ލައިފްސްޓައިލް

މުދަލުގެ ދަހިވެތިކަމުގައި ދިރިހުރި މީހަކު މަރުވިކަމަށް ހަދައިފި

ޕަންކަޖް ތްރިޕާތީގެ އެންމެ ފަހުގެ ފިލްމު "ކާގަޒް" ބެލިން ހެއްޔެވެ؟ އިންޑިޔާގެ އުއްތަރު ޕްރަދޭޝްގައި މި ދަނޑުވެރިޔާ އަށް ދިމާވެގެން އުޅެނީ އެ ފިލްމުގައި ފެންނަ ކަންތައްތައް ކަހަލަ ކަމަކާ އެވެ. އުމުރުން 65 އަހަރުގެ މި ދަނޑުވެރިޔާ މަރުވީ ކަމަށް ކަމާ ބެހޭ އިދާރާތަކަށް ޔަގީން ކޮށްދީފައިވަނީ އޭނާގެ އެއްބަނޑު އެއްބަފާ ބޭބެ އެވެ. އެއީ އަމޯއީ ވިލެޖުގައި އޮތް ދެބެންގެ ބިމެއް އޭނާ އެކަނި މިލްކުކުރުމަށް ކޮށްގެން އުޅޭ ކަމެކެވެ.

ދަނޑުވެރިޔާ ބޯލާ ސިންގް، އެހިސާބުގަނޑުގެ ޑިސްޓްރިކްޓް ކަލެކްޓާ އޮފީހުގެ ބޭރުގައި ކޮންމެ ދުވަހަކުވެސް އިރު އެރީއްސުރެ އިރު އޮއްސެންދެން ފިލާގަނޑެއްގައި ލިޔުމެއް ލިޔެ ތަތްކޮށްގެން އެ ހިފައިގެން އިށީނދެގެން އިދެ އެވެ.
"ސާ. އަހަރެން މަރެއް ނުވޭ. ސާ. އަހަންނަކީ އިންސާނެއް. ރޫހެއް ނޫން،" އެމީހާ ހިފައިގެން އިންނަ ފިލާގަނޑުގައި ލިޔެފައި ވެއެވެ.

މިރްޒާޕޫރް ޑިސްޓްރިކްޓް އެޑްމިނިސްޓްރޭޝަނުން ބޯލާ އަށް އޭނާ މަރުނުވާ ކަމުގެ ހެކި ދެއްކުމުގެ ފުރުސަތު މިހާރު ވަނީ ދީފަ އެވެ. ޑީއެންއޭ ހަދައިގެންނެވެ. ބޯލާގެ މައްސަލަ ބޮލާ އޮފިޝަލު އިންޑިޔާގެ ނޫހަކަށް ބުނި ގޮތުގައި ޑީއެންއޭ ހަދައިގެން ހެކި ދައްކަން ބޯލާ އަށް ޖެހިފައިވަނީ އަމޯއީ ވިލެޖުގެ އެއްވެސް މީހަކަށް ބޯލާ ނޭނގޭތީ އެވެ.

މައްސަލަ ބެލި އޮފިޝަލު ބުނި ގޮތުގައި ފާއިތުވީ 20 އަހަރު ބޯލާ ދިރިއުޅުނީ އަމޯއީ ވިލެޖަކު ނޫނެވެ. އެހެން އަވަށެއްގަ އެވެ. ބޯލާ އަމޯއީ އަވަށަށް ގެންދިޔައިމަ އެއްވެސް މީހަކަށް އެއީ ކާކުކަން ނޭނގުނީ އެހެންވެ އެވެ. އަދި ޚުދް ބޯލާ އަކަށް ވެސް އެ އަވަށުގެ އެއްވެސް މީހަކު ވަކިކުރާކަށް ނޭނގެ އެވެ. ބޯލާ ބުނަނީ އެހެން ދިމާވީ ފާއިތުވީ 20 އަހަރު އޭނާ އެހެން އަވަށެއްގައި ދިރިއުޅުނީމަ އެވެ.

މެޖިސްޓްރޭޓް އޮފީސް ބޭރުގައި ރިޕޯޓަރުންނާ ވާޙަކަ ދައްކަމުން ވެސް ބޯލާ ބުނަނީ ހަމަ އެއް ވާހަކަ އެކެވެ. އޭނާގެ ނަމަކީ ބޯލާ ކަމަށާއި އޭނާ އަކީ މަރުވެފައިވާ މީހެއް ނޫން ކަމަށެވެ.

ބޯލާ ބުނި ގޮތުގައި އޭނާގެ ބައްޕަ މަރުވަމުން ބައްޕަގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ބިމެއް އޭނާ އަށާއި އޭނާގެ އެއްބަނޑު އެއްބަފާ ބޭބެ ރާޖް ނާރަޔަން އަށް ހިބަކޮށްދީފައިވާ ކަމަށެވެ.

"ލޭންޑް ރެވެނިއު ރެކޯޑްސްތަކުގައިވާ ގޮތުން އަހަރެންނަކީ މަރުވެފައިވާ މީހެއް. އެކަމަކު އަހަރެން މިހުރީ ދިރި،" ބޯލާ ނޫސްވެރިން ކައިރީ ބުންޏެވެ.

ބޯލާ މި މައްސަލަ ފުލުހުންނަށް ފުރަތަމަ ހުށަހެޅީ ނޮވެމްބަރު 2016 ގައެވެ. އޭނާއަށް މަކަރުހަދައި އޮޅުވާލައި ގޭގެ ލިޔުންތަކުގެ ވަގު ކޮޕީ ހައްދައި އޭނާގެ ސޮއި ވަގަށް ކޮށްގެން ވާރުތައިން އޭނާއަށް ލިބުނު ބިމެއް އޭނާގެ ބޭބެ އަތުލައިގެން އުޅޭކަމަށް ބުނެފަ އެވެ.

އަދި ރާޖް ނާރަޔަން ހުށަހެޅި ފޭކް ލިޔުންތަކަކަށް ރިއާޔަތްކޮށް ކަމާ ބެހޭ އިދާރާތަކުން އޭނާ މަރުވެފައިވާ ކަމަށް ނިންމައި އޭނާގެ ބޭބެއަށް ބިން ހިބަކޮށްދީގެންނެވެ.

ފިލްމު "ކާގަޒް"ގައި ވެސް ވަނީ ހަމަ ބޯލާއަށް ދިމާވެގެން އުޅޭ ފަދަ ގޮތެކެވެ. ލާލް ބިހާރީ މިރްތަކް ކިޔާ މީހެއްގެ މުދާ ފޭރިގަންނަން އޭނާގެ އާއިލާގެ މީހުން އޭނާ މަރުވެފައިވާ ކަމަށް ބުނެ ކަމާ ބެހޭ އިދާރާތަކަށް ފޭކް ލިޔުންތަކެއް ލައިގެން ސަރުކާރުގެ ރެކޯޑްތަކުން އޭނާއަކީ މަރުވެފައިވާ މީހެއް ކަމަށް މުޅިން ނިންމަ އެވެ. އޯޓީޓީ ޕްލެޓްފޯމްގައި ރިލީޒްކުރި މި ފިލްމުގައި ދައްކާފައިވަނީ ލާލް ބިހާރީ މަރުނުވާ ކަމަށް ކަމާ ބެހޭ އިދާރާތަކަށް ޔަގީންކޮށްދޭން އޭނާއަށް ކުރަން ޖެހޭ ބުރަ މަސައްކަތާއި އެކަމުގައި އޭނާއަށް ކުރިމަތިވީ މައްސަލަތަކެވެ.