ރައީސް އަބްދުﷲ ޔާމީން ދަތުރު ކުރެއްވި "ފިނިފެންމާ" ލޯންޗުކޮޅުގައި އެ މަނިކުފާނު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލައިގެ ތަހުގީގާ ގުޅިގެން ފުލުހުން ރޭ ހައްޔަރު ކުރި ދެ މީހުންގެ ތެރެއިން ދެމީހެއްގެ ބަންދުގެ މުއްދަތު ޖަހައިފި އެވެ. އެ ދެ މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ 15 ދުވަސް މިއަދު ދީފައެވެ.
ލޯންޗްކޮޅުގެ ހާދިސާއާ ގުޅިގެން ސިފައިންނާ ފުލުހުން އިއްޔެ ފެށި އޮޕަރޭޝަންގައި ތިން މީހަކު ހައްޔަރު ކުރި ކަމަށް ބުނެފައި ވަނީ ސިންގަޕޫރުގައި ހުންނެވުމަށްފަހު އިއްޔެ ރާއްޖެ ވަޑައިގަތުމުން އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުން ހައްޔަރު ކުރި ނައިބު ރައީސް އަހުމަދު އަދީބުވެސް ހިމަނައިގެނެވެ. ގެތަށް ބަަލައި ފާސް ކުރުމުގައި ހައްޔަރު ކުރީ ދެ މީހެކެވެ. އެ ދެމީހުންގެ ބަންދު ޖެހި އިރު ނައިބު ރައީސް އަދީބުގެ ބަންދަށް ވެސް ވަނީ 15 ދުވަސްދީފައެވެ.
މި އޮޕަރޭޝަންގައި އިއްޔެ އާއި ރޭ ނައިބު ރައީސާ ގުޅުން އޮންނަ އަށް ތަނެއް ބަަލައި ފާސްކޮށް ބައެއް ތަކެތި ގެންދިޔަ އެވެ. ރައީސް ޔާމީޏް މިއަދު ގައުމާ މުހާތަބު ކުރެއްވި އިރު ވިދާޅުވީ އެ ފާސްކުރުން ތަކުގައި ހިމެނޭ ބައެއް ގޭގެއިންނާއި ހަމަލާއާ ގުޅިގެން ހައްޔަރުކޮށްފައި ތިބި މީހުންގެ ގޭގެއިން ބޮން ހަދަން ބޭނުންވާ ސާމާނު ފެނިފައިވާ ކަމަށެވެ.
އަދި ވިދާޅުވީ މިއީ ނުރައްކަތެރި ހާލަތެއް ކަމަށާއި މި މައްސަލާގައި ކިރިޔާސް ޝައްކެއްވާ ގެއެއް ނަމަވެސް ބަލައި ފާސްކުރާނެ ކަމަށެވެ.