ގައުމީ ފުޓްބޯޅަ އިދާރާ އެފްއޭއެމުގެ އިންތިހާބު ބޭއްވުމަށް ފީފާއިން އައްޔަންކޮށްފައިވާ ނޯމަލައިޒޭޝަން ކޮމިޓީގެ ދައުރު ޑިސެމްބަރު މަހުގެ ނިޔަލަށް ފީފާއިން އިތުރުކޮށްފި އެވެ.
ދުނިޔޭގެ ފުޓްބޯޅަ ޖަމިއްޔާ ފީފާއިން ރޭ ނެރުނު ބަޔާނުގައިވަނީ ނޯމަލައިޒޭޝަން ކޮމިޓީގެ ދައުރު އިތުރުކުރީ މި މަހުގެ 22ގައި ބާއްވަން އުޅުނު އެފްއޭއެމުގެ އިންތިހާބު ކެންސަލްވެފައިވާއިރު އިއްޔެގެ ނިޔަލަށް ނޯމަލައިޒޭޝަން ކޮމިޓީގެ ދައުރު ހަމަވާތީ އެވެ. ފަސް މެމްބަރުންގެ މި ކޮމިޓީގެ ދައުރު އިތުރުކޮށްދިންއިރު މުހައްމަދު ހުސައިން (އޮއިއްޓޭ)ގެ ބަދަލުގައި ގައުމީ ފުޓްބޯޅަ ޓީމުގެ ޑޮކްޓަރު އަހުމަދު ޝަކީބް ވަނީ ކޮމިޓީ އަށް ނަގާފަ އެވެ. އަދި ކޮމިޓީގެ ވައިސް ޗެއާމަނަކީ ވެސް އޭނާ އެވެ. ދެން ތިއްބަވަނީ ޗެއާމަން މުހައްމަދު ޝަވީދާއި އަލީ އުމަރާއި އަބުދުލްހަމީދު އަބުދުލްގަފޫރު (އައްޑޯ) އާއި ފަސީހު ޒާހިރެވެ.
މި އިންތިހާބު ކެންސަލްވީ ހޯމް މިނިސްޓްރީން އެފްއޭއެމުގެ އަސާސީ ގަވާއިދު ރަޖިސްޓްރީކޮށްނުދެނީސް އެފްއޭއެމުގެ އިންތިހާބު ބާއްވައިފިނަމަ އެއީ ރާއްޖޭގެ ގާނޫނާ ހިލާފު ކަމެއް ކަމަށް އެޓާނީ ޖެނެރަލް ލަފާދެއްވުމުންނެވެ. ހޯމް މިނިސްޓްރީން އަސާސީ ގަވާއިދު ރަޖިސްޓްރީކޮށްނުދިނީ ޖަމިއްޔާތަކުގެ އަސާސީ ގަވާއިދާ ފުށުއަރާކަމަށްބުނެ އެވެ.
މި މައްސަލާގައި އެފްއޭއެމުގެ އިންތިހާބަށް މާލެ ވަޑައިގެންނެވި ފީފާ އާއި އޭއެފްސީގެ އޮފިޝަލުން ޔޫތު މިނިސްޓްރީ އާއި ހޯމް މިނިސްޓްރީއާ ވާހަކަ ދައްކައިގެން ވެސް ވަނީ ހައްލެއް ލިބޭގޮތްނުވެފަ އެވެ. އަދި ސަރުކާރުން އެފްއޭއެމަށް ނުފޫޒު ފޯރުވާނަމަ ރާއްޖެ ސަސްޕެންޑްކުރާނެ ކަމަށް ފީފާއިން ވަނީ ބުނެފަ އެވެ.
އެފްއޭއެމުގެ އިންތިހާބު ބާއްވަން ޖެހިފައިވަމިވަނީ 2012 ވަނަ އަހަރުގެ އެއިރުގެ ރައީސް އަލީ އާޒިމް ބަލިކުރެއްވުމަށްފަހު އެފްއޭއެމުގެ ރައީސްކަން ހޯއްދެވި އިލްހާމު ދައުރުގެ ދައުރު ފީފާއިން މިދިޔަ އަހަރު ނިމުމަކަށް ގެނައުމުންނެވެ. އެއަށް ފަހު ފަސް މެމްބަރުންގެ މައްޗަށް އެކުލެވޭ ނޯމަލައިޒޭޝަން ކޮމިޓީ އެއް ފީފާއިން އެކުލަވާލީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ހަތަރު ވަނަ ދުވަހު އެވެ.
މުއްދަތު ހަމަވިއިރު އެފްއޭއެމުގެ އިންތިހާބަށް ކުރިމަތިލެއްވީ ނޯމަލައިޒޭޝަން ކޮމިޓީގެ ޗެއާމަން ޝަވީދު އެކަންޏެވެ. މިހެންވެ އިންތިހާބުގައި އޮންނާނީ އޭނާ އާއި އޭނާގެ ޓީމަށް ފެންނަ ނުފެންނަ ވޯޓު ނެގުމެވެ.