ހަބަރު

"ޓޫރިސްޓުންނަށް ރާއްޖޭގައި ނުރައްކަލެއް ނެތް"

ރާއްޖެ އަންނަ ޓޫރިސްޓުންނަށް އެއްވެސް ނުރައްކަލެއް ނެތް ކަމަށާއި އެ މީހުންގެ ރައްކާތެރިކަމަށް ރިސޯޓުތަކުގެ ސެކިއުރިޓީ ބަލަހައްޓަން ފަށާފައިވާ ކަމަށް ފޮރިން މިނިސްޓަރު ދުންޔާ މައުމޫނު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ދުންޔާއާ ހަވާލާދީ އިންޑިއާގެ އޭއެފްޕީ ނޫހުން މިއަދު ބުނެފައިވަނީ، ރައީސްގެ ރިޔާސީ ލޯންޗަށް ބަޔަކު ދިން ހަމަލާއާ ގުޅިގެން ރިސޯޓުތަކުގެ ސެލިއުރިޓީ ވަރުގަދަކޮށްފައިވާ ކަމަށެވެ.

ދުންޔާ ވިދާޅުވީ އޮސްޓްރޭލިޔާއިން އެގައުމުގެ ފަތުރުވެރިންނަށް ރާއްޖެއަށް ދަތުރުކުރުމުގައި ސަމާލުވާން އަންގާފައިވާކަން ފާހަގަވެފައިވާ ކަމަށާއި، އެކަމަކު އެފަދަ އެލާޓެއް ނެރެންޖެހޭ ނުރައްކާތެރި ހާލަތަކަށް ރާއްޖޭގައި ނެތްކަމުގެ ޔަގީންކަންދޭ ކަމަށެވެ. ފަތުރުވެރިކަމަކީ ރާއްޖޭގެ އިގްތިސޯދުގެ މުހިއްމު ހިއްސާއަކަށް ވާއިރު، ފަތުރުވެރިން ނުރައްކަލަށް ހުށަހެޅޭނެ އެއްވެސް ކަމެއް ރާއްޖެއިން ނުކުރާނެ ކަމަށް ވެސް ދުންޔާ ވިދާޅުވި އެވެ.

"ލޯންޗުގައި ހިނގި އެންމެ ހާދިސާއަކަށް އަޅުގަނޑުމެން ބަލައިގެން ނުވާނެ. ޒަމާންތަކެއް ވަންދެން ސުލަހަވެރި އެކުވެރި ތަނެއްގެ ގޮތުގައި ރާއްޖެ އޮތީ. ފަތުރުވެރިކަމަށް އަމާޒުކޮށް އެއްވެސް ހަމަލާއެއް ނާދޭ،" ދުންޔާ ވިދާޅުވި އެވެ.