ރާއްޖެ ކުޅިވަރު

ފިނިގަދަވާނެތީވެ ސައުތު އޭޝިއަން ގޭމްސް ފެބްރުއަރީ މަހަށް ލަސްކޮށްފި

ޖެނުއަރީ މަހު އިންޑިޔާ އަށް ފިނިގަދަވާނެ ކަމަށް ބަލައި، ސާކް ސަރަހައްދުގެ އެންމެ ބޮޑު ކުޅިވަރު މުބާރާތް ކަމަށްވާ ސައުތު އޭޝިއަން ގޭމްސް އަންނަ ފެބްރުއަރީ މަހަށް ލަސްކޮށްފި އެވެ.

މިއީ މި ގޭމްސް ލަސްކުރި ތިން ފަހަރެވެ.

އިންޑިޔާއި ބާއްވާ މި މުބާރާތް ކުރިން ބާއްވަން އޮތީ އަންނަ އަހަރުގެ ޖެނުއަރީ 10 އިން 20 އަށެވެ. ނަމަވެސް އިންޑިޔާގެ އޮލިމްޕިކް އެސޯސިއޭޝަނުގެ ޗެއާމަން ރަމަޗަންދުރަން ރިއާސަތު ބެލެހެއްޓި ސަރަހައްދީ އޮލިމްޕިކް އެސޯސިއޭޝަންތަކުގެ ބައްދަލުވުމުން މުބާރާތް 15 ދުވަހަށް ލަސްކުރަން ނިންމީ އަނެއް ސަބަބަކީ މުބާރާތް ލަސްކުރަން ބައެއް ގައުމުތަކުން އެދެމުންދިއުމެވެ.

"މި ބަދަލު މި ގެނައުމަށް ކޮމިޓީން އެއްބަސްވީ އެ ދުވަސްވަރު ފިނިގަދަވާނެތީވެ ބައެއް ގައުމުތަކުން ލަސްކުރަން އެދެމުންދިއުމުން،" ރަމަޗަންދުރަން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ސައުތު އޭޝިއަން ގޭމްސް ފެބްރުއަރީ މަހު ފަށާނެ ރަސްމީ ދުވަހެއް ނިންމާނީ އިންޑިޔާގެ އޮލިމްޕިކް ކޮމިޓީ އާއި މުބާރާތް ބާއްވާ ގުވާތީ އާއި ޝިލޮންގެ ސްޓޭޓް ކައުންސިލާއި އިންޑިޔާގެ މައި ސަރުކާރު މަޝްވަރާކުރުމަށްފަހު ކަމަށެވެ.

މި ބައްދަލުވުމުގައިވަނީ ގޭމްސްގައި ފުރަތަމަ ފަހަރަށް ޓެނިސް ބައިވެރިކުރަން ނިންމައިފަ އެވެ. މިއާއެކު ގޭމްސްގައި ކުޅޭ ކުޅިވަރުތަކުގެ އަދަދު ވަނީ 23 އަށް އަރައިފަ އެވެ. ގޭމްސް އަށް އިންޑިޔާ އަށް ސާކުގެ އަށް ގައުމުން 4000 ގިނަ އެތްލީޓުން ދާން ކަމަށް ވެ އެވެ.