ބޭރު ކުޅިވަރު

ރާމޯސް ސެކިއުރިޓީ ގާޑަކަށް؟

ރެއާލް މެޑްރިޑުގެ ކެޕްޓަން އަދި ޑިފެންޑަރު ސާޖިއޯ ރާމޯސް އަކީ އެކުލަބުގެ ދިފާއީ އައްޑަނަ އެވެ. އޭނާއަކީ ފުޓްބޯޅަ ކުޅެގެން އެންމެ ގިނަ އާމްދަނީލިބޭ އެއް ޑިފެންޑަރެވެ. ކުރުކޮށް ބުނާނަމަ މިލިއަނަރެކެވެ.

އެކަމަކު މިފަހަރު އޭނާގެ ވާހަކަ މިލިޔަނީ ފުޓްބޯޅަ ކުޅުންތެރިއެއްގެ ގޮތަކުންނޫނެވެ. ސްޕޭނުގެ މަޝްހޫރު ސުޕަމާކެޓެއް ކަމަށްވާ މާކަޑޯނާގެ ސެކިއުރިޓީ ގާޑެއްގެ ވަޒިފާއިން ފެނިގެންނެވެ؟

ރެއާލް މެޑްރިޑުގެ ސަޕޯޓަރުންނަށް އެތަނުން ރާމޯސް ފެނުމުން ވަނީ އަވަހަށް އޭނާގެ ފޮޓޯނަގައި އެވާހަކަ ޓުވީޓް ވެސްކޮށްފަ އެވެ. ނަމަވެސް މިއީ ހަގީގަތެއްނޫންކަން ފަޅާއެރީ ރާމޯސް އޭނާގެ 10 އަހަރުގެ ފުޓްބޯޅަ ކެރިއަރު ނިމުމަކަށް ގެނެސް ސެކިއުރިޓީ ކުރަން ނުފަށާކަން ކަށަވަރުކޮށްދިނުމަށް ޓުވީޓް ކުރި ހިސާބުންނެވެ.

"އަހަރެން ރަސްމީކޮށް ޔަގީންކޮށްދެން އަހަރެން މާކަޑޯނާގެ ސެކިއުރިޓީ ގާޑަކަށް ސޮއިނުކުރާކަމަށް،" ރާމޯސް ޓުވީޓްކޮށްފައިވެ އެވެ.

ސްޕޭނުގެ ސެވިއްޔާއިން 2005 ވަނަ އަހަރު 27 މިލިއަން ޕައުންޑަށް ރެއާލް މެޑްރިޑާ ގުޅުނު ރާމޯސް އަކީ ސްޕޭނުގެ ގައުމީ ޓީމުގެ ވެސް މުހިންމު ކުޅުންތެރިއެކެވެ. އޭނާ ވަނީ މިހާތަނަށް ގައުމީ ޓީމަށް 130 މެޗު ކުޅެދީފަ އެވެ.