ހުޅުމާލޭގެ މިސްކިތަކާއި ރ. މީދޫގެ މިސްކިތް އަޅަން ބަޔަކާ މިއަދު ހަވާލުކޮށްފި އެވެ.
އިސްލާމިކް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މަސައްކަތް ހަވާލު ކުރީ ރ. މީދޫގައި 700 މީހުންގެ ޖާގައިގެ މިސްކިތެއް އެޅުމަށާއި، ހުޅުމާލޭގައި ހަދާ ގަބުރުސްތާން ސަރަހައްދުގައި 400 މީހުންގެ ޖާގައިގެ ހިނަވާގެއެއް ހިމެނޭ ގޮތަށް މިސްކިތެއް އެޅުމުގެ މަސައްކަތެވެ.
މީދޫ މިސްކިތް އަޅަން ހަވާލުކުރީ ސުވިފްޓް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާ އެވެ. މަޝްރޫއުގެ އެއްބަސްވުމުގައި އެ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު ސައުދުﷲ ހިލްމީ އެވެ. އެ މަސައްކަތަށް ދެލިއަން ރުފިޔާ ޚަރަދުވާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.
މިއަދު ސޮއިކުރި އެއްބަސްވުމުގެ ދަށުން މިއަދުން ފެށިގެން އެއް އަހަރުގެ ތެރޭގައި މިސްކިތް ނިންމަން ޖެހެ އެވެ.
ހުޅުމާލޭގެ މިސްކިތް އަޅަން ހަވާލުކުރީ ހުޅުމާލެ ހައުސިން ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ އެވެ. އެގޮތުން މިސްކިތް މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައިމަން އެވެ. ހަ ކޮޓަރީގެ ހިނަވާ ގެއެއް ވެސް ހިމެނޭ ގޮތަށް އިމާރާތް ކުރާ އެ މިސްކިތަށް ކަނޑައެޅިފައިވަނީ ހަ މިލިއަން ރުފިޔާގެ ބަޖެޓެކެވެ.
ހުޅުމާލޭގެ މިސްކިތް ނިންމަން މިނިސްޓްރީން ކަނޑައަޅާފައިވާ މުއްދަތަކީ ހަތަރު މަސްދުވަހެވެ.
ހުޅުމާލޭގެ ގަބުރުސްތާނާއި އިންވެގެން އަޅާ މިސްކިތާއި ބެހޭ ގޮތުން ސައިމަން ވިދާޅުވީ، ހުޅުމާލޭގެ އާބާދީ ދުވަހެއް ދުވަހަކަށް އިތުރުވަމުންދާއިރު، އެ ރަށުގައި ޖާގަ ތަނަވަސް ގަބުރުސްތާނެއް އޮތުމާއެކު މީހުން ވަޅުލުމުގެ ހުރިހާ ކަމެއް ކުރެވޭނެ މިސްކިތެއް ހުރުމަކީވެސް ވަރަށް މުހިއްމު ކަމެއް ކަމަށެވެ. ސައިމަން ވިދާޅުވީ މަޝްރޫއަށް ހަތަރު މަސް ކަނޑައަޅާފައި އޮތް ނަމަވެސް މިއަހަރުގެ ޑިސެމްބަރާ ހަމަޔަށް މިސްކިތުގެ ގްރައުންޑް ފްލޯ އާ ހިންވާ ގޭގެ ތިން ބައި ނިންމަން މަސައްކަތް ކުރައްވާނެ ކަމަށެވެ.
"އަޅުގަނޑުމެން މި ލަފާކުރަނީ ޑިސެމްބަރު މަހުގެ ތެރޭގައި ހުޅުމާލެ ގަބުރުސްތާން ނިމި އެތަން ބޭނުން ކުރަން ފެށޭނެ ކަމަށް. އެހެން ވީމަ މިސްކިތަކީ ފެ ބުރިއަށް ބިނާކުރާ ތަނަކަށް ވާތީ ތިރީ ބަޔާ ހިނަވާ ގޭގެ ތިން ބައެއް ވެސް ޑިސެމްބަރަށް އިރާދަކުރެއްވިއްޔާ ނިންމާނަން،" ސައިމަން ވިދާޅުވި އެވެ.