ހައިކޯޓް

އަންހެނުންނަށް ގޮނޑި ހާއްސަ ކުރުން ރަނގަޅު: ހުކުމް

Jan 24, 2021

ކައުންސިލް އިންތިހާބުގައި އަންހެނުންނަށް 33 ޕަސެންޓް ގޮނޑި ހާއްސަ ކުރި ނިންމުން ރަނގަޅު ކަމަށް ހައި ކޯޓުން ކަނޑައަޅައިފި އެވެ.

ކައުންސިލްތަކުން އަންހެނުންނަށް ގޮނޑި ހާއްސަކުރަން ގާނޫނަށް ގެނައި އިސްލާހު ގާނޫނު އަސާސީއާ ހިލާފު ކަމަށާއި އެއިން ގާނޫނުއަސާސީއިން ލިބިދޭ އަސާސީ ބައެއް ހައްގުތަކަށް އުނިވާ ކަމަށް ބުނެ ހައިކޯޓަށް ދުސްތޫރީ މައްސަލަ ހުށަހެޅުއްވީ ޖުމްހޫރީ ޕާޓީގެ ޒުވާނުންގެ ގޮފީގެ ކުރީގެ ރައީސް، މޫސާ އަންވަރެވެ.

އެ މައްސަލަ ބެލުމަށް ފަހު ނިންމީ މައްސަލަ ބެއްލެވި ހައިކޯޓުގެ ފަސް ފަނޑިޔާރުންގެ ބެންޗުގެ އިއްތިފާގު ވެގެނެވެ. އެ ނިންމުމުގައި ބުނެފައި ވަނީ ކައުންސިލް އިންތިހާބަށް އަންހެނުންނަށް 33 ޕަސެންޓު ގޮނޑި ހާއްސަ ކުރުމަކީ ގާނޫނުއަސާސީއާ ހިލާފަށް ކޮށްފައިވާ ކަމެއް ނޫން ކަމަށެވެ.

މި މައްސަލަ ބެއްލެވީ ފަނޑިޔާރު މުހައްމަދު ނިޔާޒާއި އަލީ ސަމީރާއި އަބްދުއްރައޫފް އިބްރާހިިމާއި ހުސައިިން ޝަހީދުގެ އިތުރުން ހާތިފް ހިލްމީ އެވެ. ރިޔާސަތު ބެލެހެއްޓެވީ ނިޔާޒެވެ.