ވިޔަފާރި

ބާޒާރުން ހުސްވެފައިވާ ބާވަތްތައް މާދަމާ ލިބޭނެ: ވިޔަފާރިވެރިން

ބާޒާރުން މިހާރު ހުސްވެ އަގު މަތިވެފައިވާ ބާވަތްތައް މާދަމާ ރާއްޖެ އަށް ލިބޭނެ ކަމަށް މުދާ އެތެރެކުރާ ބައެއް ކުންފުނި ތަކުން ބުނެފި އެވެ.

ބާޒާރުގައި މިހާރު ހުސްވެ މަދުވެފައިވާ ބާވަތްތަކުގެ ތެރޭގައި ކެރެޓާއި ލޮނުމެދު އަދި ލުނބޯގެ އިތުރުން އޮރެންޖު ވެސް ހިމެނެ އެވެ. ކުރިން 50ރ. އަށް ވިއްކި ކެރެޓު ކިލޯއެއް ހުރީ 150ރ. އަށެވެ. އަދި 450ރ. އަށް ވިކި ލޮނު މެދު ކިލޯއެއް 800ރ. އަށް އަރައިގެން ދިއުމަށްފަހު މިހާރު ވަނީ ތިރިވެފަ އެވެ. އަދި އޮރެންޖު ވެސް ބާޒާރުގައި ވަނީ މަދުވެފަ އެވެ.

މި ބާވަތްތައް ރާއްޖެ އަށް އެންމެ ގިނައިން އެތެރެ ކުރާ އެއް ކުންފުނި ކަމަށްވާ ފްރޮންޓިއާގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ރަފީގު އަވަސް އަށް ވިދާޅުވީ ހުސްވެފައިވާ ބާވަތްތަކުގެ ޝިޕްމަންޓެއް މިރޭ މާލެ ބަނދަރަށްވެ، މާދަމާ ހުސް ކުރެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

"އަޅުގަނޑުމެންނަކީ ބޮޑު ފައިދާއެއް ހޯދުމުގެ ބަދަލުގައި އެކަށީގެންވާ މާޖިންއެއް ލައިގެން ވިޔަފާރި ކުރާ ބައެއް. އެހެންވެ މަގުސަދަކީ މި ބާވަތްތައް ރާއްޖެ އެތެރެކޮށް އަގުތައް ތިރި ކުރުން. އިރާދަ ކުރެއްވިއްޔާ މުދާ ނެރެގެން މާދަމާ އަގުތައް ތިރިކޮށްލުން މަގުސަދަކީ،" ރަފީގު ވިދާޅުވި އެވެ.

އެހެން ވިޔަފާރިވެރިއަކު ނަން ނުޖެހުމަށް އެދި ބުނި ގޮތުގައި އަގުތައް ބޮޑު ވެގެން އުޅެނީ ބައެއް ބާވަތްތަކުގެ ޝޯޓޭޖެއް އައުމުންނެވެ. ނަމަވެސް ކުރި އަށް އޮތް އެއް ދުވަސް ތެރޭ ބާޒާރުން މި ބާވަތްތައް ލިބޭނެ އެވެ.

"އާފަލް ވެސް މަދުވެފައިވަނީ. އެވެސް މާދަމާ އެބަލިބޭ. ގިނަ އަދަދެއްގެ ކޮންޓެއިނަރު މާދަމާ ހުސްކުރާނެ ކަމަށް މައުލޫމާތު ލިބިފައިވަނީ،" ވިޔަފާރިވެރިޔާ ބުންޏެވެ.