ރައީސް އަބްދުﷲ ޔާމީން އަވަހާރަކޮށްލަން އުޅުނު ކަމުގެ ތުހުމަތުގައި ރާއްޖެ އިން ހައްޔަރު ކުރި ސްރީލަންކާގެ، 24 އަހަރުގެ، ލަހިރޫ މަދުޝަންކާ އަކީ ލަންކާގައި ހިކި މަހުގެ ވިޔަފާރި ކުރާ މީހެއް ކަމަށް ސްރީލަންކާގެ ނޫސްތަކުން ބުނެފި އެވެ.
އެ ގައުމުގެ ސަރުކާރުގެ އޮފިޝަލުންނާ ހަވާލާދީ ނޫސްތަކުން ބުނެފައި ވަނީ، ކޮލަމްބޯގެ ރަށްފުށު އަވަށެއް ކަމަށްވާ، މަލާބޭއަށް ނިސްބަތްވާ، މަދުޝަންކާ އަކީ އެއްވެސް ކަހަލަ އަސްކަރީ ތަމްރީންތަކެއް ލިބިފައިވާ މީހެއް ނޫން ކަމަށެވެ. އަދި މަދުޝަންކާ ރާއްޖެއަށް ދިޔައީ އޭނާގެ ބައްޕަގެ ހިކި މަސް ވިޔަފާރީގައި ވިއްކުމަށް ޓަކައި ރާއްޖެއިން ރަނގަޅު ހިކިމަސް ކޮޅެއް ހޯދުމަށް ކަމަށް ވެސް ލަންކާގެ ނޫސްތަކުގައިވެ އެވެ. އަދި އޭނާ އަކީ ހިކިމަހުގެ ވިޔަފާރި ރާއްޖެއާ ގުޅިގެން ކުރަމުން އަންނަތާ ޒަމާންތަކެއް ވީ މީހެއް ކަމަށް ވެސް ބުނެފައިވެ އެވެ.
"އޭނާ އަކީ އަސްކަރީ އެއްވެސް ތަމްރީނެއް ލިބިފައި ހުރި މީހެއް ނޫން. ހިކިމަހުގެ ވިޔަފާރީގައި އުޅޭ މީހެއް އެއީ،" އެ ގައުމުގެ ނޫސްތަކުގައި އެ ގައުމުގެ ސަރުކާރުގެ އޮފިޝަލުން ބުނެފައިވެ އެވެ.
އެހެން ނަމަވެސް ފުލުހުން ބުނެފައި ވަނީ މަދުޝަންކައަކީ ރައީސް ޔާމީން އަވަހާރަކޮށްލަން އުޅުނު މީހެއް ކަމަށާއި އޭނާ އަކީ ދުރުގައި ހުރެ އަމާޒަށް ބަޑި ޖެހުމުގެ ތަމްރީން ލިބިފައިވާ ސްނައިޕަރެއް ކަމަށެވެ. އަދި އޭނާ ހަރަދުކޮށްގެން ރާއްޖެ ގެނައީ ނައިބު ރައީސް އަދީބު ކަމަށް ވެސް ހަބަރުތައް ފެތުރިފައިވެ އެވެ. އޭނާ ހައްޔަރު ކުރީ އެއާޕޯޓަށް ފުރަން ގޮސް ހުއްޓަ އެވެ.
އެ މައްސަލައިގައި ލަންކާ ސަރުކާރުން ވަނީ ރުޅިގަދަވެ، އެ ގައުމުގައި ހުންނަ ދިވެހި ސަފީރު ޒާހިޔާ ޒަރީރު ސުވާލު ކުރުމަށް ފޮރިން މިނިސްޓްރީއަށް މާދަމާ ހާޒިރުކުރުމަށް ނިންމައިފަ އެވެ. އަދި މަދުޝަންކާއަށް ގާނޫނީ އެހީތެރިކަން ދިނުމަށް ލަންކާ ސަރުކާރުން ވަނީ ރާއްޖޭގައި ހުންނަ އެ ގައުމުގެ އެމްބަސީއަށް އަންގައިފަ އެވެ.
ރައީސް ޔާމީން އަވަހާރަކޮށްލަން ރޭވި މައްސަލައިގައި ލަންކާގައި ހުރި، އަހުމަދު އަޝްރަފު (ޝުމްބާ ގޮންގް) އެ ގައުމުން ހައްޔަރުކޮށް ރާއްޖެ ގެނައި މައްސަލައިގެ ތަހުގީގެއް ވެސް ލަންކާ ސަރުކާރުން ފަށާފައިވާ ކަމަށް އެ ގައުމުގެ ނޫސްތަކުން ބުނެ އެވެ. ލަންކާ ފުލުހުން ޝުމްބާ ހައްޔަރުކޮށް ރާއްޖެ ޑީޕޯޓް ކުރީ، އެ ގައުމުގެ ގާނޫނުތަކާ ހިލާފަށް ކަމަށް އެ ގައުމުގެ ފޮރިން މިނިސްޓްރީ އިން ބުނެފައިވެ އެވެ.