މާލެ ވިޔަފާރި ބަނދަރުގެ ރައްކާތެރިކަން ވަރުގަދަ ކުރުމުގެ ގޮތުން، ބަނދަރަށް މަަސައްކަތު ވަންނަ ފަރާތްތައް ތަމްރީނެއް ހަދަން ލާޒިމް ކޮށްފި އެވެ.
މާލެ ވިޔަފާރި ބަނދަރު ބަލަހައްޓާ، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މެނޭޖިން ޑިރެކްޓަރު ޝާހިދު އަލީ ވިދާޅުވީ މާލެ ވިޔަފާރި ބަނދަރު މިހާރު އޮންނަ ގޮތުން ބަނދަރުގެ އޮޕަރޭޝަން އޭރިއާއި ކްލިއަރިން އޭރިއާއަކީ އެއް ސަރަހައްދެއް ކަމަށެވެ.
އެހެންވެ، ބަނދަރު ތެރެއަށް އެމްޕީއެލްގެ މުވައްޒަފުން ނޫން އެހެން ގިނަ ބަޔަކު މަސައްކަތުން ވަންނަން ޖެހޭ ކަމަށެވެ. މި ފަހުން ބަނދަރުގައި ހިނގާފައިވާ ހާދިސާތަކުގައި ގެއްލުންވެފައިވަނީ މިގޮތަށް ބަނދަރަށް ވަދެ މަސައްކަތް ކުރާ އެމްޕީއެލް މުވައްޒަފުން ނޫން މީހުންނަށް ކަމަށެވެ.
"މިސާލަކަށް ކްލިއަރިން ގްރޫޕްތަކުގެ އެޖެންޓުންނާއި ޑްރައިވަރުން ބަނދަރަށް ވަދޭ، އަދި ކޮންސައިނީގެ ފަރާތުން މުދާ ނެރެން ވެސް މީހުން ވެދޭ. މިއީ ފުދޭ ވަރަކަށް ގިނަ އަދަދެއް ބަޔަކު. ވޭތުވެދިޔަ ދެ މަހަކަށް ބަލާއިރު އަނިޔާވެފައިވަނީ މިގޮތަށް ވަތް މީހުންނަށް. އެހެންވެ މި މީހުން ވެސް ތަމްރީން ކުރަން ނިންމީ،" ޝާހިދު ވިދާޅުވި އެވެ.
ހަ ގަޑިއިރުގެ ތަމްރީން ޕްރޮގްރާމެއް
އެމްޑީ އިތުރަށް ވިދާޅުވީ އަލަށް ފަށާ "އިންޑެކްޝަން ޕްރޮގްރާމް" ފުރިހަމަކޮށްގެން ނޫނީ ކުރިއަށް އޮތްތަނުގައި ބަނދަރަށް ނުވަދެވޭނެ ކަމަށެވެ. އަދި އޭނާ ވިދާޅުވި ގޮތުގައި ކުރިއަށް އޮތް ހަ މަސް ތެރޭގައި ބަނދަރަށް ވަންނަން ފާސް ދޫކުރާނީ މި ތަމްރީން ފުރިހަމަ ކުރުމަށްފަހު އެވެ.
"މި ތަމްރީންގައި ކިޔައިދޭނެ ބަނދަރުގައި ހިނގައިދާނެ ހާދިސާ ތަކަކީ ކޮބައި ތޯ؟ ރައްކާތެރިކަމަށް އެޅިދާނެ ފިޔަވަޅު ތަކަކީ ކޮބައި ތޯ؟ މި ހުރިހާ އެއްޗެއް ކިޔައިދޭނެ. އަދި ތަމްރީން އަށް ފަހު ކުއިޒެއް ދޭނެ. ފާސްވާ ފަރާތްތަކަށް ސެޓްފިކެޓެއްވެސް ދޭނެ،" ޝާހިދު ވިދާޅުވި އެވެ.
ފާސް ދޫކުރާ އުސޫލަށް ބޮޑު ބަދަލެއް
އެމްޕީއެލް އިން ވަނީ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކުރުމުގެ ގޮތުން ބަނދަރަށް ވަންނަ ފާސް ދޫކުރާ އުސޫލަށް ވެސް ބަދަލު ގެންނަން ނިންމާފަ އެވެ.
ޝާހިދު ވިދާޅުވީ މިހާރު އޮންނަ ގޮތުން ފާސް ދޫކުރަނީ ހަމައެކަނި ޕޮލިސް ރިޕޯޓު ގެނައުމުން ކަމަށެވެ. ނަމަވެސް އަލަށް އަމަލު ކުރަން ފެށި އުސޫލާއެކު ގާނޫނީ ހުރިހާ ފޯމުތަކެއް ވެސް ފުރިހަމަ މަޖުބޫރުވާނެ ކަމަށެވެ.
"ދެން ފާސް ދޫކުރާނީ އެމްޕީއެލް މުވައްޒަފުންނަށް ވަޒީފާ ދޭއިރު ވެސް ކްލިއަރިން ދޭ ގޮތަށް ޕީޖީ އާއި ކޯޓު ތަކުން ވެސް ކްލިއަރެންސް ހޯދުމުން،" ޝާހިދު ވިދާޅުވި އެވެ.
މަޖޫރީންނާ ބެހޭ ގަވައިދެއް ހަދަނީ
އޭނާ އިތުރަށް ވިދާޅުވީ ވިޔަފާރި ބަނދަރުގައި މަސައްކަތް ކުރާ "މަޖޫރީން" ނާ ބެހޭ ގަވައިދެއް ވެސް ހަދަމުންދާ ކަމަށެވެ.
"ޕެންޑެމިކްއާ ގުޅިގެން ފުދޭ ވަރަކަށް ޓާންއޯވާ ހައިވެއްޖެ، މަޖޫރީ ވޯކަރުންގެ. އެހެންވެ ރެގިއުލޭޓް ކުރަން ދަތިތަކެއް އެބަހުރި. އެހެންވެ ކްލިއަރިން ގްރޫޕްއާ ބެހޭ ގަވައިދެއް ވަރަށް އަވަހަށް ގެޒެޓް ކުރާނެ. އޭގައި އޮންނާނެ އެ ބޭފުޅުން [މަޖޫރީން] ބަލަން ޖެހޭ ކަންތައްތައް ވެސް،" ޝާހިދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ބަނދަރު ކުޑަކަމުން، ކުޑަ ޖާގައެއްގެ ތެރޭގައި ގިނަ މަސައްކަތް ތަކެއް ކުރަން ޖެހުމަކީ ބޮޑު މައްސަލައެއް ކަމަށެވެ.
"ބަނދަރަށް ދޯނި ވެސް ވައްދަން ޖެހޭ މުދާ ބަލާ. އެކަމަކު އެއް ފަހަރާ ކީވޯލަށް ކައިރި ކުރެވެނީ ދެ ދޯނި. އެކަމަކު ދުވާލަކު އާއްމު ހާލަތުގައި 200 ނޫނީ 230 ކޮންޓެއިނާ ކްލިއަ ކުރަން އެބަ ޖެހޭ. އެހެންވީމަ 20 ނޫނީ 30 އަދި 40 ދޯނި ވައްދަން ޖެހޭ،" ޝާހިދު ވިދާޅުވި އެވެ.
މާލެ ވިޔަފާރި ބަނދަރުގައި ދާދި ފަހުން ވަނީ ކައިރި ކައިރީގައި ދެ ހާދިސާއެއް ހިނގާފަ އެވެ. މި ހާދިސާތަކުގައި ދެ މީހެއްގެ ފުރާނަ ގެއްލިފައިވެ އެވެ.