- އިއްޔެ ބޭއްވީ ހަމައެކަނި އަޑުއެހުމެއް
- ވަކީލު ބުނަނީ އަމުރެއް ނެރުނު ކަމަށް
- ފުލުހުން ބުނީ އެގޮތަށް އަމުރު ކުރިކަމުގެ ލިޔުމެއް އަދި ނުލިބޭ ކަމަށް
ގައުމަށް ގައްދާރު ވުމުގެ ތުހުމަތާއެކު ހައްޔަރުކޮށް ސަރުކާރުގެ ތަހުގީގު ޖަލުގައި ހުންނެވި ނައިބު ރައީސް އަހުމަދު އަދީބު މިހާރު ހުންނެވި ތަނުން އެހެން ތަނަކަށް ބަދަލު ކުރުމުގެ އަމުރެއް އަދި ފުުހުންގެ މައްޗަށް ނެތް ކަމަށާއި އިއްޔެ ބޭއްވީ އެކަމުގެ އަޑު އެހުމެއް ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
"އަދި އެފަދަ އަމުރެއް ނުކުރޭ، އިއްޔެ ބޭއްވީ އަޑު އެހުމެއް، އަދި އެފަދަ އަމުރެއް އައި ނަމަވެސް ފުލުހުން އެ އަމުރެއް އިސްތިއުނާފު ކުރާނެ،" ހޯމް މިނިސްޓަރު މިއަދު އަވަސް އަށް ވިދާޅުވި އެވެ.
އުމަރު މިހެން ވިދާޅުވި އިރު މިކަމާ ގުޅިގެން ފުލުހުންގެ އިދާރާ އާއި ކްރިމިނަލް ކޯޓުން ވެސް ރަސްމީ ބަހެއް ނުބުނެ އެވެ. ނަމަވެސް ނައިބު ރައީސް އަދީބުގެ ގާނޫނީ ވަކީލު ވަނީ ސިޔާސީ ތުހުމަތަކުގައި ހައްޔަރުކުރާ އެެން މީހުން ވެސް ބައިތިއްބާ ފަދަ ތަނަކަށް ނައިބު ރައީސް އަދީ ބަދަލު ކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފައިވާ ކަމަށާއި އެ އަމުރު އަދިވެސް ފުުލުުހުން ތަންފީޒު ނުކުރާ ކަމަށް ވިދާޅުވެފައެވެ.
ނައިބު ރައީސްގެ މައްސަލާގައި އިއްޔެ ކްރިމިނަލް ކޯޓުން އަޑު އެހުމެއް ބޭއްވި އެވެ. އެ އަޑު އެހުން ބޭއްވީ ދޫނިދޫގައި ކްރިމިނަލް ކޯޓުން ގާއިމުކޮށްފައިވާ އެ ކޯޓްގެ މަޖިލީހެއްގައި ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށެވެ..
ނައިބު ރައީސް ހައްޔަރުކޮށްފައި ވަނީ ޗައިނާ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ސިންގަޕޫރުގައި މަޑު ކުރައްވާފައިވާ ރާއްޖެ ވަޑައިގަތުމުން އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) އިންނެވެ.
ނައިބު ރައީސް ހުންނެވީ ބަންދަށް 15 ދުވަސް ޖަހާފައެވެ. ނަމަވެސް ނައިބު ރައީސްގެ ފަރާތްޕުޅުން ވަނީ އެ އަމުރު ހައިކޯޓްގައި އިސްތިއުނާފުކޮށްފަ އެވެ. ނައިބު ރައީސްގެ މައްޗަށް ތުހުމަތެއް ކުރެވި ހައްޔަރު ކުރީ މިދިއަ މަހުގެ 28 ވަނަ ދުވަހު "ފިނިފެންމާ" ލޯންޗުކޮޅުގައި ރައީސް އަބްދުﷲ ޔާމީން އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާއާ ގުޅިގެނެވެ.