ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަމުން އަންނަ ބ. ހިބަަޅިދޫއަށް ފުލުހުންނާއި ސިފައިން އަރައި ފާސްކުރަން ފަށައިފި އެވެ.
އެ ރަށް ފާސް ކުރަނީ ކޯޓް އަމުރެއްގެ ދަށުން ކަމަށް ފުލުހުން ބުންޏެވެ. އިތުރު ތަފްސީލެއް ނުދެ އެވެ. މިއީ ލެޓްސް ގޯ ކިތާ ޓްރެވަލް އެޖެންސީއެއްގެ މަސްލަހަތު އޮންނަ ކުންފުންޏަކަށް ދޫކޮށްފައިވާ ރަށެއް ކަމަށް ވެ އެވެ.
ރިސޯޓެއްގެ ގޮތުން ތަރައްގީ ކުރަމުން އަންނަ ޅ. ހުރުވަޅި ކިޔާ ރަށެއް ވެސް މީގެ ކުރިން ސިފައިން އަރައި ފާސްކޮށްފައި އެވެ. އެއީ މަޝްހޫރު ވިޔަފާރި އާއިލާ ޗަމްޕާ ކުންފުނިން ރިސޯޓް ތަރައްގީ ކުރާ ރަށެކެވެ.
ރައީސްގެ ލޯންޗްކޮޅުގައި ރައީސް އަވަހާރަކޮށްލަން ބޮން ގޮއްވާލި މައްސަލައިގައި މާލޭގެ އެކި ގޭގެ ފުލުހުން އަންނަނީ ބަލައި ފާސްކުރަމުންނެވެ. ފުލުުހުން ބުނީ އެ ސާޗް އޮޕަރޭޝަން އަދިވެސް ކުރިއަށް ދާ ކަމަށެވެ.
އެ މައްސަލައިގެ ތުހުމަތުގައި ނައިބު ރައީސް އަހުމަދު އަދީބާއި އެމަނިކުފާނާ ގުޅުން ހުރި ފަރާތްތައް ވަނީ މިހާރު ވެސް ހައްޔަރުކޮށްފަ އެވެ.