ގއ. މާމެންދޫގައި ހިނގި މާރާމާރީއެއްގައި ކުއްޖަކު މަރާލައިފި އެވެ. މަރާލާފައިވަނީ އެ ރަށު އަހުމަދު އުދައްޔު ނަމަކަށް ކިޔާ ކުއްޖެކެވެ.
ފުލުހުން ބުނީ ގއ. މާމެންދޫގައި ދެ ގުރޫޕެއްގެ މެދުގައި ހިނގި މާރާމާރީއެއްގައި އުމުރުން 17 އަހަރުގެ ކުއްޖަކު މަރުވެފައިވާ ކަމަށެވެ. މާރާމާރީގައި ތޫނު އެއްޗަކުން ހަމަލާދީ ޒަހަމުކޮށްލި ދެ މީހަކަށް ވިލިގިލީ ހޮސްޕިޓަލްގައި ފަރުވާވެސް ދެމުން އެބަ ދެއެވެ. ފުލުހުން ބުނީ އެ ހާދިސާގެ މައްސަލައިގެ ތަހުގީގު ފަށާފައިވާ ކަމަށާ މާމެންދޫގައި ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށެވެ.
އެނގިފައިވާ ގޮތުގައި 17 އަހަރުގެ ކުއްޖާ ހޮސްޕިޓަލަށް ގެނައިރުވެސް އޭނާ ވަނީ މަރުވެފައެވެ. އެކުއްޖާ ކިޔަވާ ނިމުނީ 2018 ވަނަ އަހަރު އެވެ. އަހަރުވާނީ މި މަހުގެ 18 ވަނަ ދުވަހުއެވެ.
މި ހާދިސާގެ މައުލޫމާތު ދެއްވާ ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ މައްސަލައިގެ ތުހުމަތަށް މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި މި މައްސަލައިގެ ތަހުގީގު ހިންގަން ސީރިއަސް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓަށް ހަވާލުކޮށްފައިވާ ކަމަަށާ އެ ޓީމުގައި ހިމެނޭ ފުލުހުން މާދަމާ މާމެންދޫއަށް ދާނެ ކަމަށެވެ. ސީޕީ ވަނީ ތަހުގީގަށް އާންމުންގެ އެހީތެރި ކަމަށްވެސް އެދިފައެވެ.
މި މާރާމާރީއަކީ މަސްތުވާތަކެތީގެ މައްސަލައަކާއި ގުޅިގެން ހިނގި މާރާމާރީއެއް ކަމަށް މާމެންދޫއިން ވާހަކަ ދެއްކި ބައެއް މީހުން ބުނެފައިވެއެވެ. މަސްތުވާތަކެތީގެ މައްސަލަ މާމެންދޫގައި ބޮޑުވެފައިވާއިރު އެ މައްސަލަ ހައްލު ކުރުމަށް އެކަށީގެންވާ މަސައްކަތްތަކެއް އިދާރާތަކުން ކުރަމުން ނުދާތީ އެރަށުގެ ރައްޔިތުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
ނުރައްކާތެރި މާރާމާރީއެއްގައި ކުޑަކުއްޖަކު މަރާލާފައި މިވަނީ މާރާމާރީތައް ވަރަށް ބޮޑަށް މަދުވެ މިދިޔަ އަހަރު މާރާމާރީއެއްގައި އެއްވެސް މީހެއްގެ ފުރާނަ ނުގެއްލި އަމާން އަހަރެއްގެ ގޮތުގައި ނިމިގެން ގޮސްފައިވަނިކޮށެވެ. ނަމަވެސް ދާދި ފަހުން އެއް ރޭ މާލޭގައި ސިލްސިލާ މާރާމާރީތައް ހިނގާފައިވެއެވެ. އެ މާރާމާރީތަކުގައި ބައެއް މީހުންނަށް އަނިޔާ ވެގެން ފަރުވާވެސް ދިނެވެ. އަދި ކުޑަކުދިން ހިމެނޭހެން ބައެއް މީހުން ހައްޔަރުކޮށްފައިވެސްވެއެވެ.