވެސް އަވަށުގެ ވެރިޔާ ބުންޏެވެ.

އެ ސަރަހައްދުގެ ފުލުހުން ބުނީ މަހޭޝްގެ ޖަނާޒާގެ ކަންތައް ފުރިހަމަކުރަން އޭނާގެ އެކައުންޓުން 20،000 ރުޕީސް ދޫކޮށްދޭން ބޭންކުގައި އަވަށްޓެރިން އެދުނު ކަމަށެވެ.

މަހޭޝްގެ މަރުވެފައިވާ މަސްގަނޑު ހިފައިގެން އަވަށްޓެރިން ބޭންކަށް ދިއުމުން އެމީހުންނާއި ބޭންކުގައި ތިބި މީހުންނާ ދެމެދު ހަމަނުޖެހުން ހިނގައި ގަޑިއެއްހާއިރަށް ބޭންކުގެ ޚިދުމަތްތައް ވެސް މެދުކެނޑުނު ކަމަށް ވެސް ފުލުހުން ބުނެފައި ވެއެވެ.

ބޭންކްގެ މެނޭޖަރު ސަންޖީވް ކުމާރު ބުނި ގޮތުގައި މީހާ މަރުވުމުން އޭނާގެ ފައިސާ އެހެން މީހަކަށް ދޫކުރެވޭނެ ގޮތެއް އިންޑިޔާގެ ގާނޫނުތަކުގައި ނެތެވެ. އެ ފައިސާ ލިބޭނީ މަރުވި މީހާގެ ވާރުތަވެރިންނަށް ކަމަށާއި އެފަދަ މީހަކު 10 އަހަރު ތެރޭގައި އެ ފައިސާ އާ ހަވާލު ނުވެއްޖެނަމަ ދެން ފައިސާ ދާނީ އިންޑިޔާގެ ސެންޓްރަލް ބޭންކަށް ކަމަށެވެ.

އެހެންކަމުން އަވަށްޓެރިން އެދުނަސް އެއްވެސް ގޮތަކަށް މަހޭޝްގެ އެކައުންޓުގައި ހުރި ފައިސާ އެއް ދެވޭނެ ގޮތެއް ބޭންކުގެ އޮފިޝަލުންނަކަށް ވެސް ނުވި އެވެ. އެންމެ ފަހުން ބޭންކުގައި އޮތް ސީއެސްއާރް ފަންޑުން 10،000 ރުޕީސް އެމީހުންނަށް ދީފައި ފޮނުވާލީ އެވެ. އަދި ހެޔޮ އެދޭ އެހެން މީހަކު ފައިސާގެ އެހީ ދިނުމުން މަހޭޝް އަންދާލުމުގެ ކަންތައް އަވަށްޓެރިން މިހާރު ވަނީ ފުރިހަމަކޮށްފަ އެވެ.

ބެންކުގެ އޮފިޝަލް ބުނީ ބެންކުގައި އޭނާ މަސައްކަތްކުރި ދިގު މުއްދަތުގައި ވެސް ދުވަހަކުވެސް މި ފަދަ ހާދިސާއެއް ތަޖުރިބާ ކުރެވިފައި ނެތް ކަމަށެވެ.