ކޮވިޑް-19 އާ ގުޅިގެން ރާއްޖެއަށް ބޭނުންވާ ވެންޓިލޭޓަރުތައް ގަތުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ހެލްތު މިނިސްޓްރީން އަމަލު ކޮށްފައިވާ ކަމަށް އޮޑިޓު ރިޕޯޓުގައި ބުނުމުން އެކަމާ ގުޅިގެން އޭރުގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ރައްޔިތުންގެ މަޖިލީހަށް އިތުރުފުޅު ހައްދަވައި، އޮޅުވާލެއްވި ކަމަށް ބުނާ މައްސަލަ ފުލުހަށް ހުށަހެޅިތާ މަހަކަށްވުރެ ގިނަދުވަސް ވެފައިވާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސެން ޝަމީމް ވިދާޅުވެއްޖެ އެވެ.
ވެންޓިލޭޓަރުތައް އެތެރެކުރުމުގައި ކޮރަޕްޝަންގެ އަމަލު ހިންގާފައިވާ މައްސަލާގައި ޕީޖީ މިއަދު ޖުޑިޝަރީ ކޮމިޝަނަށް ހާޒިރުކޮށް ސުވާލުކުރެއްވުމުން ވިދާޅުވީ، ޖިނާއީ އިޖުރާތުގެ ގާނޫނު އޮންނަ ގޮތުން ޖިނާއީ ތަހުގީގު ފުރިހަމަ ކުރަން ފުލުހަށް މައްސަލަ ފޮނުވަން ޖެހޭ ކަމަށެވެ. އެހެންނަމަވެސް އަދިވެސް ފުލުހުންގެ ފަރާތުން ޖަވާބެއް ނުލިބޭ ކަމަށާއި، މައްސަލަ އަވަހަށް ނިންމުމަށްފަހު ފޮނުވަން އަންގާފައިވާނެ ކަމަށެވެ.
"...އޭގައި ފުލުހުން ޖެހޭނީ ތުހުމަތުކުރެވޭ ފަރާތުގެ ބަޔާނެއް ނަގާލާ އެކަހަލަ ބައެއް އިދާރީ ދެތިން ކަމެއް ކޮށްލަން. މިހަފްތާ ނޫނީ އަންނަ ހަފްތާ އެކަމަށް ވެސް ޖަވާބެއް ލިބޭނެ." ޕީޖީ ވިދާޅުވި އެވެ.
ޕީޖީ އިތުރަށް ވިދާޅުވީ މައްސަލައިގައި ހުރި ކަންކަން މިހާރު ދިރާސާ ކުރަމުން އަންނައިރު މިއީ ގިނަ ބަޔަކު އެކުލެވޭ މައްސަލައެއް ކަމުން ގިނަ މައުލޫމާތު ހާމަކުރެވެން ނެތް ކަމަށެވެ. އެ މައުލޫމާތުތައް ހާމަކޮށްފިނަމަ އެފަރާތްތަކަށް މައްސަލަ ބައްޓަން ކޮށްލުމުގެ ފުރުސަތު ލިބިގެން ދާނެ ކަމަށްވެސް ޕީޖީ ވިދާޅުވިއެވެ.
ވެންޓިލޭޓަރުތަކުގެ މައްސަލައިގައި މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު އަހުމަދު ހައިތަމް ކުރެއްވި ސުވާލަކަށް ލިޔުމުން ދެއްވި ޖަވާބުގައި އެ ވެންޓިލޭޓަރުތައް ގަންނަން ހަވާލުކޮށްފައިވަނީ ޑަބްލިޔުއެޗްއޯއިން ރެކަމެންޑް ކުރި ކުންފުންޏެއް ކަމަށް އަމީން ވިދާޅުވެފައިވީ ނަމަވެސް އޮޑިޓް ރިޕޯޓުގައި އެއީ އެކަން ހިނގި ގޮތް ނޫން ކަމަށް ބަޔާންކޮށްފައިވާތީ، މަޖިލީހަށް އިތުރުފުޅު ހެއްދެވިކަމަށް ބުނެ ހުށަހެޅުނު މައްސަލަ ބަލާފައިވަނީ މަޖިލީހުގެ އިމްތިޔާޒާއި ސުލޫކު ކޮމިޓީންނެވެ.
އެ ކޮމިޓީއަށް އަމީން ހާޒިރުކޮށްފައިވާއިރު، އޭނާ ވަނީ ވެންޓިލޭޓަރުތައް ގަތުމުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިޔުއެޗްއޯއިން މެދުވެރިވި ކަމަށާއި، އެ ޖަމިއްޔާއާއެކު ކުރެވުނީ ރަސްމީ މުއާމަލާތްތަކެއް ކަމަށް ތަކުރާރުކޮށް ވިދާޅުވެފައި އެވެ.