ހަބަރު

އުރީދޫ ފަޅައިލި މީހުންގެ ތެރެއިން އެކަކު ފާހަގަކޮށް ހޯދަނީ

Oct 26, 2015

އުރީދޫގެ މައި އިމާރާތުގެ ސެކިއުރިޓީ ގާޑު ރަހީނުކުރުމަށްފަހު އެއްލައްކަ ރުފިޔާއަށް ވުރެ ގިނަ ފައިސާ ނެގި މައްސަލައިގަ ތުހުމަތު ކުރެވޭ މީހާ ފާހަގަކޮށް އޭނަގެ ނަމާއި ފޮޓޯއާއެކު ހޯދަން އިއުލާންކޮށްފި އެވެ.

މި މައްސަލައާ ގުޅިގެން އާންމު ކުރި ވީޑީއޯއަށްފަހު ފުލުހުން ވަނީ އޭނާ ފާހަގަކޮށް ފޮޓޯ އާއި ނަން ހިމެނޭ ގޮތަށް ހޯދަން އިއުލާންކޮށްފައެވެ. ނަމަވެސް ފުލުހުންގެ ވެބްސައިޓްގައި އެއީ އުރީދޫ މައްސަލާގައި ތުހުމަތުވާ މީހަކަށް ބުނެފައެއް ނުވެއެވެ. އެހެން ނަމަވެސް އަވަސް އަށް ކަށަވަރުވެފައިވާ ގޮތުގައި އެއީ އުރީދޫ މައްސަލާގައި ވިޑީއޯ އާންމުކޮށް އެއީ ކާކުކަން ފާހަގަކޮށްދޭން ފުލުހުން އެދިފައިވާ މީހާ އެވެ.

މިހާރު ފުލުހުން ހޯދަން ފަށާފައިވާ ކަމަށް ބުނެފައި ވަނީ މީހަކީ ހއ. ތަކަންދޫ، މުހައްމަދު މިރާޒް 22، އެވެ.

ފުލުހުން ކުރިން އާންމު ކޮށްފައިވާ ވީޑިއޯއާ ގުޅިގެން ފުލުުން ބުނީ، އެ ވީޑިއޯ އަކީ ޕްރައިވެޓް ކުންފުންޏެއްގެ އޮފީހެއްގެ ގާޑުން ރަހީނުކޮށް، އެތަނުގެ ތިން ތިޖޫރިއެއް ފަޅާލައި 100،000 އަށްވުރެ ގިނަ ރުފިޔާ ވަގަށް ނަގާފައިވާ މައްސަލައަކާ ގުޅިގެން ހޯދަން ބޭނުންވެ މިހާތަނަށް ފުލުހުން ކުރި މަސައްކަތުން އެއީ ކޮން ބައެއްކަން ދެނެގަނެވިފައިނުވާތީ އާންމުކޮށްފައިވާ ވީޑިއޯ އެއް ކަމަށެވެ.

ފުލުހުން މިއަދު އާންމުކުރި ވީޑިއޯގައި އުރީދޫ އޮފީހަށް ވަދެ އެތަނުގައި ހަރަކާތްތެރިވާ ފަސް ޒުވާނަކު ފެނެއެވެ. އެކަމަކު މޫނު އެހާ ސާފެއް ނޫނެވެ.

ސްޓޭޓް ބޭންކް އޮފް އިންޑިއާ ހުންނަ، ސަން ލީޓް އިމާރާތުގައި ހިންގާ އުރީދޫ މައި އޮފީހުގައި ހުރި ތިޖޫރިއެއް ފަޅާލައި ލައްކައަކަށްވުރެ ގިނަ ރުފިޔާ ބަޔަކު ވަގަށް ނަގާފައިވަނީ މިމަހުގެ 10 ވަނަ ދުވަހުގެ ރޭ ދަންވަރު އެ އޮފީހުގެ ސެކިއުރިޓީ ގާޑު ރަހީނުކުރުމަށްފަހު އިމާރާތުގެ ތެރެއަށް ވަދެގެންނެވެ.