ހަބަރު

"ޖަމީލް ބޭނުންވާ ކަންކަމަށް ދެން ޖާގައެއް ނެތް"

Oct 25, 2015
5

އިތުބާރު ނެތް ކަމަށް ވޯޓް ނަގައި މަގާމުން ދުރުކުރި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ފަދަ ބޭފުޅުން ބޭނުންވާ އުސޫލުތަކަށް ދެން ރާއްޖޭގައި ޖާގަ ނުދެއްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ހުޅުހެންވޭރު ދާއިރާގެ ވެސް މެންބަރު މޫސަ އިނގިރޭސި ވިލާތުގައި ހުންނަވައިގެން މިއަދު ވަނީ އަމިއްލަފުޅަށް އަރުވާލެއްވިގެން އިނގިރޭސިވިލާތުގައި ހުންނެވި ޖަމީލަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

މޫސަ އެމަނިކުފާނުގެ ފޭސްބުކް ޕޭޖް މެދުވެރިކޮށް އާންމު ކުރެއްވި ދިގު މެސެޖެއްގައި ވިދާޅުވެފައި ވަނީ ޖަމީލާއި އެފަދަ އެހެން ބޭފުޅުން ބޭނުންވާ އުސޫލުތައް ދަމަހައްޓަން ރާއްޖޭގައި ދެން ފުރުސަތު ނުދެއްވާނެ ކަމަށާއި އިނގިރޭސި ވިލާތުގައި ހުންވައިގެން އިރުއިރުކޮޅާ ވާހަކަ ދެއްކެވި ނަމަވެސް ދެން އެކަން ނުވާނެ ކަމަށާއި އެ ޖާގަ ނެތް ކަމަށެވެ.

މޫސަ ވިދާޅުވީ ޖަމީލްފަދަ އިލްމީ އަދި ގާބިލް ކަމަށް ދައުވާ ކުރައްވާ ބޭފުޅުން ދައުލަތުގެ މަގާމުތަކަށް އިންތިހާބު ކުރުމުން މަގާމުގެ މަސްއޫލިއްޔަތާއި އަދާ ކުރައްވަންޖެހޭ ގާނޫނީ ވާޖިބަށްވުރެ ބޮޑަށް އަމިއްލަ އެދުމަށާއި ފައިދާއަށް މަސައްކަތް ކުރައްވާ ކަމަށާއި އޭގެ ނަތީޖާ ފެއިލްވާ ކޮންމެ ފަހަރަކު ދައުލަތުގެ މުއައްސަސާ ގޮންޖައްސަވާ ރައްދު ދެއްވާ ބަޣާވާތް ކުރުން ކަމަށެވެ.
"އެފަދަ ބޭފުޅުން ގައުމު ހަމައިން ނައްޓުވާލުމަށްފަހު ރައްޔިތުންގެ ނުރުހުން ލިބިއްޖެ ކަން އެނގުމުން ގައުމު ދޫކޮށް ފިލައިގެންދާނެ،" މޫސަ ވިދާޅުވި އެވެ.
މަޖިލީހުގެ ނައިބު ރައީސް ވިދާޅުވީ ޖަމީލްގެ ބޭނުމަކީ ރާއްޖެ ހަލާކުކޮށް، ފަނާކޮށް ބަދުނާމު ކުރުން ކަމަށްވާއިރު މިއަދު ދިވެހިންގެ ތެރޭގައި ޖަމީލް ފަދަ ހިޔާނާތްތެރިންނަށް ރައްދު ދެވޭނެ މީހުން ނެތްކަމަށް ވެސް ހީފުޅު ކުރައްވައިގެން ނުވާނެ ކމަށެވެ.
ރައްޔިތުންގެ ލޭ ދެ އަތުގައި އުނގުޅައިގެން ފެބުރުއަރީ 7 އާއި 8 ގައި ހިންގި ލާ އިންސާނީ އަނިޔާތަކަށް ބަޔަކު މާފު ކުރިޔަސް ވަރަށް ގިނަ ބަޔަކު މާފު ނުކުރާނެ ކަން ޖަމީލަށް އެނގެންވާނެ ކަމަށް ވެސ ވިދާޅުވެފައި ވެއެވެ.

މޫސަ މިހެން ވިދާޅުވި އިރު ފަހަކަށް އައިސް ރާއްޖޭގެ ސިޔާސީ މަސްރަހަށް އައި ބޮޑެތި ބަދަލުަކަށް ފަހު ހާއްސަކޮށް "ފިނިފެންމާ" ގައި ރައީސް އަބްދުﷲ ޔާމީން އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާއަށްފަހު ޓްވިޓާ މެދުވެރިކޮށް ކޮންމެ ދުވަހަކުވެސް ރާއްޖޭގެ ސިޔާސީ މައިދާނުގެ ކަންކަކަމާބެހޭގޮތުން ވާހަކަފުޅު ދައްކަވަ އެވެ.