އަންނަ ފެބްރުއަރީ މަހު ބާއްވާ ސައުތު އޭޝިއަން ގޭމްސް ބޮއިކޮޓް ކުރަން ޕާކިސްތާނުގެ ކުޅުންތެރިން ގޮވާލަން ފަށައިފި އެވެ.
ސާކް ސަރަހައްދުގެ އެންމެ ބާރުގަދަ އަދި އެންމެ ވާދަވެރި ދެ ގައުމުގެ ތެރެއިން ޕާކިސްތާނުގެ ކުޅުންތެރިން މި ފަދައިން ގޮވާލަން ފެށީ ކްރިކެޓް މެޗުތަކުގެ މައްސަލާގަ އެވެ.
މި ދެ ގައުމުގެ ވެސް ގައުމީ ކުޅިވަރު ކަމަށްވާ ކްރިކެޓް ސީރީސްއެއް ޕާކިސްތާނުގައި ކުޅެން އިންޑިޔާއިން ދަނީ ދެކޮޅު ހަދަމުންނެވެ. އެ ގައުމުން ބޭނުންވަނީ ޕާކިސްތާނުގެ ބަދަލުގައި މެދުއިރުމަތީގެ ޑުބާއީގައި މެޗު ކުޅުމަށެވެ.
މިކަމާހެދި އިންޑިޔާގެ ބައެއް ކުޅިވަރު ކުޅުންތެރިން ބުނަމުންދަނީ ގައުމީ ކުޅިވަރަށް ޕާކިސްތާނަށް ދާނެވޭ ބަޔަކާއެކު މުބާރާތެއް ކުޅެން ދިއުމުގެ ބޭނުމެއް ނެތް ކަމަށެވެ.
ސައުތު އޭޝިއަން ގޭމްސް ކުރިން ބާއްވަން އޮތީ އަންނަ ޖެނުއަރީ މަހު އެވެ. ނަމަވެސް އެދުވަސްވަރު އިންޑިޔާ އަށް ފިނިގަދަވާނެތީވެ މުބާރާތް މިހާރު ވަނީ ފެބްރުއަރީ މަހަށް ލަސްކޮށްފަ އެވެ.