ވިޔަފާރި

ހަތަރު ރަށެއްގައި އެއާޕޯޓް އަޅާނެ ބަޔަކު ހޯދަނީ

ހަތަރު ރަށެއްގައި އެއާޕޯޓް އަޅައިދޭން، ޝައުގުވެރިވާ ފަރާތްތައް ހޯދަން މިނިސްޓްރީ އޮފް ފިނޭންސް އިއުލާނު ކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން ބުނި ގޮތުގައި ޕްލޭނިން މިނިސްޓްރީގެ އެދުމުގެ މަތިން، ބ. ތުޅާދޫ އާއި ތ. ވިލުފުއްޓާއި ށ. ބިލަތްފަހީގެ އިތުރުން ހދ. މަކުނުދޫގައި އެއާޕޯޓް އަޅަން ޝައުގުވެރިވާ ފަރާތްތަކުން އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (އީއޯއައި) ހުށަހެޅުމުގެ ދައުވަތު މިކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލާފައިވެ އެވެ.

މި މަސައްކަތްތަކަށް އީއޯއައި ހުށަހަޅާއިރު އެއް އެއް ފަރާތަކުން އެއަށްވުރެ އެއް އެއާޕޯޓަށްވުރެ ގިނަ އެއާޕޯޓަށް ޝައުގުވެރިކަން ފާޅުކޮށް ހުށަހެޅުމުގެ އިހްތިޔާރު ލިބިގެންވާ ކަމަށެވެ.

އަލަށް އެއާޕޯޓް އަޅާ ރަށްތައް

  • ބ. ތުޅާދޫ
  • ތ. ވިލުފުށި
  • ށ. ބިލަތްފަހި
  • ދ. މަކުނުދޫ

ފިނޭންސުން ބުނީ މި މަސައްކަތްތަކާއި ގުޅޭ މައުލޫމާތު ހިމެނޭ ގޮތަށް ތައްޔާރުކުރެވިފައިވާ ޓާރމްސް އޮފް ރިފަރެންސް (ޓީއޯއާރް) މި ފިނޭންސް މިނިސްޓްރީގެ ސައިޓުން މިމަހުގެ 31 އިން ފެށިގެން ޑައުންލޯޑް ކުރެވެން ކުރެވޭނެ އެވެ.

މި ޝައުގުވެރިކަން ފާޅުކުރުމުގެ ދައުވަތާއި ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މައުލޫމާތުތަށް ވެބްސައިޓް މެދުވެރިކޮށް ހޯދުމަކީ ޝައުގުވެރިކަން ފާޅުކުރާ ފަރާތުގެ ޒިންމާއެއް ކަމަށެވެ. މި މަސައްކަތައް ޝައުގުވެރިކަން ފާޅު ކުރާ ފަރާތްތަކުގެ ތެރެއިން ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ދައުވަތު ދެވޭނެ އެވެ.

ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމުގެ ކުރިން ތިރީގައި މި ދަންނާވާ ގަވާއިދުތަކާއި ސިޔާސަތުތަކުގެ ދަށުން ރަޖިސްޓްރީވުމަށް ކަނޑައަޅާފައިވާ ޝަރުތުތައް ފުރިހަމަވާނެކަން ޔަގީންކުރަން ވާނެ އެވެ.
އެ ޝަރުތުތަކަކީ އިމާރާތްކުރުމުގެ އަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ގަވާއިދާއި ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް ޕޮލިސީ އެވެ. މި މަސައްކަތް ކުރުމަށް ޝައުގުވެރިވާ ޝަތުރު ހަމަވާ ފަރާތްތަކުން އަންނަ މަހުގެ 15 ގެ 14:00 ގެ ނިޔަލަށް އެ މިނިސްޓްރީ އަށް އީއޯއައި ފޮނުވަން ޖެހެ އެވެ.

މީހުން ދިރިއުޅޭ ކޮންމެ ރަށަކުން 20 މިނެޓުން ދެވޭނެ އިންތިޒާމު ހަމަޖެއްސުމަކީ މި ސަރުކާރުގެ ވައުދެކެވެ. އަދި މިއީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ވެސް ގެންގުޅުއްވި ޕޮލިސީ އެކެވެ. މި މަގުސަދުގައި ގިނަ އަދަދެއްގެ ޑޮމެސްޓިކް އެއާޕޯޓުތަކެއް މިދިޔަ ސަރުކާރުން އެޅި އެވެ. މިހާރު ރާއްޖޭގައި ތިން އިންޓަނޭޝަނަލް އެއާޕޯޓާއެކު 14 އެއާޕޯޓެއް އެބައޮތެވެ.