ރިސޯޓެއް ތަރައްގީ ކުރަން، މިދިޔަ ސަރުކާރުން މާލެ އަތޮޅުން ދޫކޮށްފައިވާ ފަޅެއް، ނެގި ފަރާތަކުން އެ ފަޅު ވިއްކާލައިފި އެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނީ ޓޫރިސްޓް ރިޒޯޓެއް ތަރައްގީ ކުރަން ކުއްޔަށް ދޫކޮށްފައިވާ ކ. މާލެ އަތޮޅު ފަޅު ފަޅެއް ކުއްޔަށް ދިނުމާބެހޭ ލީސް އެގްރީމަންޓްގެ ދަށުން، ފަޅެއް ކުއްޔަށްހިފާފައިވާ ފަރާތަށް ލިބިދީފައިވާ އެންމެހާ ހައްގުތައް އެހެން ފަރާތަކަށް ބަދަލު ކުރުމުގެ ހުއްދަ އަށް އެދި އެ މިނިސްޓްރީއަށް ހުށަހަޅާފައިވާ ކަމަށެވެ.
މި ފަޅުގެ ޖިއޮގްރެފިކަލް ކޯޑިނޭޓްސް ހާމަ ކުރުމާއެކު އެ މިނިސްޓްރީން ވަނީ އެ ފަޅާ ގުޅިގެން އެއްވެސް ދަރަންޏެއް ނުވަތަ މައްސަލައެއް އޮތް ފަރާތެއް ވާނަމަ އެ މިނިސްޓްރީ އަށް އަންގަން އެދިފަ އެވެ.
ކުއްޔަށް ހިފާފައިވާ ފަރާތަށް ލިބިދީފައިވާ ހައްގުތައް އެހެން ފަރާތަކަށް ބަދަލު ކުރަނީ އެ ތަނެއް ނުވަތަ އެއްޗެއް އެހެން ފަރާތަކަށް ވިއްކާލުމުންނެވެ.
ޓޫރިޒަމް މިނިސްޓްރީގެ ވެބްސައިޓުގައި ހުރި މައުލޫމާތު ތަކަށް ބަލާއިރު، މި ފަޅު ފުރަތަމަ ކުއްޔަށް ދީފައި ވަނީ އަމްބާރިއާ ޕްރޮޕަޓީ ކިޔާ ކުންފުންޏަކުންނެވެ. މި ފަޅު އޮންނަނީ ދިއްފުއްޓާއި ސަންގެލި ރިސޯޓާއި ދެމެދުގަ އެވެ. ނަމަވެސް މި ފަޅު ވިއްކާލާފައި ވަނީ ކޮން ފަރާތަކަށް ކަމެއް ޓޫރިޒަމް މިނިސްޓްރީން ބުނެފައެއް ނުވެ އެވެ.
ރިސޯޓް ތަރައްގީ ދޫކޮށްފައިވާ ފަޅެއް ގަތްކަން އެންމެ ފަހުން މީޑިއާ އަށް ތިލަވެފައި ވަނީ ރާއްޖޭގެ ހަންބޯ ކުންފުނީގެ ވެރިޔާ، އަދި ވިޔަފާރިވެރިޔާ ހަސަން މަމްދޫހު (މަންޑޭ) އެވެ. މާލެ އަތޮޅުގައި ހިއްކައިގެން ހަދާފައިވާ ދެ ރަށް އޭނާ ބައްލަވައިގެންފައި ވެއެވެ.
ރައީސް އަބްދުﷲ ޔާމީންގެ ފަސް އަހަރުގެ ވެރިކަމުގައި 30 ފަޅެއް މާލެ އަތޮޅުން ރިސޯޓު ތަރައްގީ ކުރަން ދޫކުރި އެވެ. މިގޮތަށް ދޫކުރި ފަޅުތަކުގައި އެތައް ބިލިއަން ޑޮލަރުގެ ރިސޯޓު ހުޅުވާފައިވެ އެވެ. ފަޅެއް ހިއްކައިގެން މިހާތަނަށް ހުޅުވާފައިވާ އެންމެ ބޮޑު ޓޫރިޒަމް ޕްރޮޕަޓީތަކުގެ ތެރޭގައި ތައިލެންޑުގެ ސިންހަ ކުންފުނިން އެނބޫދޫ ފަޅު ހިއްކައިގެން ހެދި ކްރޮސްރޯޑް މޯލްޑިވްސް އާއި މެދުއިރުމަތީގެ މަހުޖަނަކާއި ގުޅިގެން ހ. ސީސައިޑް މުހައްމަދު އަލީ ޖަނާހު ހެދި، ވޮލްޑޯފް އެސްޓޯރިއާ އިތާފުށި މޯލްޑިވްސް ހިމެނެ އެވެ.
މީގެ އިތުރުން ދެން އެންމެ އަވަހަށް ހުޅުވާނެ އެފަދަ އެއް ޕްރޮޕެޓީއެއް ކަމަށް ބެލެވެނީ ރިޒް ކާލްޓަން އިން ހުޅުވާ ފަރި މޯލްޑިވްސް އެވެ. މި މަޝްރޫއުގެ އިތުރުން މާލެ އަތޮޅު ސެންތާރާ، ކައިރީގައިވާ ގަލްފް ކްރާފްޓް ކުންފުނިން ވެސް އެ ފަޅުގައި ހަ ރަށް ހިއްކުމުގެ މަސައްކަތް ދާދި ފަހުން ވަނީ ކުންފުންޏަކާ ހަވާލުކޮށްފަ އެވެ.