ޓޫރިޒަމް

މޮޓޯޖީޕީ ރޭސިން ޗެމްޕިއަން ޖޯޖް ލޮރެންޒޯ ރާއްޖެއަށް

ދުނިޔޭގެ އެންމެ ބޮޑު ސައިކަލް ރޭސިން މުބާރާތް ކަމަށްވާ މޮޓޯ ޖީޕީ ރޭސިން ޗެމްޕިއަންކަން ގިނަ އަހަރުތަކެއްގައި ހޯދާފައިވާ ޖޯޖް ލޮރެންޒޯ މިއަދު ރާއްޖެ އަތުވެއްޖެ އެވެ.

ސްޕެއިނަށް އުފަން ޖޯޖް ރާއްޖެ އައުމާ ގުޅިގެން އޭނާއަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން މަރުހަބާ ކިޔާފައިވަނީ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފާއި ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް އެވެ.

ވީއައިއޭގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް ވިދާޅުވި ގޮތުގައި ރެންޒޯގެ ސަބަބުން ޓޫރިޒަމް އިސްތިހާރު ވެގެންދާނެ ކަމަށެވެ.

ސްޕެއިންގެ ރައްޔިތެއް ކަމަށްވާ ލޮރެންޒޯއަކީ ދުނިޔޭގައި މަޝްހޫރު މީހެކެވެ. ހާއްސަކޮށް ދުނިޔޭގެ ކުޅިވަރު ކޮމިއުނިޓީގައި ލޮރެންޒޯގެ މަގުބޫލުކަން ބޮޑެވެ. ލޮރެންޒޯ ވަނީ ސީސީ ވޯލްޑް ޗެޕިއަންކަން 2006 އަދި 2007 ވަނަ އަހަރު ކާމިޔާބުކޮށް، ވޯލްޑް މޮޓާ ޖީޕީ ޗެމްޕިއަންޝިޕް 2010 އާއި 2012 އަދި 2015 ގައި ކާމިޔާބުކޮށްފަ އެވެ. ނަމަވެސް އޭނާ ވަނީ ތަފާތު ސަބަބުތަކާއެކު 2019 ވަނަ އަހަރު ރިޓަޔާކޮށްފަ އެވެ.

ރާއްޖެއަކީ ދުނިޔޭގެ މަޝްހޫރު ގިނަ ތަރިން އަންނަ މަންޒިލެކެވެ. މިދިޔަ އަހަރު މަޝްރޫއު ލަވަކިޔުންތެރިންނާއި ކުޅިވަރު ތަރިން އަދި ބިލިއަނުން ރާއްޖެ އައިސްފައިވެ އެވެ.