ހަބަރު

ނަދީމްގެ މަރު: ހެކިންނަށް އޮތް ނުރައްކާ ބޮޑު

ޓާމިނަލް ކެފޭ ތެރޭގައި 2017 ވަނަ އަހަރުގެ ޖުލައި މަހުގައި މަރާލި ހއ. ތަކަންދޫ، އިބްރާހިމީ ހިޔާ، ނަދީމް އަބްދުއްރަހީމްގެ މަރުގެ މައްސަލާގައި ހުށަހެޅި ހެކިންނަށް ނުރައްކާ އޮތް ކަމަށް ދައުލަތުން ބުނެފި އެވެ.

މިދިޔަ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހުގެ ރޭ ސިލްސިލާކޮށް މާލޭގައި ހިންގި މާރާމާރީތަކަކީ ނަދީމްގެ މަރުގެ މަސައްލައިގައި ދިން ހެކިބަހާ ގުޅުންހުރި މާރާމާރީތަކެއްކަން ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓުން ހާމަވާ ކަމަށް ކްރިމިނަލް ކޯޓުގައި އޮތް މިއަދުގެ އަޑުއެހުމުގައި ދައުލަތުން ވަނީ ބުނެފަ އެވެ.

ހެކިން ހުށަހެޅުމަށް މިއަދު އޮތް ޝަރީއަތުގެ އަޑުއެހުމުގައި ދައުލަތުން ވަނީ އިތުރު ސިއްރު ތިން ހެކިން ހުށަހަޅާފަ އެވެ. މީގެ ކުރިން ދެ ހެކިންގެ ހެކިބަސް ވަނީ ނަގާފަ އެވެ. މި މާރާމާރީތައް ހިންގާފައި ވަނީ އެ ދެ ހެކިވެރިން ހެކިބަސް ދިނުމުން ކަމަށް ވެސް ދައުލަތުން ވަނީ ފާހަގަ ކޮށްފަ އެވެ.

މަރުގެ މި މައްސަލާގައި ދައުވާ އުފުލާފައި ވަނީ ގއ. ގެމަނަފުށީ ހަވާސް، މުހައްމަދު ކަރަމް ސުހައިލާއި ރ. އިންނަމާދޫ ސަމަންތާ، ހުސައިން ޝާމީނާއި ލ. ގަން، ވިދާތަރި، އަލީ ނިފާޒާއި ގ. ޝާރާޒް މުހައްމަދު މަފާޒަށެވެ.

މަފާޒަށް ކުރަނީ ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ އެވެ. އަނެއް ތިން މީހުންގެ މައްޗަށް ދައުވާ ކޮށްފައިވަނީ ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްދުގައި މީހަކު މެރުމުގައި ބައިވެރިވި ކަމުގެ ދައުވާ އެވެ.

މި ހަތަރު މީހުންނާ ދެކޮޅަށް ދައުލަތުން ނުވަ ހެއްކެއް ހުށަހެޅި ނަމަވެސް މިހާތަނަށް ހެކިބަސް ދީފައި ވަނީ ފަސް މީހުންނެވެ. ކުރީގެ އަޑުއެހުމެއްގައި ދެ މީހުން ހެކިބަސް ދިނުމަށް ފަހު މާރާމާރީތަކެއް ހިންގުމާއި ގުޅިގެން މިއަދު ހެކިބަސް ދިން މީހުން ވަނީ ސިއްރު ކޮށްފަ އެވެ.

ދައުލަތުން ބުނީ ދެން ތިބި ހަތަރު ހެކިންގެ ހެކިބަސް ނެގުމަށް ޝަރީއަތަށް ހާޒިރުކޮށްފިނަމަ އެމީހުންގެ ފުރާނައަށް ނުރައްކާވެ ދާނެ ކަމަށް ބެލެވޭތީ އެ ފަރާތްތަކުން ހެކިބަސް ދިނުމަށް އުޒުރުވެރިވާ ކަމަށެވެ.

ކުރިން ހެކިބަސް ދިން ދެމީހުން ޝަރީއަތުގެ މަޖިލީހުގައި ބުނީ ނަދީމުގެ ބޮލަށް ވަޅިން ހަމަލާދީފައި ވަނީ ނަދީމް މަރާލި ކަމުގެ ދައުވާ ރައްދުވާ ގ. ޝާރާޒް، މުހައްމަދު މަފާޒު ކަމަށެވެ. އަދި ހަމަލާ ދިން ވަގުތު މަފާޒު މޫނު އަޅައިގެން ހުރި ނަމަވެސް ފަހުން މޫނު ނެގުމުން އެއީ މަފާޒުކަން ޔަގީންވާ ކަމަށް އެ ދެ މީހުން ބުންޏެވެ.

އެހެން ނަމަވެސް މިއަދު ހެކިބަސް ދިން ތިން މީހުންނަށް ހަމަލާ ދިން މީހުން ނޭނގޭ ކަމަށް ވަނީ ބުނެފަ އެވެ. އެމީހުން ތިބީ މޫނު އަޅައިގެން ކަމަށާއި އެމީހުންގެ ސިފަ އާއި ހަށިގަނޑުގެ ރޫފަ ކިޔައި ދޭން ވެސް ނޭނގޭ ކަމަށް އެމީހުން ވަނީ ބުނެފަ އެވެ. އެއްވެސް މީހަކަށް ހަމަލާ ދޭ މަންޒަރު ނުފެންނަ ކަމަށް ތިން މީހުން ވެސް ވަނީ ބުނެފަ އެވެ.

މި މައްސަލައިގައި ހަތަރު މީހުން ވެސް މީގެ ކުރީގެ އަޑު އެހުމެއްގައި ވަނީ ދައުވާއަށް އިންކާރުކޮށްފަ އެވެ. މި މައްސަލައިގައި ދެން އޮންނާނީ ދިފާއީ ހެކިން ހުށަހެޅުމާއި ދައުވާ އުފުލޭ ހަތަރު މީހުންގެ ބަންދު މުރާޖާ ކުރުމެވެ.

ނަދީމް މަރުވީ ޓާމިނަލް ކެފޭތެރޭގައި އިންދާ ބަޔަކު ގޮސް ވަޅި ހަރައި ޒަހަމްކޮށްލުމުން ލިބުނު އަނިޔާތަކަށް އޭޑީކޭގައި ފަރުވާ ހޯދަމުން ދަނިކޮށެވެ. ފުލުހުން އޭރު ބުނީ ނަދީމް މަރާލާފައިވަނީ ދެ ގޭންގެއްގެ ދެމެދު ޖެހިފައިވާ މައްސަލައެއްގެ ތެރެއިން ބަދަލު ހިފުމަށް ކަމަށެވެ.