ވިޔަފާރި

ދިރާގު ސްމާޓް ލައިފް: ދޮރު ފޮތި ކަހާލައި، އެއާކޯން ނިއްވުން ފޯނަށް!

ސްރީލަންކާގައި ހުރެގެން މާލޭގައި ހުރި ގޭގެ ބޮކިތައް ދިއްލައި، އެއާކޯން އޮން، ކުޑަ ދޮރުގެ ފޮތިތައް ކަހާލެވިދާނެ ހެއްޔެވެ؟ ޖަވާބަކީ މިހާރު އެކަން ކުރެވިދާނެ އެވެ. މިހާރު އެއީ ފެން މެޓައެއް ކާލާހާ ފަސޭހަ ކަމެކެވެ. އެކަން ކުރެވޭނެ ގޮތް ދިރާގުން މިވަނީ ދައްކާލަފަ އެވެ. ދިރާގުން އެ ސިސްޓަމް ގާއިމްކޮށްދީފި އެވެ.

"ދިރާގު މި ދައްކާލަނީ ސްމާޓް ލައިފެއް، ޓެކްނޮލޮޖީގެ ކުރިއެރުން އައިސްފައިވާ ގޮތް. މި ދައްކާލާ ސިސްޓަމްގައި ގިނަ ބައިތަކެއް ހިމެނޭ،" ނޭޝަނަލް އާޓްގެލަރީގައި މިހާރު ކުރިއަށްދާ ޓެލެކޮމް އެކްސްޕޯގައި ހުރި ދިރާގު "ސްމާޓް ލައިފް" ސްޓޯލުގައި މައުލޫމާތު ދެމުން އެ ކުންފުނީގެ މާކެޓިން ކޮމިއުނިކޭޝަން އެންޑް ޕަބްލިކް ރިލޭޝަންސް އެގްޒެކެޓިވް އިމްޖާދު ޖަލީލު ވިދާޅުވި އެވެ.

"ސްމާޓް ލައިފް" ގެ ނަމުގައި ދިރާގުން ދައްކާލަމުން ގެންދާ މި ހިދުމަތް މެދުވެރިކޮށް ގޭގެ ފުލް ކޮންޓްރޯލް ފޯނަށް ގެނެވިދާނެ އެވެ. މި ސިސްޓަމް ބޭނުންކޮށްގެން ދުނިޔޭގެ ކޮންމެ ތަނެއްގައި ހުރެގެން ވެސް ގޭގެ ބޮކިތައް ދިއްލައި، ނިއްވާ ލެވޭނެ އެވެ. އަދި ކޮޓަރީގެ ކުޑަ ދޮރުތައް ވެސް ފޯނުގެ ފިތަކަށް އޮބާލައިގެން ކަހާލެވިދާނެ އެވެ. މީގެ އިތުރުން ދޮން މެޝިން ޖައްސާ ނިއްވާލެވެ އެވެ. މިވަތުން ނިމުނީއެއް ނޫނެވެ. ގޭގެ ނުވަތަ ކޮޓަރީގެ ވީޑިއޯ ވެސް ވަގުތުން ފެންނަ ގޮތް މީގައި ހުރެ އެވެ. އަދި ކޮޓަރި ސާފު ކުރުމަށް އޮޕަރޭޓް ކުރާ މެޝިންގެ ކޮންޓްރޯލްވެސް މި ސިސްޓަމްގެ ތެރެއަށް ގެނެވިދާނެ އެވެ.

"މިއީ ވަރަށް މުހިންމު ނިޒާމެއް. މިހާރުދެން ވަރަށް ފަސޭހަވެގެން މިދިޔައީ،" ޓެލެކޮމް ފެއާއަށް ގޮސްހުރި ރަހުމަތެރިއަކުން މި ސިސްޓަމް ފެނިގައި ބުނީ މިހެންނެވެ. އޭނަ ހުރީ ހައިރާންވެފަ އެވެ.

"ސްމާޓް ލައިފުން" ހަމައެކަނި ލިބެނީ މި ހިދުމަތްތައް އެކަންޏެއް ނޫނެވެ. ދިރާގުން މިވަނީ މި ސިސްޓަމާ ގުޅާލައިގެން ސިއްހީ ދާއިރާއަށްވެސް ބޮޑު އިންގިލާބެއް ގެނެސްދީފަ އެވެ. މި ހިދުމަތް ބޭނުންކޮށްގެން ގޭގައި އޮންނަ ބަލި މީހާގެ ހާލަތު، ވަގުތުން ވަގުތައް ރާއްޖޭން ބޭރުގެ ހޮސްޕިޓަލްތަކުގައި ތިބޭ ޑޮކްޓަރަކާ ކޮންސަލްޓް ވެސް ކުރެވިދާނެ އެވެ. ދިރާގު "އީ-ހެލްތް" ގެ ޓެލެމެޑިސިންގެ ވިއުގަޔަކުން ވަނީ ގުޅާލާފަ އެވެ.

"މިފަދަ ކިއޮސްކްތައް ހުންނައިރު މިހާރު ދުނިޔޭގެ ކޮންމެ ހިސާބެއްގައި ހުންނަ ޑޮކްޓަރެއްގެ ލަފާ ވެސް ހޯދިދާނެ. މިހާރު ވެސް ދިރާގުން 36 ސަރަހައްދެއްގައި ވާނީ ޓެލެމެޓިސިން ސިސްޓަމް ގާއިމްކޮށްފަ،" އިމްޖާދު ވިދާޅުވި އެވެ.

"މި ސިސްޓަމްގެ އެންމެ މުހިންމު ފީޗާއަކީ މީގެ މެއިން ސާވާގައި ހުރޭ އެމީހެއްގެ ހުރިހާ މެޑިކަލް ރެކޯޑުތަކެއް ސްޓޯ ކުރުމުގެ ކެޕޭސިޓީ. އެހެންވެ ފަހުން ވެސް ބަލައި ލެވިދާނެ. އެ ޑޮކްޓަރު އެމީހެއްގެ ސިއްހީ ހާލަތު، ހާޑްބީޓް ވަގުތުން ވަގުތައް ބަލައި ލެވޭނެ،" އިމްޖާދު ވިދާޅުވި އެވެ.

ދިރާގު "ސްމާޓް ލައިފުން" މިވަނީ ގިނަ ފަސޭހަތަކެއް ގެނެސް ދީފަ އެވެ. ހާއްސަކޮށް މި ހިދުމަތް ބޭނުންކޮށްގެން ގޭގެ ކޮންޓްރޯލް ފޯނަށް ލިބުމަކީ ހަމަގައިމުވެސް ލިބިގެންދާނެ ބޮޑު ފަސޭހަކަށެވެ.