ޑރ. މުހައްމަދު ޖަމީލް އަހުމަދު

ފުލުހުންގެ ތަހުގީގު މިނިވަނެއް ނޫން: ޖަމީލް

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް ފުލުހުން ހިންގާ ތަހުގީގުތައް މިނިވަން ނޫން ކަމަށާ ފުލުހުންގެ އިދާރާ މިހާރު ސިފަވަނީ އެމްޑީޕީން ބޭނުންވާ ގޮތަކަށް މަސައްކަތް ކުރާ އިދާރާއެއްގެ ގޮތުގައި ކަމަަށް ރައީސް ޔާމީންގެ އިސް ވަކީލު ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތާ ގުޅިގެން ބަލަމުންދާ އިތުރު ރަށެއްގެ މުއާމަލާތަކާއި ގުޅޭ މައްސަލައެއްގައި ރައީސް ޔާމީން މިއަދު ވަނީ ފުލުހަށް ހާޒިރުކޮށްފައެވެ. ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން ރައީސް ޔާމީނާއި ސުވާލުކޮށް ތަހުގީގަށް ބަޔާން ނަގާފައިވާ ކަމަށެވެ.

ފުލުހުންގެ އިދާރާއިން ނިކުމެވަޑައިގެން ނޫސްވެރިންނާ ބައްދަލުކުރައްވާ އިސް ވަކީލު ޑރ. ޖަމީލް ވިދާޅުވީ ސަރުކާރު ހިންގާ ޕާޓީގެ އެކްޓިވިސްޓުން ރުއްސަން ރައީސް ޔާމީންގެ މައްޗަށް ތަފާތު މައްސަލަތައް އުފައްދައިގެން ދައުވާ ކުރަން ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށެވެ. މިއަދު ފުލުހަށް ހާޒިރުކޮށްގެންވެސް ކުރަމުންދަނީ އެ މަސައްކަތް ކަމަށް ވިދާޅުވިއެވެ. ޖަމީލް ވިދާޅުވީ ފުލުހުންގެ ތަހުގީގު މިނިވަން ނުވާނެ ކަމަށާ މުޅި ފުލުހުންގެ އިދާރާ އެމްޑީޕީގެ ސިޔާސީ ޖަގަހައަކަށް ހަދާފައިވާ ކަމަށެވެ.

"މި ތަހުގީގު މި ހިންގެނީ ރައީސް ޔާމީނަކީ މިވަގުތު އިދިކޮޅު ލީޑަރު ކަމަަށްވާތީ ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ހައްގުން މަހުރޫމް ކުރުވުމަށް. މިއީ އެއްވެސް ހާލެއްގައި އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ މައްސަލަތައް ބަލަން ކުރާ ކަމެއް ނޫން. އެކަންކަން ބެލުމުގެ އެއްވެސް ނިޔަތެއް ވިސްނުމެއް މިއަދުގެ ސަރުކާރުގައި އަދި ފުލުހުންގެވެސް ނެތް. އަޅުގަނޑުމެންނަށް މިއަދު ފުލުހުންގެ އިދާރާ މި ސިފަ ކުރެވެނީ ސީދާ ރަންރީނދޫ ކުލައިގެ އެމްޑީޕީގެ ވަފާތެރި އެމްޑީޕީން ބޭނުންވާ ގޮތަކަށް 'ނަށަން' ތިބި މުއައްސަސާއެއްގެ ގޮތުގައި. އެއީ ހިތާމައާއެކުވެސް ބުނަަން ޖެހޭ ވާހަކައަކީ،" ޖަމީލް ވިދާޅުވިއެވެ.

