ރާއްޖެ ކުޅިވަރު

ވެލެންސިއާ ބަލިކުރެވުމަކީ ކުރިއަށް ދިއުމަށް ހިތްވަރެއް: ޝާކިރު

ވެލެންސިއާ އަތުން މިއަދު 1-0އިން މޮޅުވުމަކީ އުރީދޫ ދިވެހި ޕްރެމިއާ ލީގުގައި ކުރިއަށްދާން އީގަލްސް އަށް ލިބުނު ވަރަށް ބޮޑު ހިތްވަރެއް ކަމަށް އެ ޓީމުން ބުނެފި އެވެ.

ކެޕްޓަން އިސްމާއީލް އީސާ (މެސީ) ޖެހި ހަމައެކަނި ގޯލުން މޮޅުވި މެޗަށް ފަހު، އެސިސްޓެންޓް ކޯޗު އަހުމަދު ޝާކިރު މެޗަށް ފަހު ބުނީ އެންމެ ފަހުން ކުޅުނު ދެ މެޗުން ބަލިވުމުން އީގަލްސް ބަލާނީ ލީގުގައި ދެވެން އޮތް އެންމެ ކުރިއަށްދާން ކަމަށެވެ.

"މިއީ ވަރަށް ބޮޑު ހިތްވަރެއް އީގަލްސް އަށް ލިބުނު މި ލީގުގައި އިތުރަށް ކުރިއަށްދާން. އީގަލްސް ބަލާނީ ދެން އޮތް އެންމެ ކުރިއަކަށްދާން. އެއީ މިހާރު އީގަލްސް އަށް މި ލީގު (ޗެމްޕިއަންކަން) ނުލިބޭނެކަން އެނގޭތީވެ،" ޝާކިރު ބުންޏެވެ.

ލީގުގައި އެންމެ ފަހުން ކުޅުނު ދެ މެޗުން ވެސް މޮޅުވި ވެލެންސިއާގެ މެނޭޖަރު އަބުދުﷲ ޝިބާއު ބުނީ ވެލެންސިއާ ބަލިވީ އުއްމީދުނުކުރާ ކަހަލަ ގޯލެއް ވަދެގެން ކަމަށެވެ.

"އެންމެ ރަނގަޅަށް ކުޅުނު އެއް މެޗަށްވާނެ މިއީ. އެކަމަކު ވަރަށް އާދައިގެ މިސްޓޭކެއް ހެދިގެން ހީކުރާ ކަހަލަ ގޯލެއް ވަދެގެން މިއަދު ބަލިމިވީ. ދެން ފުޓްބޯޅައިގައި ކޮންމެ ދުވަހަކު އެއްގޮތެއްވެސް ނުވާނެ. މިއަދު ވެލެންސިއާ މި ކުޅުނީ ފުރަތަމަ 11ގައި ކުޅޭ މުހިންމު ދެ ކުޅުންތެރިއަކު ވެސް ނުލާ،" އަކުރަމް އަބުދުލްގަނީ އާއި ކެމަރޫނުގެ ފޯވަޑް ހަންސްލީ އަވީލޯ ދެ ކާޑު ހަމަވެގެން ނުކުޅެވުނު މެޗަށް ފަހު ޝިބާއު ބުންޏެވެ.

މި މެޗުން ބަލިވުމުން ވެލެންސިއާ އަށް ވަނީ ގަދަ ހަޔަކަށް އަރަން ޕްރެޝަރު ކުރިމަތިވެފަ އެވެ. އެ ޓީމު މިވަގުތު އޮތީ ނުވަ ޕޮއިންޓާއެކު ހަވަނާގަ އެވެ. އީގަލްސް އޮތީ 13 ޕޮއިންޓާއެކު ތިން ވަނާގަ އެވެ.

ލީގުގައި މިރޭ ކުޅޭނީ ޗެމްޕިއަން ނިއު އާއި ޓޭބަލިގެ ފުލުގައި އޮތް މަހިބަދޫ އެވެ.