މޯލްޑިވްސް ޕޮލިސް ސާވިސް

ދޫނިދޫގައި ހަ ބުރީގެ ފުލުސް އިމާރާތެއްގެ ބިންގާ އަޅައިފި

ސަރުކާރުން ތަހުގީގު ޖަލެއްގެ ގޮތުގައި ބޭނުން ކުރާ ދޫނިދޫގައި ފުލުސް އެކޮމެޑޭޝަނަށާއި ކުށުގެ ތުހުމަތުގައި ތިބޭ މީހުންގެ ބައެއް ކަން ކަންކަމަށް ހާއްސަ ކޮށްގެން ހަ ބުރީގެ އިމާރާތެއް އެޅުމުގެ މަސައްކަތް ފަށައިފި އެވެ.

އިމާރާތުގެ މަސައްކަތް ފެށުމުގެ ގޮތުން މިއަދު ހެނދުނު ބިންގާ އަޅުއްވައި ދެއްވީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ފުލުސް ކޮމިޝަނާ މުހައްމަދު ހަމީދެވެ.

ބިންގާ އަޅުއްވައި ދެއްވުމަށް ފަހު ހޯމް މިނިސްޓަރު ވިދާޅުވީ ފުލުހުންގެ މަސައްކަތަށް ބޭނުންވާ ވަސީލަތްތައް ގާއިމުވެފައި ހުރުމަކީ މުހިންމު ކަމެއް ކަމަށާއި އެ މުއައްސަސާ ތަރައްގީކޮށް ކުރިއަރުވަން ސަރުކާރުން މަސައްކަތް ކުރާ ކަމަށެވެ. އަދި ކޮމިޝަނާ ހަމީދު ވިދާޅުވީ އާ އިމާރާތް ނިމުމުން ދޫނިދޫގައި މަސައްކަތްކުރާ ފުލުހުނަނަށް މިހާރު ދިމާވެފައި ހުރި ދަތިތައް ހައްލު ވާނެ ކަމަށެވެ.

ފުލުސް އިދާރާއިން ބުނާ ގޮތުގައި ޖަލު، ރަށުގައި އަޅާ އެ އިމާރާތަކީ ޒަމާނީ ވަސީލަތްތަކާއެކު އަޅާ އިމާރާތެކެވެ.

ދޫނިދޫގައި އަޅާ ހަ ބުރީގެ އިމާރާތް

  • ފުލުހުންގެ އެކޮމަޑޭޝަން ބްލޮކެއް
  • ވީއައިޕީ އެކޮމަޑޭޝަން ބްލޮކެއް
  • ކްލާސް ރޫމާއި ކޮންފަރެންސް ރޫމެއް
  • ފުލުސް މެސްރޫމަކާއި ބަދިގެއެއް
  • ހައްޔަރު ކުރާ މީހުންގެ ކެއިން ބުއިމުގެ އިންތިޒާމް


ފުލުސް އިދާރާއިން މިއަދު ބުނީ އާ އިމާރާތް ނިމޭއިރު ދުނިދޫގައި ހިނގާ ތަހުގީގުތަކަށް ފަހިވާ ގޮތަށް ގިނަ އިންތިޒާމް ތަކެއް އެ އިމާރާތުގައި ހަމައްސާފައި ހުންނާނެ ކަމަށެވެ.

ތަހުގީގު ޖަލު، ދޫނިދޫގައި އަބަދުވެސް ގިނަ އަދެދެއްގެ ފުލުހުން ތިބެ އެވެ. އަދި އެކި މައްސަލަތަކުގައި ތުހުމަތަށް ހައްޔަރު ކުރާ މީހުން ބަންދު ކޮށްފައި ތިބެ އެވެ.