ވިޔަފާރި

2021 ގެ ބަޖެޓް: 256.4 މިލިއަން ރުފިޔާ ހަރަދުކޮށްފި

މި އަހަރަށް ފާސްކުރި ބަޖެޓުން މިހާތަނަށް 256.4 މިލިއަން ރުފިޔާ ހަރަދުކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން އާއްމުކުރި "ވީކްލީ ސްޕެންޑިން" ރިޕޯޓް ދައްކާ ގޮތުން ޖެނުއަރީ 14 ގެ ނިޔަލަށް މި ބަޖެޓުން 256.4 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ. މީގެ ތެރެއިން 192.9 މިލިއަން ރުފިޔާ ހޭދަކޮށްފައިވަނީ ރިކަރަންޓު ހަރަދުތަކަށެވެ. މި ހަރަދުގެ ތެރެއިން 6.9 މިލިއަން ރުފިޔާ ހޭދަކުރީ ސަރުކާރު މުވައްޒަފުންނަށް މުސާރަ ދޭށެވެ. އަދި އެޑްމިނިސްޓްރޭޓިވް ހަރަދުތަކަށް 185.9 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ.

ކެޕިޓަލް ހަރަދުގެ ގޮތުގައި މިހާތަނަށް 63.5 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ. އަދި ފިނޭންސިން އަދި އިންޓެސްޓް ކޮންސްޓަށް 30.8 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ.

މިހާތަނަށް ސަރުކާރުގެ އޮފީސްތަކަށް ދީފައިވާ ބަޖެޓުން އެންމެ ބޮޑު ހޭދައެއް ކުރީ 2.2 ބިލިއަން ރުފިޔާގެ ބަޖެޓެއް ދީފައިވާ ހެލްތް މިނިސްޓްރީއިންނެވެ. ކޮވިޑް-19 އާ ގުޅިގެން ބޮޑެތި ހޭދަތަކެއް ކުރަމުން ގެންދާ އެ މިނިސްޓްރީން މިހާތަނަށް 34 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ.

އާމްދަނީއަށް ލިބުނީ 246 މިލިއަން

މިހާތަނަށް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 246.6 މިލިއަން ރުފިޔާ އެވެ. ޓެކުހުގެ ގޮތުގައި 160.0 މިލިއަން ރުފިޔާ ލިބުނުއިރު، ޓެކްސް ނޫން ގޮތްގޮތުން 85.5 މިލިއަން ރުފިޔާ އެވެ. އަދި ހިލޭ އެހީގެ ގޮތުގައި ގާތްގަނޑަކަށް ލިބުނީ ދެ ލައްކަ ރުފިޔާ އެވެ.

ރައްޔިތުން މަޖިލީހާއި ސަރުކާރު ގުޅިގެން މި އަހަރަށް ފާސް ފާސްކޮށްފައިވަނީ 34.7 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. މި ބަޖެޓުގައި އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ލިބޭނެކަމަށް ލަފާކޮށްފައިވަނީ 17.8 ބިލިއަން ރުފިޔާ އެވެ. އަދި މި އަހަރު 33.3 ބިލިއަން ރުފިޔާ ހަރަދު ވާނެ ކަމަށް އަންދާޒާކޮށް ހިސާބު ޖަހާފައިވާއިރު، މި ބަޖެޓުން 15.5 ބިލިއަން ރުފިޔާ ޑެފިސިޓް ވާނެ ކަމަށް ވެސް އަންދާޒާ ކުރި އެވެ.