- ވަންނަ މީހުންނާއި ނުކުންނަ މީހުންގެ ނަން ނޯޓް ކުރޭ
- ސިފައިންނާއި ފުލުހުން ގެންދަނީ ފޯރި މަރަމުން
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ހުޅުވައި ސިފައިންނާއި ފުލުހުން ފޯރިއަށް ތިބޭ ގޮތަށް އަލުން ހިދުމަތް ދޭން ފަށައިފި އެވެ.
ސިފައިންނާއި ފުލުހުން ތިބެނީ ބޭރުގައެވެ. އޮފީހަށް ވަނުމުގެ ކުރިން ވެސް އަދި ނުކުތުމުގެ ކުރިން ވެސް ނަންނޯޓް ކުރަންޖެހެ އެވެ.
އެމްއެމްޕީއާރްސީ ބަނދުކޮށްފައިވަނީ ރައީސް އަބްދުﷲ ޔާމީން އަވަހާރަކޮށްލަން ދިން ހަމަލާގެ ތަހުގީގުގައި ސިފައިނާއި ފުލުހުން އެއޮފީސް ބަލައި ފާށް ކުރުމަށް ފަހު މި މަހުގެ 18 ވަނަ ދުވަހުއެވެ. އަދި އެދުވަހަށް ފަހު އެމްއެމްޕީއާރްސީގެ މުވައްޒިފުންނަށްވެސް އޮތީ މިއަދާ ހަމައަށް އެ އޮފީހަށް ވަނުމަށް މަނާކޮށްފަ އެވެ.
ބަނދުކުރިތާ ނުވަ ދުވަހަށް ފަހު އެމްއެމްޕީއާރްސީ މިއަދު ވަނީ ހުޅުވައި ހިދުމަތްދޭން ފެށި އިރު އަދި މީގެ ދެދުވަސް ކުރިން އެކުންފުނީގެ ބޯޑަށް ވަނީ ދެބޭފުޅަކު އައްޔަންކޮށްފައެވެ. އެއީ ދަފްތަރު 4286 ހާރިސް މުހައްމަދާއި ކުރިން ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެންބަރަކުކަން ކުރެއްވި އަދި މިހާރު ވެސް އެޑިއުކޭޝަން މިނިސްޓްރީގެ ނައިބަކަށް ހުންނެވެވި އަހުމަދު ޝަރީފު އާދަމެވެ.
ރާއްޖޭގެ ޓޫރިޒަމް ކުރިއެރުވައި އިސްތިހާރު ކުރުމަށް އުފައްދާފައިވާ އެކުންފުނީގެ އޮފީސް ސަލާމަތީ ބާރުތަކުން ބަންދުކުރި އިރު އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަދި ގައުމަށް ގައްދާރުވުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ހުރި ނައިބު ރައީސް އަހުމަދު އަދީބާއި ގާތް ގުޅުމެއް އޮންނަ އަބްދުﷲ ޒިޔަތުވެސް ވަނީ ހިޔާނާތުގެ ބޮޑު މައްސަލައެއްގައި ހައްޔަރުކޮށްފައެވެ
އަދި ރައީސް ޔާމީން ވެރިކަމަށް ވަޑައިގެންނެވި ދުވަހުން ފެށިގެން އިއްޔެއާ ހަމައަށް އެ ކުންފުނީގެ އޮޑިޓެއް ހަދަން އޮޑިޓާޖެނެރަލް އަށް ރައީސް އޮފީހުން ވަނީ އަންގާފަ އެވެ. އޮޑިޓާޖެނެރަލް ހަސަން ޒިޔަތަކީ އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ ބޭބެ އެވެ.