ވިޔަފާރި

ދެ ނެޓްވޯކްގައި އެއް ނަމްބަރު ބޭނުންކުރެވޭ ހިދުމަތް އުރީދޫން މާދަމާ ދައްކާލަނީ

ރާއްޖޭގެ ދެ މޮބައިލް ނެޓްވޯކުގައި އެއް ނަމްބަރު ބޭނުންކުރެވޭ "ނަމްބަރު ޕޯޓެބިލިޓީ"ގެ ހިދުމަތް އުރީދޫން މާދަމާ ފުރަތަމަ ފަހަރަށް ރާއްޖޭގައި ދައްކާލާނެ އެވެ.

ނޭޝަނަލް އާޓްގެލަރީގައި ޓެލެކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް) އިން އިންތިޒާމު ކޮށްގެން ބާއްވާ ޓެލެކޮމް އެންޑް އައިސީޓީ އެކްސްޕޯ (ކަނެކްޓް) ފެއާގައި ދައްކާލާ މި ހިދުމަތަކީ ސަރުކާރުގެ ބްރޯޑްބޭންޑް އިންޓަނެޓް ޕޮލިސީގެ ދަށުން ތައާރަފު ކުރުމަށް އިއުލާނުކޮށްފައިވާ ހިދުމަތެކެވެ.

"އަވަސް" އަށް އެނގިފައިވާ ގޮތުގައި މާދަމާ ފަށާ "ކަނެކްޓް" ފެއާގައި އުރީދޫ މޯލްޑިވްސްއިން މި ހިދުމަތް ފުރަތަމަ ފަހަަރަށް ދައްކާލުމަށްފަހު ވަރަށް އަވަހަށް މި ހިދުމަތް ރާއްޖެއަށް ތައާރަފު ކުރުމަށް ހަމަޖެހިފައިވެ އެވެ.

ސަރުކާރުން ކުރިން ބުނެފައިވާ ގޮތުގައި ނަމްބަރު ޕޯޓެބިލިޓީގެ ހިދުމަތް ތައާރަފު ވެގެން ދިއުމާއެކު، ދިރާގާއި އުރީދޫން މިހާރު ބިލްކުރާ ގޮތަށް ވެސް ބަދަލުތަކެއް އަންނާނެ އެވެ. މި ހިދުމަތް ތައާރަފުވުމާއެކު މޮބައިލް ނަމްބަރުތަކުގެ މިލްކުވެރި ފަރާތަކަށް ވެގެންދާނީ ކޭމް އެވެ.