ރައީސް އަބްދުﷲ ޔާމީން އަވަރާކޮށްލަން ރިޔާސީ ލޯންޗުކޮޅު "ފިނިފެންމާ" ގައި ދިން ބޮމުގެ ހަމަލާއާ ގުޅިގެން ފަށާފައިވާ ތަހުގީގެ ތެރޭގައި މިއަދު ވެސް ފުލުހުން އިތުރު ގެއަކަށް ވަދެ ފާސް ކުރަން ފަށައިފި އެވެ.
އެ ސަރަހައްދު ބަންދުކޮށްފައި އޮތުމުން ނޫސްވެރިން ވެސް މަޑުކޮށްގެން ތިބީ ވަރަށް ދުރުގަ އެވެ.
މިއަދު ހަވީރު ވަދެ ފާސް ކުރަނީ ބިންމާ ސްޓޯރު ހިމެނޭ ސަރަހައްދުގައި ހުންނަ ތިންގެއެއް ހުންނަ އިމަރާތާކަށެވެ. އެ އިމާރާތުގައި ހުންނަނީ ކޮކޯގެ އާއި ކޮކޯ އާއި ކޮކޯމާ އެވެ. ސިފައިންނާއި ފުލުހުން ވަދެފައި ވަނީ އޭގެ ތެރެއިން ކޮންމެވެސް އެއްގެއެއްގެ އެޕާޓްމަންޓަކެވެ. މިގެއަށް ވަދެފައި ވަނީ ހަމައެކަނި ފުލުހުންނެވެ. ދިލްބަހާރު މަގުގައި ހުންނަ މި އިމާރާތުން ފާސް ކުރަނީ އެއްވަނަ ފްލޯއެވެ.
ސިފައިންނާއި ފުލުހުން ހިންގަމުން ގެންދާ ހާއްސަ އޮޕަރޭޝަންތަކުގައި ރޭ ވެސް މާލޭގެ ބައެއް ގޭގެ އައި ބަލައި ފާސްކުރި އެވެ. އެގޮތުން ރޭ ފާސް ކުރި މއ. ގޯލްޑަން ބީމް އިން ފިސްތޯލައެއް ފެނިފައިވާއިރު ބައެއް އެހެން ތަންތަނުން ވެސް ހަޔާރުތަކެއް ވަނީ ފެނިފަ އެވެ. އޭގެ ތަފުސީލްތަކެއް އަދި މިހާތަނަށް ސާފެއް ނުވެއެވެ.
ރައީސް އަވަހާރަކޮށްލަން މިދިޔަ މަހުގެ 28 ވަނަ ދުވަހު، އެމަނިކުފާނު ދަތުރު ކުރެއްވި ލޯންޗުގައި ބޮމެއް ގޮއްވާލި ހާދިސާ އަށް ފަހު ސިފައިންނާއި ފުލުހުން ބައެއް ގެތަކާއި އޮފީސްތަކާއި ރިސޯޓްގެ ގޮތުގައި ތަރައްގީކުރާ ބައެއް ރަށްރަށް ފާސް ކުރާއިރު މީގެ ކުރިން ވެސް ވަނީ ބައެއް ގޭގެއިން ބޮން ހަދާ ސާމާނު ފެނިފައިވާ ކަމަށް ރައީސް އަބްދުﷲ ޔާމީން ވަނީ ކަށަވަރުކޮށް ދީފަ އެވެ.
މި އޮޕަރޭޝަންތަކުގައި ނައިބު ރައީސް އަހުމަދީބާއި ބައެއް މީހުން ހައްޔަރުކޮށްފައިވާއިރު ރޭވެސް ދެމީހަކު ހައްޔަރުކުރި އެވެ.
ލޯންޗުގައި ގޮއްވާލާފައި ވަނީ ބޮން ހަދަން ބޭނުން ކުރާ ބާރުގަދަ އެކްސްޕްސިވް އެއް ކަމަށްވާ ސީ4 ބޭނުންކޮށްގެން އުފައްދާފައިވާ އެއްޗެއް ކަމަށް ތަހުގީގުގައި ބައިވެރިވި ސައޫދީ އަރަބިއްޔާގެ ފޮރެންސިކް ޓީމުން ވަނީ ކަށަވަރުކޮށްދީފައެވެ.