ބޭރު ކުޅިވަރު

ފީފާގެ ރައީސަކަށްވާނީ ކާކު؟

ދުނިޔޭގެ ފުޓްބޯޅަ ޖަމިއްޔާ ފީފާ އަށް އަންނަ ފެބްރުއަރީ މަހު އާ ރައީސަކު ހޮވާނެ އެވެ. 1998 ވަނަ އަހަރުން ފެށިގެން މިއަދދާ ހަމައަށް ފީފާގެ ރައީސްކަމުގައި ހުންނެވީ ސްވިޒަލޭންޑްގެ ސެޕް ބްލެޓާ އެވެ. ޖެހިޖެހިގެން ފަސް ވަނަ ދައުރެއް ކާމިޔާބު ކުރެއްވިތާ ތިން ދުވަސް ފަހުން މިދިޔަ ޖޫން މަހު އޭނާ އިސްތިއުފާ ދެއްވާނެކަމަށް ވިދާޅުވީ ކޮރަޕްޝަނުގެ ތުހުމަތުތަކާހެދި ފީފާގެ އެތެރެ އާއި ބޭރުން ފިއްތުތައް ކުރިމަތިވާން ފެށުމުންނެވެ. މިހެންވެ މި ރިޕޯޓްގައި މި ބަލާލަނީ މީގެ ތިން މަސް ފަހުން ދުނިޔޭގެ ފުޓްބޯޅައިގެ އެންމެ ބާރުގަދަ މަގާމަށް ވާދަކުރައްވާ އަދި އެންމެ ބޮޑަށް ވާދަކުރައްވާނެ ކަމަށް ލަފާކުރެވޭ ހަތަރު ބޭފުޅުންނަށެވެ.

1- ޖިއާނީ އިންފަންޓީނޯ

އުމުރު: 45

ގައުމު: އިޓަލީ އަދި ސްވިޒަލޭންޑް

ފުޓްބޯޅަ އަށް ހިދުމަތްކުރި މުއްދަތު: 15 އަހަރު

މިހާރު އަދާކުރާ ވަޒީފާ: ޔޫރަޕުގެ ފުޓްބޯޅަ ޖަމިއްޔާގެ ސެކެޓްރީ ޖެނެރަލް

ކުރިން އަދާކުރި ވަޒީފާތައް: ޔޫއޭފާއާ ގުޅުނީ 2000 ވަނަ އަހަރު އިންޓަނޭޝަނަލް ސެންޓަ ފޯ ސްޕޯޓްސް ސްޓަޑީޒްގެ ލޯޔަރު އަދި ސެކެޓްރީ ޖެނަރަލަކަށެވެ.

ފީފާއާ މަދު ކުރާ އުއްމީދު:
"އަހަރެންގެ މެނިފެސްޓޯ ބިނާކުރާނީ ފީފާ ރިފޯމްކޮށް، ފީފާގެ 209 ގައުމު ތަފާތުނުކޮށް، އެ ގައުމުތަކުގެ ފުޓްބޯޅަ ކުރިއެރުވުމަށް،" ޔޫއޭފާ ޗެމްޕިއަންސް ލީގާއި ޔޫރޮޕާ ލީގު އަދި ޔޫރޯ ގުރުނެގުމުގެ ރަސްމިއްޔާތުތަކުން އާއްމުންގެ ތެރެއަށް މަޝްހޫރުވި އިންފަންޓީނޯ ބުންޏެވެ.

2- ޕްރިންސް އަލީ ބިން އަލް ހުސައިން

އުމުރު: 39

ގައުމު: ޖޯޑަން

ފުޓްބޯޅަ އަށް ހިދުމަތްކުރި މުއްދަތު: 16 އަހަރު

މިހާރު އަދާކުރާ ވަޒީފާ: ޖޯޑަން ފުޓްބޯޅަ އެސޯސިއޭޝަނުގެ ރައީސް، ހުޅަނގު އޭޝިޔާގެ ފުޓްބޯޅަ ފެޑަރޭޝަނުގެ މުއައްސިސް އަދި ރައީސްކަން.

ކުރިން އަދާކުރި ވަޒީފާތައް: ފީފާގެ ކުރީގެ ނާއިބް ރައީސް

އުއްމީދު:
"ދުނިޔޭގެ ކުޅިވަރަށް ބޭނުންވަނީ ދުނިޔޭގެ ފެންވަރުގައި އެކުޅިވަރު ހިންގާނެ ޖަމާއަތެއް. އެ ޖަމާއަތް (ފީފާ) ވާންޖެހޭނީ އެއްކަމެއްގައި ގެންގުޅޭ ހަމަތައް ތަފާތުނުކުރާ، ދެފުށްފެންނަ ސިޔާސަތެއް ގެންގުޅޭ ރަނގަޅު އަދި ނަމޫނާ ޖަމާއަތަކަށް،" އުރުދުންގެ ރަސްގެފާނުގެ އަބުދުﷲ ބިން އަލްހުސައިންގެ ކޮއްކޯފުޅު އަދި އެންމެ ފަހުގެ އިންތިހާބުގައި ބްލެޓާއާ ވާދަކުރެއްވި އަލީ ވިދާޅުވި އެވެ.

