ބޮލީވުޑް

"ކެސާރީ" އެކްޓަރު ސަންދީޕު މަރުވުމުން އަކްޝޭ ހިތްހަލާކުވެއްޖެ

"ކެސާރީ"ގައި އަކްޝޭ ކުމާޜާއެކު މުހިއްމު ރޯލެއް ކުޅުނު ސަންދީޕް ނަހާރްގެ ކުއްލި މަރުވުމުން އަކްޝޭގެ ހިތް ހަލާކުވެއްޖެ އެވެ. ނިހާރް މަރުވީ އަމިއްލައަށް ކަމަށް ފުލުހުން ބުނެފައި ވެއެވެ.

"ސަންދީޕް ނަހާރް މަރުވި ވާހަކަ އިވުމުން ވަރަށް ދެރަވެއްޖެ. ކާއެއްޗިއްސަށް ވަރަށް ލޯބިކުރާ ޒުވާން ރަނގަޅު މީހެއް. ހަޔާތުގައި ދިމާވާނެ ކަންކަން ވިސްނާލަން ވެސް ނޭނގޭ. ކަމަކާ ދެރަވެ ހިތްދަތި ހާލަތެއް މެދުވެރިވެއްޖެނަމަ އެހެން މީހުންގެ އެހީތެރިކަން ހޯދަން ޖެހޭ،" އަކްޝޭ އިންސްޓަގްރާމްގައި ޝެއާކުރި ޕޯސްޓެއްގައި ބުނެފައި ވެއެވެ.

އަމިއްލައަށް މަރުވުމުގެ ކުރިން ނަހާރް ވަނީ ފޭސްބުކްގައި ވަރަށް ދިގު ލިޔުމެއް ލިޔެ ޕޯސްޓްކޮށްފަ އެވެ. މި ނޯޓުގައި އޭނާ ބުނެފައިވަނީ މަރުވާން ނިންމި ނިންމުމަކީ އަމިއްލަ ނިންމުމެއް ކަމަށާއި އެއްވެސް މީހަކު އެކަމުގައި ބަދުނާމު ނުކުރުމަށެވެ. އޭނާ މަރުވާން ނިންމި ސަބަބެއް ކަމަށް ބުނެފައިވަނީ އަންހެނުންނާ އަބަދު ޒުވާބުކުރަން ޖެހުމެވެ. އަދި ޕްރޮފެޝަނަލް ގޮތުން ވެސް އޭނާއަށް ކުރިމަތިވާ ގޮންޖެހުންތައް ގިނަ ކަން އޭނާ ބަޔާންކޮށްފައި ވެއެވެ.

ސުއިސައިޑް ނޯޓަކާއެކު ފޭސްބުކްގައި ނަހާރް ޝެއާކުރި ޕޯސްޓު އޭނާ މަރުވި ފަހުން ކޮންމެވެސް މީހަކު ވަނީ ފުހެލާފަ އެވެ. ފުލުހުން ބުނެފައިވަނީ އެ ވީޑިއޯއަކީ ނެހާރްގެ މަރުގެ ތަހުގީގަށް މުހިއްމު އެއްޗަކަށްވާއިރު ފުލުހުން އެ ޕޯސްޓް ފުހެނުލާކަމަށެވެ.

"ކެސާރީ"ގެ އިތުރުން "އެމްއެސް ދޯނީ: ދި އަންޓޯލްޑް ސްޓޯރީ"ގައި ވެސް ނެހާރް ވަނީ ސުޝާންތު ސިންގް ރާޖްޕޫތާއެކު ބައިވެރިވެފަ އެވެ. ނެހާރްގެ ބައެއް އެކުވެރިން ބުނެފައިވަނީ ސުޝާންތުގެ މަރުން ވެސް ނެހާރް އަށް ވަރަށް ފުން އަސަރުތަކެއް ކުރި ކަމަށެވެ.

ނެހާރް ވަނީ އަލްޓްބާލާޖީގެ ވެބް ސީރީޒް "ކެހެނޭ ކޯ ހަމްސަފަރް ހޭ" އާއި ޒީ5ގެ "ޝުކްރާނާ" އަދި ސޮނާކްޝީ ސިންހާ ބަތަލާގެ ބައި ކުޅުނު "ޚާންދާނީ ޝަފާޚާނާ"ގައި ވެސް މަސައްކަތް ކޮށްފަ އެވެ.