ހެޔޮ ގޮތުގައި ގައުމެއް ހިންގުމުގެ އެންމެ މުހިންމު އެއް މުއައްސަސާއަކީ ސިޔާސީ ޕާޓީ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ގިނަ ޕާޓީތައް ހިމެނޭ ވާދަވެރި ރިޔާސީ އިންތިހާބަކުން ރާއްޖޭގެ ރައީސް ކަމަށް ވަޑައިގެންނެވި ފުރަތަމަ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ ރައީސް މިއަދު ވިދާޅުވީ "ހެޔޮ ގޮތުގައި ގައުމެއް ހިންގުމުގެ އެންމެ މުހިންމު އެއް މުއައްސަސާއަކީ އިންތިޒާމް ވެގެން ހިންގާ ސުލްހަވެރި ސިޔާސީ ހަރަކާތް: ސިޔާސީ ޕާޓީ" ކަމަށެވެ.
ދެވަނަ ފަހަރަށް ރާއްޖެއަށް ޕާޓީ ނިޒާމް ގެނައުމަށް އުނދަގުލުގައި އެންމެ ބުރަ މަސައްކަތެއް ކުރައްވައި ކާމިޔާބު ހޯއްދެވި ލީޑަރު ޕާޓީ ނިޒާމްގެ ވާހަކަ މި ދެއްކެވީ އެ ނިޒާމްގެ ވާހަކަ އާދަވެ ދައްކަވާ ގޮތަށް ނުދައްކަވަތާ ވަރަށް ގިނަ ދުވަހަށް ފަހު އެވެ.
މި މޭރުމުންއެ މަނިކުފާނ މިއަދު ވާހަކަފުޅު ދެއްކެވީ މިހާރު އެމްޑީޕީއާ އެކުގައި ސިޔާސީ މަސައްކަތް ކުރާ އަދާލަތު ޕާޓީއެއްގެ ލިޑާޝިޕަށް ބޭފުޅުން ހޮވުމުގެ އިންތިހާބާ ދިމާކޮށް ކުރެއްވި ޓްވީޓެއް މެދުވެރިކޮށެވެ.
ރައީސް ނަޝީދު ވަނީ އަދާލަތުގެ އެތެރޭގެ އިންތިހާބާ ގުޅިގެން ޕާޓީގެ މެންބަރުންނަށް މަރުހަބާ ވެސް ވިދާޅުވެފަ އެވެ. އެތެރޭގެ އިންތިހާބު ބާއްވާ އަދާލަތު ޕާޓީއަކީ މިދިއަ އަހަރުތަކުގައި ގިނަ ސިޔާސީ ހަރަކާތް ގިނަ ޕާޓީއެއް ނޫނެވެ. އަދި ދައުލަތުން ސިޔާސީ ޕާޓީތަކަށް ދޭ ފައިސާ ލިބޭ މިންވަރަށް ވެސް އެ ޕާޓީގައި މެންބަރުން ހަމަ އެއް ނުވެ އެވެ.
މިއަދު ކުރިޔަށް ގެންދަނީ އެ ޕާޓީގެ ރައީސާއި ނައިބު ރައީސް ހޮވާ އިންތިހާބެކެވެ. އެކަމަކު އެ އިންތިހާބު ބާއްވަނީ ސައްހަކަން ގެއްލިފައިވާ ގޮތެއްގައި ކަމަށް ޕާޓީގެ ގިނަ މެންބަރުންތަކެއް ވަނީ ތުހުމަތުކޮށްފައިވާއިރު އިލެކްޝަންސް ކޮމިޝަނުން އެކަން ބަލައިގެންފައެއް ނުވެއެވެ.
ރާއްޖޭގައި އިންތިޒާމް. ވެގެން އެންމެ ފުޅާކޮށް ސިޔާސީ ހަރަކާތް ހިންގާނީ ރައީސް މުހައްމަދު ނަޝީދު ރައީސްކަން ކުރައްވާ އެމްޑީޕީ އާއި ރައީސް އަބްދުﷲ ޔާމީންގެ ލީޑަރުކަން ކުރައްވާ ޕީޕީއެމާއި ގާސިމް އިބްރާހިމްގެ ޖުމްހޫރީ ޕާޓީ އެވެ.