ފުވައްމުލައް

ފުވައްމުލަކުން ގެނބުނު ކުއްޖާ ފަރުވާ ދެނިކޮށް މަރުވެއްޖެ

މޫދަށް އެރި އުޅެނިކޮށް ގެއްލިގެން ހޯދަނިކޮށް ފެނުނު ފުވައްމުލަކު ކުއްޖާ، ފަރުވާ ދެމުންދަނިކޮށް މަރުވެއްޖެ އެވެ.

ފުލުހުން ބުނީ ޏ. ފުވައްމުލަކު މާނޭރެ އަތިރި ސަރަހައްދަށް މޫދަށް އެރި އުުޅުނު 17 އަހަރުގެ ފިރިހެން ކުއްޖަކު ގެއްލިގެން ރިޕޯޓް ކޮށްފައިވަނީ މިއަދު ހަވީރު 4:45 އެހާކަންހާއިރު ކަމަށެވެ. ފުލުހުން ވަނީ އެ ކުއްޖާ ހޯދުމަށް އެ ސަރަަހައްދު ބަލާފައެވެ.

ހޯދަމުން ދަނިކޮށް ކުއްޖާ ފެނިފައިވަނީ އެ ސަރަހައްދުގެ މޫދު އަޑިން 5:50 އެހާކަންހާއިރު ކަމަށް ފުލުހުން ބުންޏެވެ. އެ ހާދިސާ ހިނގީ ގެނބެމުންދިޔަ ދެ ކުއްޖަކު ސަލާމަތް ކުރަން އުޅެނިކޮށް ކަމަށް މައުލޫމާތު ލިބިފައިވެއެވެ. އެކުއްޖާ މަރުވީ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުންދަނިކޮށެވެ. މަރުވެފައިވަނީ ފުވައްމުލަކު ސްކޫލުގެ ގްރޭޑް 10 ގައި ކިޔަވަމުންދާ، ދޫނިޑިގަން، ޔޫރޯ އަހްމަދު ފައުޒަން އެވެ.

ފައުޒަށް ގެއްލުނީ ގެނބުނު ދެ އަންހެން ކުދިން ސަލާމަތް ކުރަން މަސައްކަތް ކުރަމުން ދަނިކޮށް ކަމަށް އެނގިފައިވެއެވެ. އޭގެ ތެރެއިން އެއް ކުއްޖަކަށް މިހާރުވެސް ދަނީ ހޮސްޕިޓަލްގައި ފަރުވާ ދެމުންނެވެ. އެ ކުއްޖާގެ ހާލު ސީރިއަސް ނޫން ކަމަށް ހޮސްޕިޓަލުން ބުންޏެވެ.