3- މިޝޭލް ޕްލެޓީނީ

އުމުރު: 60

ގައުމު: ފްރާންސް

ފުޓްބޯޅަ އަށް ހިދުމަތްކުރި މުއްދަތު: 43 އަހަރު

މިހާރު އަދާކުރާ ވަޒީފާ: 2007 ވަނަ އަހަރުން ފެށިގެން ޔޫރަޕުގެ ފުޓްބޯޅަ ޖަމިއްޔާގެ ރައީސް އަދި ފީފާގެ ނާއިބް ރައީސް
ކުރިން އަދާކުރި ވަޒީފާތައް:

- ނޯންޓްސް އާއި ޔުވެންޓަސް އަށް ކުޅުން
- 1984 ވަނަ އަހަރުގެ ޔޫރޯ ކާމިޔާބު ކުރި ފްރާންސް ޓީމުގެ ކެޕްޓަން
- 1988 އިން 1992 ފްރާންސްގެ ގައުމީ ކޯޗު
- 1992 އިން 1998 އަށް ފްރާންސްގައި ބޭއްވި ވޯލްޑް ކަޕްގެ އޮގަނައިޒިން ކޮމިޓީގެ ކޯ ޗެއާމަން އަދި ފްރާންސް ފުޓްބޯޅަ ފެޑަރޭޝަނުގެ ނާއިބް ރައީސް
- 2002 އިން ފެށިގެން ފީފާގެ ހިންގާ ކޮމިޓީގެ މެމްބަރުކަން

އުއްމީދު:
"އެކުވެރިކަމާއެކު މަސައްކަތް ކޮށްފިއްޔާ ފުޓްބޯޅަ ސަޕޯޓަރުން ބޭނުންވާފަދަ ޖަމާއަތަކަށް ފީފާ ހަދައިލެވޭނެ. ފީފާ އަކީ އެންމެންގެ އިހުތިރާމް ލިބިގެންވާ ބަދަހި ތަނަކަށް ހަދައިދޭނަން،" ކޮރަޕްޝަނުގެ ތުހުމަތުގައި މިވަގުތު 90 ދުވަހަށް ފުޓްބޯޅައިގެ އެންމެހާ ހަރަކާތްތަކުން ސަސްޕެންޑްކޮށްފައިވާ ޕްލެޓީނީ ވިދާޅުވި އެވެ.

ފީފާއިން ބުނާ ގޮތުގައި ޕްލެޓީނީގެ ސަސްޕެންޝަން އިތުރުކުރުމަކީ ވުން ވަރަށްގާތްކަމެކެވެ. މިހެންވެއްޖެނަމަ އިންތިހާބުގައި އޭނާ އަށް ވާދަ ނުކުރެވޭނެ އެވެ. އޭނާގެ މިހާރުގެ ސަސްޕެންޝަނުގެ ސަބަބުން އިންތިހާބަށް ކެމްޕޭނެއް ވެސް ނުކުރެވޭނެ އެވެ.

4- ޝައިހް ސަލްމާން ބިން އިބްރާހީމް އަލް ޚަލީފާ

އުމުރު: 49

ގައުމު: ބަހުރޭން

ފުޓްބޯޅަ އަށް ހިދުމަތްކުރި މުއްދަތު: 17 އަހަރު

މިހާރު އަދާކުރާ ވަޒީފާ: އޭޝިޔާގެ ފުޓްބޯޅަ ޖަމިއްޔާގެ ރައީސް އަދި ފީފާގެ ނާއިބް ރައީސް

ކުރިން އަދާކުރި ވަޒީފާތައް: ބަހުރޭނުގެ ފުޓްބޯޅަ އެސޯސިއޭޝަނުގެ ރައީސް

އުއްމީދު:
"އަހަރެން ވާން ބޭނުންވަނީ ތަން ހިންގަން ހުންނަ ރައީސަކަށްނޫން. އަހަންނަށް ހީވަނީ އަހަރުމެން މަގާމުތަކަށް ގެންނަންޖެހޭނީ ކަމަށް ގާބިލް އެކަށޭނަ ބޭފުޅުންހެން. ޕްރޮފެޝަނަލް މީހުން ވަޒީފާތަކަށް ގެންނަންޖެހޭނީ،" މެންޗެސްޓާ ޔުނައިޓެޑަށް ސަޕޯޓްކުރާ ސަލްމާން ވިދާޅުވި އެވެ.

އަނެއް ހަތަރު ކެނޑިޑޭޓުން

ކުރިން ފާހަގަ ކުރި ހަތަރު ބޭފުޅުންގެ އިތުރުން ފީފާގެ ރައީސް ކަމަށް ވާދަކުރައްވަނީ ފީފާގެ ކުރީގެ ޑެޕިއުޓީ ސެކެޓްރީ ޖެނެރަލް އަދި މިހާރުގެ ކޮންސަލްޓަންޓް ޖެރޯމް ޝެމްޕޭން އާއި ޓްރިނިޑާޑް އެންޑް ޓޮބޭކޯގެ ފުޓްބޯޅަ އެޑްމިނިސްޓްރޭޓަރު އަދި ކުރީގެ ކުޅުންތެރިޔާ ޑޭވިޑް ނާހިދާއި ފީފާގެ އެންޓި ރެސިޒަމް ކޮމިޓީގެ މެމްބަރު ސައުތު އެފްރިކާގެ ޓޯކްޔޯ އާއި ލައިބީރިއާގެ ފުޓްބޯޅަ ފެޑަރޭޝަނުގެ ރައީސް މޫސާ ބިލިޓީ އެވެ.