ބޭރު ކުޅިވަރު

މޮޅު ނުވެވުނަސް ގިނަ ކަންތައްތަކެއް ބަދަލު ކުރެވިއްޖެ: ކްލޮޕް

އިނގިރޭސި ޕްރެމިއާ ލީގުގައި މިރޭ ސައުތެމްޓަން އަތުން މޮޅުނުވި ނަމަވެސް ލިވަޕޫލްގެ ގިނަ ކަންތައްތަކެއް ބަދަލު ކުރެވިއްޖެ ކަމަށް ކޯޗު ޖާގެން ކްލޮޕް ބުނެފި އެވެ.

ޓީމާ ހަވާލުވެގެން މިހާތަނަށް ކުޅުނު ތިން މެޗު ވެސް އެއްވަރުވި އިރު ކްލޮޕަށް މި މެޗުން މޮޅެއް ލިބުމާ ވަރަށް ގާތަށްދިޔަ އެވެ. އެކަމަކު 77 ވަނަ މިނިޓްގައި ކްރިސްޓިއަން ބެންޓެކޭ ޖެހި ގޯލާއެކު ލިބުނު ލީޑް ކެންސަލްވީ މެޗު ނިމެން ހަތަރު މިނިޓަށްވެފައިވަނިކޮށް، ސާދިއޯ މާނޭ ޖެހި ގޯލުންނެވެ.

ބެންޓެކޭގެ ލަނޑާއެކު ކްލޮޕް ވަރަށް ބޮޑަށް އުފާފާޅު ކުރި އެވެ. ނަމަވެސް އޭނާގެ އުއްމީދުތައް ވިއްސިވިހާލިވި މެޗަށް ފަހު ކްލޮޕް ބުނީ ލިވަޕޫލްގެ ހުރިހާ ކަމެއް އެންމެ ހަފުތާއަކުން ބަދަލު ނުކުރެވޭނެ ކަމަށެވެ. އަދި ސައުތެމްޓަނަކީ މި ސީޒަނުގައި ރަށުން ބޭރުގައި ބަލިވެފައިނުވާ ޓީމަކަށްވުމުން އިދިކޮޅު ޓީމު މޮޅަށް ކުޅެން ޖެހޭ ކަމަށެވެ.

ނަމަވެސް ލިވަޕޫލަށް މޮޅުވާން ފުރުސަތުލިބި ބޭނުން ނުހިފުނީ ކަމަށެވެ. އޭނާ އަދި ބުނީ ފުޓްބޯޅައިގައި ކޮންމެ ދުވަހަކު ބޭނުންވާ ނަތީޖާ ނުނުކުންނާނެ ކަމަށާއި ދެން އޮތީ ކުރިއަށް އޮތް މެޗުގެ ބޭނުން ހިފުން ކަމަށެވެ.

ސައުތެމްޓަނުގެ ކޯޗު ރޮނަލްޑް ކޮއެމަން ބުނީ މެޗުން އޭނާގެ ޓީމަށް އެންމެ މަދުވެގެން ޕޮއިންޓެއް ހައްގު ކަމަށެވެ.

މި ނަތީޖާއާއެކު ލިވަޕޫލް އޮތީ 14 ޕޮއިންޓާއެކު ނުވަވަނާގަ އެވެ. ސައުތެމްޓަނުގެ އޮތީ 14 ޕޮއިންޓާއެކު ފައިދާ ގޯލުގެ ތަފާތުން އަށް ވަނާގަ އެވެ. ލީގުގެ އެއްވަނާގައިވަނީ 22 ޕޮއިންޓާއެކު މެންޗެސްޓާ ސިޓީ އެވެ.