ހަބަރު

އުރީދޫއިން ވައްކަންކުރި މީހުން ހޯދަން ފުލުހުން ވީޑިއޯއެއް އާންމުކޮށްފި

ސެކިއުރިޓީ ގާޑު ރަހީނުކުރުމަށްފަހު އުރީދޫގެ މައި އިމާރާތަށް ބަޔަކު ވަދެ އެއްލައްކަ ރުފިޔާއަށް ވުރެ ގިނަ ފައިސާ ނެގި މައްސަލައިގަ ތުހުމަތު ކުރެވޭ މީހުން ހޯދަން، އެ މީހުން އޮފީސް ތެރޭގައި ހަރަކާތެރިވާ ވިޑިއޯއެއް ފުލުހުން އާންމުކޮށްފި އެވެ.

ފުލުހުންގެ ވެބްސައިޓުގައި މިއަދު އާންމު ކޮށްފައިވާ ވީޑިއޯ އަކާ ގުޅިގެން ފުލުުން ބުނީ، އެ ވީޑިއޯ އަކީ ޕްރައިވެޓް ކުންފުންޏެއްގެ އޮފީހެއްގެ ގާޑުން ރަހީނުކޮށް، އެތަނުގެ 3 ތިޖޫރިއެއް ފަޅާލައި 100،000 އަށްވުރެ ގިނަ ރުފިޔާ ވަގަށް ނަގާފައިވާ މައްސަލައަކާ ގުޅިގެން ހޯދަން ބޭނުންވެ މިހާތަނަށް ފުލުހުން ކުރި މަސައްކަތުން އެއީ ކޮން ބައެއްކަން ދެނެގަނެވިފައިނުވާތީ އާންމުކޮށްފައިވާ ވީޑިއޯ އެއް ކަމަށެވެ.

ފުލުހުން މިއަދު އާންމުކުރި ވީޑިއޯގައި އުރީދޫ އޮފީހަށް ވަދެ އެތަނުގައި ހަރަކާތްތެރިވާ ފަސް ޒުވާނަކު ފެނެއެވެ. އެކަމަކު މޫނު އެހާ ސާފެއް ނޫނެވެ.

ސްޓޭޓް ބޭންކް އޮފް އިންޑިއާ ހުންނަ، ސަން ލީޓް އިމާރާތުގައި ހިންގާ އުރީދޫ މައި އޮފީހުގައި ހުރި ތިޖޫރިއެއް ފަޅާލައި ލައްކައަކަށްވުރެ ގިނަ ރުފިޔާ ބަޔަކު ވަގަށް ނަގާފައިވަނީ މިމަހުގެ 10 ވަނަ ދުވަހުގެ ރޭ ދަންވަރު އެ އޮފީހުގެ ސެކިއުރިޓީ ގާޑު ރަހީނުކުރުމަށްފަހު އިމާރާތުގެ ތެރެއަށް ވަދެގެންނެވެ.

އެ ވީޑިއޯގައި ފެންނަ އެއްވެސް މީހަކާއި ބެހޭ މައުލޫމާތެއް އެނގޭނަމަ އެކަން ލަސްނުކޮށް އަންގަން ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ.

ފުލުހުންނަށް މައުލޫމާތު ހުށަހަޅަށް ބޭނުންވާ ފަރާތްތަކުން ޕޮލިސް ސާވިސްގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާރޓްމަންޓްގެ ނަމްބަރު 9911099 ނުވަތަ ޕޮލިސް ހޮޓްލައިން ނަމްބަރު 3322111 އަށް ގުޅުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ.