ބޮލީވުޑް

ރިޝީގެ ކޮއްކޮ އަދި އެކްޓަރު ރާޖިވް ކަޕޫރު މަރުވެއްޖެ

ރާޖް ކަޕޫރުގެ ތިން ފިރިހެން ދަރިންގެ ތެރެއިން އެންމެ ހަގު ދަރި ރަޖީވް ކަޕޫރު (ޗިމްޕޫ) މަރުވެއްޖެ އެވެ. އުމުރުން 58 އަހަރުވީ ރަޖިވް މަރުވީ ހާޓް އެޓޭކެއް ޖެހިގެން މިއަދު ހެނދުނުގެ ވަގުތެއްގަ އެވެ.

ރަޖީވްގެ ދެ ބޭބެ ރިޝީ ކަޕޫރާއި ރަންދީރު ކަޕޫރު ގޮތަށް އޭނާ އަކީ ވެސް ފިލްމުތަކުގައި އެކްޓްކޮށްފައިވާ އެކްޓަރެކެވެ. ރަޖީވްގެ ކެރިއަރުގެ އެންމެ ކާމިޔާބު ފިލްމެއްގެ ގޮތުގައި ބެލެވިފައިވަނީ 1985ގައި ރިލީޒްކުރި "ރާމް ތޭރީ ގަންގާ މޭލީ" އެވެ. މިއީ ރާޖީވްގެ ބައްޕަ ރާޖް ކަޕޫރު ޕްރޮޑިއުސްކޮށް ޑައިރެކްޓްކުރި ފިލްމެކެވެ.

ރަޖީވް މަރުވުމާ ގުޅިގެން އެންމެ ފުރަތަމަ ތައުޒިޔާގެ މެސެޖެއް ސޯޝަލް މީޑިއާގައި ޝެއާކުރީ ރާޖީވްގެ ބޭބެ ރިޝީ ކަޕޫރުގެ ހުވަފަތް އަންހެނުން ނީތޫ ސިންގް އެވެ.

ރަޖީވް ބޮލީވުޑަށް ތައާރަފްވީ 1983ގައި ރިލީޒްކުރި "އޭކް ޖާން ހެ ހަމް" އިންނެވެ. އޭގެ ފަހުން "އާސްމާން" އާއި "ލަވަ ބޯއި" އަދި "ޒަބަރްދަސްތު" ކުޅެފައި ވެއެވެ.

ނަމަވެސް މީގެން އެއްވެސް ފިލްމަކަށް މަންދާކިނީ އާއެކު އޭނާ ކުޅުނު "ރާމް ތޭރީ ގަންގާ މޭލީ" އަށް ލިބުނު ވަރުގެ ތަރުހީބެއް ލިބިފައެއް ނެތެވެ. ރަޖީވް އެންމެ ފަހުން ކުޅުނު ފިލްމަކީ 1990 ގައި ރިލީޒްކުރި "ޒިއްމޭދާރް" އެވެ. ފިލްމުތަކަށް ލިބޭ ތަރުހީބު ކުޑަކަމުން އެހިސާބުން އޭނާ ފިލްމު ކުޅުން ހުއްޓާލީ އެވެ.

ރަޖީވްގެ ކުއްލި މަރާ އެކު ފިލްމު އިންޑަސްޓްރީއަށް ވަނީ ޝޮކެއް ލިބިފަ އެވެ. ވަރަށް ގިނަ ފަންނާނުން ސޯޝަލް މިޑިއާގައި މިކަމާ ދެރަވެގެން ތަފާތު ޝުއޫރުތައް ފާޅުކުރަމުން އެބަދެ އެވެ.

އެކްޓަރު ނީލް ނިތިން މުކޭޝް ޝެއާ ކުރި ޕޯސްޓެއްގައި ރަޖީވް އަކީ އޭނާގެ ހަޔާތުގައި ވެސް ދުށް އެންމެ ރަނގަޅު އިންސާނާގެ ގޮތުގައި ސިފަ ކޮށްފައި ވެއެވެ.

ފާއިތުވީ އަހަރެއްހާ ދުވަހަކީ ކަޕޫރު ޚާންދާނަށް ވަރަށް ހިތާމަތައް ކުރިމަތިވެފައިވާ އަހަރެކެވެ. ރަޖީވްގެ ބޭބެ އެކްޓަރު ރިޝީ ކަޕޫރު މަރުވީ މިދިޔަ އަހަރުގެ އެޕްރީލް 30 ވަނަ ދުވަހު އެވެ. އަދި ރަޖީވްގެ ދައްތަ ރީތޫ ނަންތާ ވަނީ 2020ގެ ޑިސެމްބަރު މަހު މަރުވެފަ އެވެ. ވީމާ ރާޖް ކަޕޫރުގެ ތިން ދަރިން އަހަރެއްހާ ދުވަހުގެ ތެރޭގައި މި ދުނިޔެ ދޫކުރުމަކީ ފިލްމު އިންޑަސްޓްރީއަށް ވެސް ލިބުނު ބޮޑު ގެއްލުމެއްގެ ގޮތުގައި ބެލެވެ އެވެ.