އާޖޭންޓީނާގެ އަންހެނަކަށް އޭނާގެ ހަޔާތުގައި ވެސް ނުލިބޭ ވަރުގެ ވަރުގަދަ ޝޮކެއް ލިބިއްޖެ އެވެ. އޭނާގެ މަންމަ މަރުވީ ކަމަށް ހިތާ ޖަނާޒާގެ ކަންތައް ފުރިހަމަކޮށް އަންދާލަން މަދު ސިކުންތުކޮޅަކަށް ވެފައި ވަނިކޮށް މަންމަ މަރު ނުވާކަން އެނގުނީމަ އެވެ.
އާޖެންޓީނާގެ އިރުއުތުރުގެ ސިޓީއެއް ކަމަށްވާ ރެސިސްޓެންސިއާގައި ދިރިއުޅޭ މި އަންހެންމީހާގެ މަންމަ އަކީ 89 އަހަރުވެފައިވާ މީހެކެވެ. އޭނާ ބުނިގޮތުގައި މަންމަ މެޔަށް ތަދުވާތީ އުޅޭތީ އެ ރަށުގައި ހުންނަ ޕްރައިވެޓް ހޮސްޕިޓަލެއްގައި އެޑްމިޓް ކުރީ މިދިޔަ ހޮނިހިރު ދުވަހު އެވެ.
އޭގެ އަނެއް ދުވަހު އެ ހޮސްޕިޓަލުގެ ޑޮކްޓަރަކު މަންމަ މަރުވީ ކަމަށް ބުނެ މަރުވި ކަމުގެ ލިޔުން އޭނާއާ އާ ހަވާލު ކުރިކަމަށް ވެސް އަންހެންމީހާ ބުނެފައި ވެއެވެ.
"ޑޮކްޓަރު ބުނި މަންމަ މަރުވީ ކުއްލިއަކަށް ހިތް ހުއްޓިގެނޭ،" އިނގިރޭސި ވިލާތުގެ ނޫހަކަށް ދިން އިންޓަވިއު އެއްގައި އަންހެންމީހާ ބުންޏެވެ.
އާޖެންޓީނާގައި މަރުވާ މީހުން އަންދާލަނީ އިންސިނިރޭޓާ (އަންދާ މެޝިން) އަށް ލައިގެންނެވެ. ޖަނާޒާގެ ކަންތައް ނިންމުމަށްފަހު ކޮންވޭޔާ ބެލްޓުގައި ގަބުރު ބޭއްވުމުން އެ މެޝިންގެ ތެރެއަށް ގަބުރު ވަދެގެން ގޮސް އަނދައިގެންދާ ގޮތަށެވެ.
އަންހެންމީހާ ބުނި ގޮތުގައި ބެލްޓުގައި ބާއްވަން އުޅެނިކޮށް މަންމަ ދިރިހުރިކަމުގެ ނިޝާންތަކެއް ފެނުނުހެން އޭނާއަށް ހީވެގެން ވަގުތުން އަންދާލުމުގެ ކަންތައްތައް ހުއްޓުވީ އެވެ. އަދި ވަގުތުން އަނބުރާ ހޮސްޕިޓަލަށް ގެންދިޔައީ އެވެ.
އާޖެންޓީނަގެ ޑިއާރިއޯ ނޯޓޭ ނޫހުން ބުނެފައިވާ ގޮތުގައި ހޮސްޕިޓަލަށް ގެންދިޔައިރު އަންހެންމީހާ މަރެއް ނުވެ އެވެ. އޭނާއަށް އަދިވެސް ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށް އެ ނޫހުގައި ބުނެފައި ވެއެވެ. މިހާރު މި މައްސަލަގެ ތަހުގީގެއް އާޖެންޓިނަ ފުލުހުން ދަނީ ކުރަމުންނެވެ.