ޖަމީލް ވިދާޅުވީ ސުޕްރީމް ކޯޓްގައި ރައީސް ޔާމީންގެ އިސްތިއުނާފު ހިނގަމުންދާއިރު އަދި ދަށު ކޯޓްގައި އެމަނިކުފާނުގެ މައްޗަށް ދެ ދައުވާއެއްގެ ޝަރީއަތް ހިންގަމުންދާއިރު ފުލުހުން އިތުރު ތަހުގީގުތަކެއް ހިންގުމުގެ ނަމުގައި ކުރަމުންދަނީ ދިފާއުވުމުގެ ހައްގުން މަހުރޫމު ކުރުމުގެ އަމަލެއް ކަމަށެވެ. މިއީ ރޭވިގެން ސަރުކާރުން އަންގައިގެން ކުރަމުން ގެންދާ ކަމެއް ކަމަަށްވެސް ވިދާޅުވިއެވެ.

"މިއީ ސީދާ ރޭވިގެން ސަރުކާރުގެ ތެރެއިން ކުރަމުން ގެންދާ ކަމެއް. އެނގިވަޑައިގަންނަވާނެ ސުޕްރީމް ކޯޓްގެ އިސްތިއުނާފު މަރުހަލާ ކުރިއަށްދާއިރު ދަށު ކޯޓްގައިވެސް މައްސަލަތަކުގެ ޝަރީއަތްތައް ކުރިއަށްދާއިރު އެޓް ދަ ސޭމް ޓައިމް ފުލުހުންގެ ތެރޭގައިވެސް ތަހުގީގެއް މި ފެށީ. މީގެ ބޭނުމަކީ ރައީސް ޔާމީނަށް އެންމެ އާންމު ރައްޔިތަކަށްވެސް ލިބިގެންވާ ފުރިހަމަ ގޮތުގައި ދިފާއުވުމުގެ ހައްގުންވެސް މަހުރޫމު ކުރުން. އެނގިވަޑައިގަންނަވާނެ އެއް ފަރުދެއްގެ މައްޗަށް މަތީ ކޯޓާއި ދަށު ކޯޓްގައި އަދި އެއް ވަގުތެއްގައި ފުލުހުންގެ ތެރޭގައި ތަހުގީގެއް ކުރިއަށް ގެންދާނަމަ ދެން އެ މީހަކަށް ދިފާއުވުމަށް އެކަށީގެންވާ ފުރުސަތެއް ނޯންނާނެ ކަން އެންމެ އާދައިގެ މީހަކަށްވެސް އެނގޭނެ. އެހެންވެ އެ ފުރުސަތު ނުދިނުން މީގެ ބޭނުމަކީ،" ޖަމީލް ވިދާޅުވިއެވެ.

ޖަމީލް ވިދާޅުވީ ކޮންމެ ކަމަކަށްވެސް ވަގުތެއް ކަނޑައެޅިފައިވާ ކަމަށާ މިހާރު ހިންގަމުންދާ ކަންކަން ނިމޭނެ ދުވަހެއްވެސް އަންނާނެ ކަމަށެވެ. އެ ދުވަހަކުން އުސޫލުން ބޭރުން ކަންކަން ކުރި އެންމެންނާ އިންސާފު އަރާ ހަމަކުރާނެ ކަމަށްވެސް ވިދާޅުވިއެވެ.

ޔާމީނާއި ގުޅޭ މައްސަލައެއްގެ ތަހުގީގު ކުރިއަށްދާއިރު މިހާރުވެސް އެމަނިކުފާނު ގެންދަވަނީ ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. އެއީ މަނީ ލޯޑަރިންގެ މައްސަލައެއްގައެވެ. އެ މައްސަލައިގެ އިސްތިއުނާފު ސުޕްރީމް ކޯޓްގައި ފެށުމަށް ދަނީ ތައްޔާރުވަމުންނެވެ. މީގެ އިތުރުން ދަށު ކޯޓްގައި އިތުރު ދެ މައްސަލައެއް މިހާރުވެސް ހިނގަމުންދެއެވެ. އެއީ މަނީ ލޯންޑަރިންގެ ދައުވާ އާއި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާއެވެ.