ހަބަރު

އަދީބު ހުންނެވީ އިއްޒަތްތެރިން ތިއްބަވާ ތަނެއްގައި: ޕޮލިސް

ނައިބު ރައީސް އަހުމަދު އަދީބު އަބްދުލް ޣަފޫރު ދޫނިދޫގައި މިހާރުވެސް ހުންނެވީ އިއްޒަތްތެރިން ތިއްބަވާ ތަނެއްގައި ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން ބުނެފި އެވެ.

ފުލުހުން މިއަދު ބުނީ، ބަންދުގައި ތިބޭ މީހުން ދޫނިދޫ ކަސްޓޯޑިއަލް ޖަލުގައި ބޭތިއްބުމުގައި އަމަލުކުރަމުންދާ އުސޫލުގެ ތެރެއިން ނައިބު ރައީސް އަހުމަދު އަދީބުއަށް އެންމެ އެކަށޭނަ ހިދުމަތް މޯލްޑިވްސް ޕޮލިސް ސާވިސް އިން އެންމެ ފުރަތަމަ ދުވަހުން ފެށިގެންވެސް ފޯރުކޮށްދީފައިވާ ކަމަށެވެ. އެހެންކަމުން އިތުރު ތަނަކަށް ނައިބު ރައީސް ބަދަލު ނުކުރާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.

" 27 އޮކްޓޫބަރު 2015 ވަނަ ދުވަހު ކްރިމިނަލް ކޯޓުން މޯލްޑިވްސް ޕޮލިސް ސާވިސްގެ މައްޗަށް ކޮށްފައިވާ އަމުރާ އެއްގޮތަށް ނައިބްރައީސް އަހުމަދު އަދީބު ފުލުހުންގެ ބަންދުގައި ބަހައްޓާފައި ހުންނަ ހުރުމުގައި ނިދުމާ ކެއުމުގެ ކަންކަން އެކަށީގެންވާ ގޮތެއްގެ މަތިން ހަމަޖައްސައިދެމުން ގެންދާ ވާހަކަ ދަންނަވަމެވެ،" ފުލުހުން މިއަދު އާންމު ކުރި ލިޔުމެއްގައި ބުންޏެވެ.

ދޫނިދޫގައި ބަންދުކުރާ އެހެނިހެންވެސް ސިޔާސީ ކުށްވެރިން ބައިތިއްބާފަދަ ތަނަކަށް ނައިބު ރައީސް އަހުމަދު އަދީބު ބަދަލުކުރަން ކްރިމިނަލްކޯޓުން އަމުރުކުރުމުގެ މާކުރިންވެސް ނައިބު ރައީސާ ދޭތެރޭ ފުލުހުން އަމަލުކޮށްފައިވަނީ އެ އަމުރާ އެއް ގޮތަށް ކަމަށް ވެސް ފުލުހުން ބުންޏެވެ. އަދި ކްރިމިނަލް ކޯޓުން އެ އަމުރު ނެރުމުން، އަދީބުގެ ކަންކަން ހުރި ނެތްގޮތް ބެލުމަށް ފުލުހުން ދޫނިދޫއަށް މިއަދު ދިޔަ ކަމަށް ވެސް އެ އިދާރާއިން މިއަދު ނެރުނު ސްޓޭޓްމަންޓުގައި ބުނެފައި ވެއެވެ.

ފުލުހުން މިހެން ބުނެފައިވާއިރު، ނައިބު ރައީސްގެ ގާނޫނީ ވަކީލު ހުސައިން ޝަމީމް ވަނީ ދެ ފަހަރެއްގެ މަތިން މީޑިއާ އާ ބައްދަލުކޮށް، ނައިބު ރައީސެއްގެ ހައިސިއްޔަތުން އަދީބަށް ދޭންޖެހޭ އިހުތިރާމާއި ގަދަރު ފުލުހުން ދީފައި ނުވާކަމަށް ބުނެ ތުހުމަތު ކުރައްވާފަ އެވެ.

އިއްޒަތްތެރިން ބައިތިއްބާފަދަ ތަނެއްގައި ނައިބު ރައީސް ބަހައްޓަވަން ކްރިމިނަލް ކޯޓުން އަމުރު ނެރުމާއި ގުޅިގެން ހޯމް މިނިސްޓަރު އުމަރު ނަސީރު މިއަދު ވިދާޅުވީ، އެފަދަ އަމުރެއް ނެރެފިނަމަ، އަމުރު އިސްތިއުނާފުކުރައްވާނެ ކަމަށެވެ.