"ގޫގުލް އާތު" އެޕް ވުޖޫދަށް އައުމަށް ފަހު ފާއިތުވީ އަހަރުތަކުގައި ގިނަ ބަޔަކު އެކި ބޭނުން ތަކުގައި މި އެޕް ބޭނުން ކުރެ އެވެ. އެކި ތަންތަނުގައި ހުންނަ ތަފާތު އެއްޗެތި ހޯދާއިރު އަނެއް ބަޔަކު އެމީހުންގެ އަމިއްލަ ގެ އާއި ގޭގައި އުޅޭ މީހުން އުޅޭ ނޫޅޭ ވެސް ބަލަ އެވެ.
ދާދި ފަހުން ޖަޕާނު މީހަކު މިގޮތަށް ގޫގުލް އާތު ބަލަނިކޮށް މީގެ ހަތް އަހަރު ކުރިން މަރުވެފައިވާ އޭނާގެ ބައްޕަ ފެނުނު ކަމަށް އެމީހާ ވަނީ ސޯޝަލް މީޑިއާގައި ޝެއާ ކުރި ޕޯސްޓެއްގައި ބުނެފަ އެވެ. އޭނާ ކުރި ޓުވީޓް މިހާރު ވައިރަލްވެ ވަރަށް ގިނަ ބަޔަކު މިކަމާ ހައިރާންވެ އަނެއް ބަޔަކު މިއީ މާ މަޖާ ކަމަކަށް ވެގެން އެބަ އުޅެ އެވެ.
ޔޫފޯޓީޗާގެ ނަމުގައި ޓުވީޓުކުރި ޖަޕާން މީހާ ބުނީ ޕެންޑެމިކްގެ ތެރޭގައި ގޭގައި ހުރެ ހުރެ ފޫހި ވެގެން އެއް ދުވަހު އޭނާ އޭނާގެ މައިންބަފައިން ދިރިއުޅުނު ގެ ގޫގުލް އާތުން ބަލާލަން ގަސްތުކުރި އެވެ.
ނަމަވެސް ގޫގުލް ކެމެރާއިން ފެނުނު އެއްޗަކުން އޭނާއަށް ލިބުނީ ބޮޑު ޝޮކެއް ކަމަށް އެމީހާ ބުނެފައި ވެއެވެ. އެއީ އޭނާގެ މައިންބަފައިން ދިރިއުޅުނު ގޭގެ ބޭރު މަގުމަތީގައި މަގުގެ އެއް ފަރާތުގައި އޭނާގެ ބައްޕަ ހުއްޓާ ފެނުނީމަ އެވެ.
ގޫގުލް އާތުއިން ފެނުނު މަންޒަރު މި މަންޒަރުގެ ދެ ފޮޓޯގަނޑެއް އެމީހާ ކުރި ޓުވީޓާއެކު ޝެއާ ކޮށްފައި ވެއެވެ. އެ ދެ ފޮޓޯގައި ފެންނަނީ ޖަޕާނުގެ މަގެއްގެ މައްޗެވެ.
"އަހަރެންގެ ބައްޕަ އެހެރީ މަންމަ ގެއަށް އަންނަ އިރެއްގެ އިންތިޒާރުގައި ހެން ހީވަނީ. މަގޭ ބައްޕަ އަކީ ވަރަށް މަޑުމައިތިރި ނަމަވެސް ވަރަށް ހެޔޮ މީހެއް،" ޖަޕާނު މީހާގެ ޓުވީޓުގައި ވެއެވެ.
އެ މަގުގެ އެ ހިސާބު ސްޓްރީޓް ވިއު ފޮޓޯ ރިފްރެޝް ނުކުރުމަށް ވެސް އެމީހާ ވަނީ ގޫގުލް އަށް އިލްތިމާސް ކޮށްފަ އެވެ.
މި މީހާގެ ޓުވީޓަށް އެތައް ލައްކަ މީހުން ލައިކް ކޮށްފައިވާއިރު އެހާ ގިނަ މީހުން ރިޓުވީޓް ވެސް ކޮށްފައި ވެއެވެ. މިއީ ގޫގުލް އާތުގެ "ހޯދުމެއް" ވައިރަލްވީ ފުރަތަމަ ފަހަރެއް ނޫނެވެ. މިދިޔަ އަހަރު ސޯޝަލް މީޑިއާގައި ވައިރަލްވީ އެއް ފޮޓޮއަކީ ގޫގުލް އާތުން މީހަކަށް ފެނުނު "400 ފޫޓުގެ އައިސް ޝިޕް" އެކެވެ. މި ބޯޓު ހުރީ އެންޓާޓިކާގެ ގޮނޑުދޮށާ 160 ކިލޯމީޓަރު ދުރުގަ އެވެ. ނަމަވެސް އެމީހާ ގޫގުލް އާތުން ރައްކާތެރި ފޮޓޯތަކާއި ވީޑިއޯތައް ދިރާސާ ކުރިއިރު މިއީ ކުރޫޒްލައިނާއަކާ އެއްވަރު ގޮތަކަށް އިން ބޮޑު އައިސްބާގެކެވެ.