މާޒިޔާ އަތުން މިރޭ 2-0އިން މޮޅުވެ ޓީސީ އުރީދޫ ދިވެހި ޕްރެމިއާ ލީގުގައި މޮޅުވުމުން ލީގު ކާމިޔާބު ކުރުމުން ރޭހުން އެ ޓީމަށް ފުރުސަތު ލިބި މާޒިޔާ ކަޓައިފި އެވެ.
ލީގުގައި ޖެހިޖެހިގެން ދެ ވަނަ މެޗުން ބަލިވުމުން ޕްރެޒިޑެންޓްސް ކަޕުގެ ޗެމްޕިއަން މާޒިޔާ އަށް މިހާރު ލީގު ކާމިޔާބު ކުރުމުގެ ފުރުސަތު އޮތީ ޓީސީ އާއި ނިއުރޭޑިއަންޓަށް އެކަން ނުވެއްޖެނަމަ އެކަންޏެވެ. ލީގުގައި ކޮންމެ ޓީމަކަށް ބާކީ ހަ މެޗު އޮތް ނަމަވެސް ވަރުގަދަ މާޒިޔާ މިވަގުތު އޮތީ 12 ޕޮއިންޓާއެކު ޓޭބަލުގެ ހަތަރު ވަނާގަ އެވެ. މިއީ އެއްވަނާގައިވާ ނިއު އަށްވުރެ އަށް ޕޮއިންޓް މަދު އަދަދެކެވެ. އަދި ޓީސީ އަށްވުރެ ހަތަރު ޕޮއިންޓް މަދު އަދަދެކެވެ. އަނެއްކޮޅުން މާޒިޔާ އަށް އަދި ނިއުއާ އެކު ކުޅެން ޖެހޭ މެޗު އޮތުމަކީ ވެސް އެ ޓީމަށް ލީގު ކާމިޔާބުކުރަން ވަރަށް އުނދަގުވާނެ ސަބަބެކެވެ.
މިރޭގެ މެޗުގައި ޓީސީ އަށް ލީޑު ނަގައިދިނީ 17 ވަނަ މިނިޓްގައި ކެޕްޓަން ޔާމީން އިބްރާހީމެވެ. ޕެނަލްޓީ އޭރިޔާގެ ބޭރުން އޭނާ ޖެހި ބޯޅަ އަމާޒުވީ މާޒިޔާގެ އިސްކޮޅުން ދިގު ކިރިގިސްތާނުގެ ގައުމީ ކީޕަރު ޕަވެލް މަޓިއަސްގެ ބޯމަތިން ގޯސް ގޯލުގެ މަތީ ކަނަށެވެ. އޭގެ ކުރިން މެދުތެރެއިން ކުރިއަށް އަރައި މުހައްމަދު އައްޒާމް ޖެހި ބޯޅަ ކީޕަރު ވެއްޓިގެންފައި ދިފާއު ކުރި އެވެ.
މި މެޗުގެ ދެ ވަނަ ލަނޑު ޓީސީ އަށް ޖަހައިދިނީ 45 ވަނަ މިނިޓްގައި ޓީސީގެ އުއްމީދީ ފޯވަޑް ނާއިޒް ހަސަނެވެ.
ލީގުގައި މި ވަގުތު ނިއު އަށް 20 ޕޮއިންޓް ލިބިފައިވާއިރު ޓީސީ އަށް 17 ޕޮއިންޓް އަދި މާޒިޔާ އާއި ވިކްޓަރީ އަށް ލިބިފައިވަނީ 12 ޕޮއިންޓެވެ. ނަމަވެސް ފައިދާ ގޯލުގެ ތަފާތުން މާޒިޔާ އަށް ލިބެނީ ހަތަރު ވަނަ އެވެ. ވިކްޓަރީ މިއަދު ހަވީރު މޮޅުވީ އެންމެ ޕޮއިންޓަކާއެކު ޓޭބަލުގެ ފުލުގައި އޮތް މަހިބަދޫ އަތުން 5-1އިންނެވެ. ލީގުގެ ފަސް ވަނާގައިވަނީ 10 ޕޮއިންޓާއެކު އީގަލްސް އެވެ. ނުވަ ޕޮއިންޓާއެކު ހަ ވަނާގައި ވެލެންސިއާ އޮތްއިރު އަށް ޕޮއިންޓާއެކު ޓޭބަލުގެ ހަތް ވަނާގައިވަނީ ބީޖީ އެވެ.