ބޭރު ކުޅިވަރު

މޮރީނިއޯ މަގާމުން ވަކިކުރަނީތަ؟

މި ސީޒަނުގައި ޗެލްސީ އަޑިއަޅާލާފައިވާތީވެ އިނގިރޭސި މީޑިޔާގައި އެންމެ ބޮޑަށް ދެކެވެނީ ކޯޗު ހޯސޭ މޮރީނިއޯގެ ވާހަކަ އެވެ. އޭނާ މަގާމުން ދުރުކުރާނެ ވާހަކަ ގަދަވަމުން ގޮސް މިހާރު ދެކެވޭ ވާހަކައަކީ ޕްރެމިއާ ލީގުގައި މިއަދު ހަވީރު ލިވަޕޫލް އަތުން ބަލިވެއްޖެނަމަ މޮރީނިއޯ ވަކިކުރާނެ ވާހަކަ އެކެވެ.

އެންމެ ފަހުގެ ޗެމްޕިއަން ޗެލްސީ މިވަގުތު އޮތީ 11 ޕޮއިންޓާއެކު 20 ޓީމު ވާދަކުރާ ލީގުގެ 15 ވަނާގަ އެވެ. ނަމަވެސް ބައެއް ފަރާތްތަކުން ބުނަނީ ޗެލްސީގެ ވެރިޔާ ރޯމަން އަބްރޮމޮވިޗާއި ޗެލްސީގެ ބޯޑުން ތިބީ މޮރީނިއޯއާއެކުގައި ކަމަށެވެ. އެކަމަކު ނޫސްވެރިން މިކަމާ ބެހޭ ގޮތުން ކުރި ސުވާލަށް މޮރީނިއޯ ސީދާ ޖަވާބެއްނުދިނެވެ.

"އެވާހަކަ އަހަރެން ކަލޭމެން ގާތުގައި ބުނާކަށް ނުޖެހޭނެ. މަގާމާމެދު ބިރުވެރިކަމެއްނެތް. އަހަރެން ބިރެއް ނުގަނޭ އަހަރެންގެ ވަޒީފާއާމެދު، އަހަރެންގެ ކުރިމަގާމެދު ވެސް އަހަރެން ކަންބޮޑެއްނުވޭ. އަހަރެންގެ ދުވަހުން އެންމެ ސިކުންތެއް އެކަމާ ވިސްނާކަށް ހޭދަނުކުރަން، " ޗެލްސީގެ ބޯޑާއި އަބްރޮވިޗްގެ ސަޕޯޓް ލިބިފައިވޭތޯ އެހުމުން މޮރީނިއޯ ބުންޏެވެ.

މޮރީނިއޯ ޗެލްސީއާއެކު ހަދާފައިވާ ކޮންޓްރެކްޓް އާކުރީ މިދިޔަ އޮގަސްޓްމަހު އެވެ. އާކޮންޓްރެކް ބުނާގޮތުން 2019 ވަނަ އަހަރުގެ ނިޔަލަށް އޭނާ ޗެލްސީގައި ހުންނާނެ އެވެ. ނަމަވެސް ޕްރެމިއާ ލީގުގައި މިހާތަނަށް ކުޅުނު 10 މެޗުގެ ތެރެއިން ފަސް މެޗުން ބަލިވެފައިވުމުން އޭނާގެ މަގާމާމެދު ސުވާލު އުފައްދާ މީހުން ގިނަ އެވެ.

އަނެއްކޮޅުން މޮރީނިއޯ ބުނީ އަންނަ ސީޒަނުގައި ޗެމްޕިއަންސް ލީގު ފުޓްބޯޅަ މުބާރާތުގައި ޗެލްސީ ކުޅޭނެކަން ޔަގީންކޮށްދެވެން ނެތް ކަމަށެވެ. ޗެމްޕިއަންސް ލީގު ކުޅެވޭނީ ލީގުގެ ގަދަ ހަތަރެއްގައި ހިމެނިގެންނެވެ.

"ޗެލްސީ އަކީ ބޮޑު ކުލަބެއް. އަހަންނަށް އެކުލަބަކަށް އަންނަން ބޭނުންވި ކުލަބު. މި ކުލަބުގައި ހޭދަކުރާ ކޮންމެ ދުވަހަކީ އަހަންނަށް ހާއްސަ ދުވަހެއް. ދެން ބަލަމާ މެންޗެސްޓާ ޔުނައިޓެޑާއި ލިވަޕޫލަށް. ލިވަޕޫލަކީ ބޮޑު ކުލަބެއް. މެންޗެސްޓާ ޔުނައިޓެޑަކީ ވަރަށް ބޮޑު ކުލަބެއް. ލިވަޕޫލް މިދިޔަ ސީޒަނުގައި އެއްވެސް މުބާރާތެއް ކާމިޔާބެއް ނުކުރޭ. ޗެމްޕިއަންސް ލީގަށް ކޮލިފައިނުވޭ. މީދެ ދެ އަހަރު ކުރިން މެންޗެސްޓާ ޔުނައިޓެޑް ޗެމްޕިއަންސް ލީގަށް ކޮލިފައިނުވޭ. ތައްޓެއް ވެސް ކާމިޔާބު ނުކުރެވުނު. އެކަމަކު މިއީ އެފަދަ ދެވަނައެއްނެތްހާ ބޮޑު ދެ ކުލަބު. އެކަމަކު މިއީ ފުޓްބޯޅަ. އެހެންވީމަ ޗެލްސީއާމެދު އެއްޗެއް ބުނަން އަހަންނަށް ދަތި،" މޮރީނިއޯ ބުންޏެވެ.

ޗެލްސީގެ ކޯޗުކަމުން މޮރީނިއޯ ވަކިކުރާނެ ވާހަކަ ދައްކަމުންދާއިރު އެ މަގާމަށް ގެންނާނެ މީހުންނާ މެދު ވެސް ދަނީ ވާހަކަ ދެކެވެމުންނެވެ. އެ ލިސްޓުގެ އެންމެ ކުރީގައިވަނީ ޗެލްސީގެ ކުރީގެ ދެ ކޯޗުން ކަމަށްވާ އިޓަލީގެ ކާލޯ އެންޗެލޯޓީ އާއި ނެދަލޭންޑްސްގެ ގުސް ހިޑިންކެވެ. މީގެ ތެރެއިން އެންޗެލޯޓީ ވަނީ ޗެލްސީ އަށް ޕްރެމިއާ ލީގު ކާމިޔާބުކޮށްދީފަ އެވެ. ހިޑިންކް ވަނީ ސީޒަނުގެ މެދުތެރެއިން ޓީމާ ހަވާލުވެ އެފްއޭކަޕް ކާމިޔާބުކޮށްދީފަ އެވެ.