ކުށަށް އިންކާރުކޮށް، ފުލުހުން ކޯޓަށް ހާޒިރުކުރުވީ މަސްތުކުރުވައިގެން ކަމަށް ބުނީ ބަޔަކު ބުނެގެން ކަމަށް އަދުހަމް ބުނެފި އެވެ.
މިއަދު ކްރިމިނަލް ކޯޓުގައި އޮތް އިބްތިދާއީ އަޑުއެހުމުގައި އަދުހަމް ބުނީ، އޭނާ ހައްޔަރުކުރުމަށްފަހު ފުރަތަމަ އެކަހެރިކޮށް ގެންގުޅުމަށްފަހު ދެން ގެންދިޔަ ސެލްގައި ބޮޑެތި ކުށްތަކުގައި ބަންދުކޮށްފައިވާ މީހުން ތިބި ކަމަށެވެ. ފުލުހުން އޭނާ ކޯޓަށް ހާޒިރުކުރުވީ މަސްތުކުރުވައިގެން ކަމަށާއި ކުށަށް އިންކާރުކުރަން އޭނާގެ ބޮލަށް ސަވާރުވީ އެމީހުން ކަމަށް އޭނާ ބުންޏެވެ.
"އަޅުގަނޑު ކަރެކްޝަނަލް ސާވިސަސްގެ ދަށަށް ބަދަލުކުރުމަށްފަހު ގެންދިޔަ ސެލްގައި ތިބީ ބޮޑެތި ކުށްތަކުގަ ހައްޔަރުކޮށްފަ ތިބި މީހުން. އެމީހުން އަޅުގަނޑު ބޮލަށް ޗިޕު ޖެހީ އިންކާރުކޮށްފަ އެހެން ބުނާށޭ. އެމީހުން ލިޔެފަ ދިން އެއްޗެހި އެދުވަހު ކޯޓުގަ ކީ. ކުށަށް ކޯޓުގަ އިންކާރުކުރި ފަހުން އެނގުނީ އެއީ އެމީހުން ފުލުހުންގެ ބަޔަކަށް ހަސަދައެއް ފިލުވާލަން އަޅުގަނޑު މެދުވެރިކޮށް ކުރުވި ކަމެއް ކަން. ފުލުހުންނެއް އަޅުގަނޑަކަށް މަސްތުވާއެއްޗިއްސެއް ނުދޭ އެކަމަކު ސުޕާރީ ސިނގިރޭޓު ފަދަ އެއްޗެހި ލިބޭ." އަދުހަމް ބުންޏެވެ.
އަދުހަމް ބުނީ އެމީހުން ލިޔެފައި ދިން ގަނޑު އެހެން ލޯޔަރަކާއި މިހާރު ހަވާލުކުރެވިފައިވާ ކަމަށާއި، އެލޯޔަރު އޭނާގެ އަތުލިޔުންތޯ ވެސް ބެލިކަމަށެވެ.
މިއަދުގެ އަޑުއެހުމުގައި ވެސް އަދުހަމް ވަނީ ކަންހިނގައި ދިޔަ ގޮތް ޝަރީއަތުގައި ކިޔައިދީފަ އެވެ. އެގޮތުން ގާސިމަށް ހަމަލާ ދިނީ ފޭރެން އުޅުމުން އޭނާ، އަޑުގަދަ ކުރުމުން ކަމަށް ބުނެ އެ ރޭގެ ހާދިސާ ހިނގައިދިޔަ ގޮތް ޝަރީއަތުގެ އަޑުއެހުމުގައި އަދުހަމް ކިޔާދީފައިވެ އެވެ. އަދި އޭނާ ތަކުރާރުކޮށް ބުނީ އެއީ އޭނާ ގަސްތުގައި ކުރިކަމެއް ނޫން ކަމަށެވެ.
"އަޅުގަނޑު އަތުން ވީ ކަމެއްވީމަ ކުށަށް އިއުތިރާފްވަން. އެކަމަކު ގަސްތުގައި މީހަކު މެރިކަމުގެ ދައުވާއަށް އަޅުގަނޑު އިންކާރުކުރަން. އެވަގުތު އަޅުގަނޑު ހުރީ މަސްތުވެގެން. އެއީ ގަސްތުގައި ކުރިކަމެއް ނޫން. އެކަމަށް ވާރިސުންގެ ކިބައިން މައާފަށް އެދެން." އަދުހަމް ބުންޏެވެ.
ގާަސިމްގެ މަރުގެ މައްސަލައިގައި އަދުހަމްގެ މައްޗަށް އުފުލާފައި ވަނީ ތޫނު އެއްޗަކުން ގަސްތުގައި މީހަކު މެރިކަމުގެ ދައުވާ އެވެ. ގާސިމް މަރާލާފައި ވަނީ 2019 ވަނަ އަހަރުގެ ޑިސެމްބަރު ހަތަރު ވަނަ ދުވަހުގެ ރޭ އެވެ.
މިއަދުގެ އަޑުއެހުމުގައި ދައުލަތުން ބުނީ، އަދުހަމް މުޅި ދައުވާއަށް އިއުތިރާފް ނުވާ ކަމަށާއި އޭނާ އިގުރާރެއް ވެފައިވާތީ އެކަން ސާބިތުކުރުމަށް ހެކިން ހުށަހަޅަން ބޭނުންވާ ކަމަށެވެ. އެހެންކަމުން ކަމުގެ ނިޔަތް ސާބިތުކުރުމަށް ދައުލަތުން ހެކި ހުށަހެޅުމުގެ ފުރުސަތު މައްސަލަ ބައްލަވާ ގާޒީ އިސްމާއީލް ރަޝީދު ވަނީ ދައުލަތަށް ދީފައެވެ.
ދައުލަތުގެ ފަރާތުން ސިއްރު ހެކިންގެ ގޮތުގައި ހުށަހަޅާ މީހުންގެ ނަންތައް ވެސް މިއަދުގެ ޝަރީއަތުގައި ވަނީ ކިޔާފައެވެ. އޭގެތެރޭގައި ދެ ބިދޭސީ މީހުންނާއި، ވާރިސުންނާއި ފުލުހުންގެ ބައެއް އޮފިސަރުންގެ އިތުރުން ޑޮކްޓަރެއް ވެސް ހިމެނެ އެވެ.
މިއަދުގެ އަޑުއެހުމުގައިވެސް ކޯޓުން ނިންމީ އަދުހަމް އަކީ މުޖުތަމައަށް ނުރަައްކާ ވާނެ މީހެއް ކަމަށް ބަލައި ބަންދުގެ އަމުރު ދެމެހެއްޓުމަށެވެ.