އެމްއެމްއޭ

މީހުންގެ އެކައުންޓްގައި ހުންނަ ޑޮލަރު ސަރުކާރުން ނުނަގާނެ: އެމްއެލްއޭ

އަމިއްލަ މީހުންގެ އެކައުންޓްގައި ހުންނަ ޑޮލަރު ސަރުކާރަށް ނެގުމަކީ އެއްވެސް އިރެއްގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ސިޔާސަތެއް ނޫން ކަމަށް ބުނެފި އެވެ.

ޑޮލަރުގެ ބްލެކް މާކެޓު ނައްތާލަން ސަރުކާރުން ފިޔަވަޅު ތަކެއް އަޅަން ތައްޔާރު ވަމުންދާ ވަގުތެއްގައި އަމިއްލަ އެކައުންޓްގައި ހުރި ޑޮލަރު ސަރުކާރަށް ނަގަން އުޅޭ ކަމަށް ވާހަކަ ފެތުރެމުންދާތީ އެމްއެމްއޭ އިން މިއަދު ބުނީ މިގޮތަށް ހުންނަ ޑޮލަރު ނެގުމަކީ އެއްވެސް އިރެއްގައި އެ އޮތޯރިޓީން ކުރާނެ ކަމެއް ނޫން ކަމަށެވެ.

އެމްއެމްއޭގެ ސްޕޯކްސް ޕާސަން މުހައްމަދު ނާސިހު އަަވަސް އަށް ވިދާޅުވީ ރާއްޖޭގެ ފޮރިން އެކްސްޗޭންޖް ބާޒާރުގެ ގާނޫނީ އޮނިގަނޑު އިސްލާހު ކުރުމުގެ މަސައްކަތް އެ އޮތޯރިޓީން މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި މިގެނެވޭ ބަދަލުތަކުގެ ސަބަބުން ވިޔަފާރިތަކަށާއި އަމިއްލަ ފަރުދުންނަށް ބޭރުފައިސާ ހޯދުމުގައި ލުއިތަކެއް ލިބިގެންދާނެ ކަމަށެވެ.

ޑޮލަރުގެ ބްލެކް މާކެޓު ނައްތާލުމަށްޓަކައި އެމްއެމްއޭ އާއި ސަރުކާރުން ދަނީ ފިޔަވަޅު ތަކެއް އަޅަން ތައްޔާރު ވަމުންނެވެ.

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ ސަރުކާރުން މިހާރު ގެންނަން ނިންމާފައިވާ ބަދަލާއެކު ޑޮލަރު މައްސަލައަށް ދާއިމީ ހައްލެއް ލިބިގެން ދާނެ ކަމަށެވެ. ނަމަވެސް ގެންނަން އުޅެނީ ކޮން ބަދަލެއް ކަމެއް މިނިސްޓަރު ވިދާޅެއް ނުވެ އެވެ.

"ކޮންމެ ބޭފުޅަކު ވެސް ބޭނުން ވާނީ 15.42ރ. ހިފައިގެން ދިޔައީމަ އެ އަގުގައި ޑޮލަރު ލިބުން. އަޅުގަނޑުމެން މިހާރު އެމްއެމްއޭއާއެކު ވެސް މަސައްކަތް ތަކެއް އެބަ ކުރަން، ކެބިނެޓަށް އޭގެ ތަފްސީލްތައް ހުށަހަޅައި އެންޑޯޒް ވެސް ވަނީ ލިބިފައި. ގުޅުންހުރި ހުރިހާ ފަރާތް ތަކުން މީގެ [ޑޮލަރުގެ މައްސަލަ ހައްލު ކުރުމު] ގެ މަސައްކަތް ތަކެއް ވެސް އެބަކުރޭވޭ. މީގެ އެންޑް ރިޒަލްޓަކީ ކޮންމެ ބޭފުޅަކު ވެސް 15.42ރ. ހިފައިގެން ދިޔައީމަ އެއް ޑޮލަރު ލިބުން،" އަމީރު ވިދާޅުވި އެވެ.

ޑޮލަރުގެ ކަޅު ބާޒާރުގެ ސަބަބުން ރާއްޖެއަށް ގިނަ މައްސަލަ ތަކެއް ކުރިމަތިވެ އެވެ. މި މައްސަލާގެ ސަބަބުން ރާއްޖޭގައި މުދަލުގެ އަގުތައް މަތި ވެގެން ދެ އެވެ. އަދި އެކްސްޗޭންޖު ވިޔަފާރިއަކީ ރާއްޖޭގައި ރެގިއުލޭޓް ނުކުރެވި ނަމަވެސް ފުޅާކޮށް ކުރާ ބޮޑު ވިޔަފާރި އެކެވެ. އެހެންވެ ޑޮލަރު މާރު ކުރުމުގައި މިހާރު ހަރަކާތްތެރިވަނީ ރާއްޖޭގައި އެކި މަސައްކަތް ކުރަން ކޯޓާ ލިމިގެން އައިސްތިބި ބިދޭސީންނެވެ.

ބިދޭސީގެ މި ވިޔަފާރީގައި ހަރަކާތްތެރިވާ ގޮތް ގިނަ ބަޔަކަށް އެނގިގެން ދިޔައީ އަވަސް އަށް ހެދި ޑޮލަރުގެ ކަޅު ބާޒާރު ގެ މައްޗަށް އަވަސް އިން ހެދި އިންވެސްޓިގޭޓިވް ރިޕޯޓަކުންނެވެ.