މޯލްޑިވްސް ޕޮލިސް ސާވިސް

އާންމުންގެ ފަރާތުން ޕޮލިސް ބޯޑަށް އައްޔަނުކުރަން ފަސް ނަމެއް

ފުލުހުންގެ އާ ގާނުނުގެ ދަށުން އުފައްދާ ޕޮލިސް ބޯޑަށް ކުރިމަތިލި ފަސް ފަރާތެއްގެ ނަން ދިރާސާ ކުރަން ކޮމެޓީއަށް ފޮނުވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އަމީން އާންމު މިއަދު ވަނީ ބޯޑަށް ކުރިމަތިލެއްވި ބޭފުޅުންގެ ނަންތައް މަޖިލީހުގެ ތަޅުމުގައި އިއްވާފަ އެވެ. އޭގެ ތެރޭގައި ކުރީގެ މަޖިލިސް މެންބަރު އަދި އެމްޑީޕީގެ އިންޓަނޭޝަނަލް ސްޕޯކްސް ޕާސަން ހާމިދު އަބްދުލް ގަފޫރު ހިމެނިވަޑައިގަންނަވަ އެވެ.

ޕޮލިސް ބޯޑަށް ކުރިމަތިލެއްވި އިތުރު ބޭފުޅުން

  • ލަބީގު މުހައްމަދު މާހިދު މ. މަނަދޫ ވިއު
  • ޒުބައިރު އަހުމަދު މަނިކު ގ. މަލްވަނި
  • ޒީނަތު އަލީ ދަފްތަރު 2616
  • އަލީ މުހަައްމަދު މަނިކު ދަފްތަރު 1851

ނަންތައް އިތުރަށް ދިރާސާ ކުރަން ގައުމީ ސަލާމަތާ ހާރިޖީ ގުޅުންތަކާބެހޭ ކޮމެޓީއަށް މިހާރު ވަނީ ފޮނުވާފަ އެވެ.

ފުލުހުންގެ ހިދުމަތުގެ ގާނޫނުގައި ބަޔާން ކޮށްފައިވާ ގޮތުގެ މަތީން އެކުލަވއިލާ ބޯޑަށް އާންމުންގެ ފަރާތުން ކުރިމަތިލާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލީ މި މަހުގެ އަށް ވަނަ ދުވަހު އެވެ. މިއަދު ފޮނުވި ނަންތަކުގެ ތެރޭން މަޖިލީހުން ކަނޑައަޅާ ދެ ބޭފުޅަކު ފުލުހުންގެ ބޯޑަށް އައްޔަން ކުރާނެ އެވެ.

މިދިޔަ އަހަރު ފަހުކޮޅު ތަސްދީގު ކުރި ފުލުހުންގެ އާ ގާނޫނުގެ ދަށުން އުފައްދާ ފުލުހުންގެ ބޯޑުގައި ހަތް މެމްބަރަކު ތިއްބަވާނެ އެވެ. އޭގެ ތެރޭގައި ރައީސް ސޯލިހް އައްޔަން ކުރައްވާ ދެ ބޭފުޅުންނާއި އެކި ދާއިރާތަކާ ގުޅޭ ތިން ތަޖުރިބާކާރުންނާއި އާންމުންގެ ތެރެއިން ދެ މެމްބަރަކު ހިމެނެ އެވެ.

ފުލުހުންގެ އާ ގާނޫނުގެ ދަށުން ފުލުހުންގެ ތެރެއިން ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އިން ފެށިގެން މަތީ ރޭންކްގެ ފުލުހުންނާމެދު ޕޮލިސް ބޯޑުން ހަތަރު މަސްތެރޭ ފިޔަވަޅު އަޅަން ޖެހޭނެ އެވެ.