ސޯޝަލް މީޑިޔާގައި ހިންގާ ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވާ ފުލުހުންނަށް ފިޔަވަޅު އަޅާނެ ކަމަށް އެ އިދާރާއިން އަންގައިފި އެވެ.
ސޯޝަލް މީޑިޔާ އާއި އެހެން ގޮތްގޮތަށް ސިޔާސީ ހަރަކާތް ތަކުގައި މައްސޫލުވާ ފުލުހުންނާ މެދު ފިޔަވަޅު އަޅާނެކަން އަންގައިފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު އެސިސްޓަންޓް ޕޮލިސް ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު މުހައްމަދު ފުލުހުންގެ ހުރިހާ ޑިޕާޓުމަންޓު ތަކަށް ފޮނުވި ސާކިއުލާ އެއްގަ އެވެ.
"އަވަސް" އަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ އިންފޮމޭޝަން އޮފިސަރު އިސްމާލް އަލީ ވިދާޅުވީ ފުލުހުންގެ ކޯޑް އޮފް ކޮންޑަކްޓްގަ އާއި އަދި ގާނޫނުގައިވާ ގޮތުގެ މަތިން އެއްވެސް ފުލުހަކަށް ސިޔާސީ ހަރަކާތެއްގައި ނުވަތަ އެފަދަ ކަމެއްގައި ޝާމިލުވެ ނުވަތަ ސިޔާސީ ކަމެއް ޕްރޮމޯޓުވާ ފަދަ ކަމެއް ކުރުމަކީ މަނާކަމެއް ކަމަށެވެ.
އެހެން ނަމަވެސް ފަހަކަށް އައިސް ބައެއް ފުލުހުން ސޯޝަލް މީޑިޔާގައި ސީޔާސީ ބޭފުޅުން ކުރައްވާ ޕޯސްޓުތަކަށް ރައްދު ދިނުމާއި ސިޔާސީ ބައެއް ހަރަކާތްތަކުގައި ޝާމިލުވެގެން އުޅޭތީ، އެކަމަކީ މަނާ ކަމެއް ކަން ހަނދާންކޮށްދީ އެފަދަ އަމަލު ކުރާ ފުލުހުން ހޯދައި އެބަޔަކާއި މެދު ފިޔަވަޅުއަޅާނެ ކަމަށް އެސިސްޓަންޓު ސޮމިޝަނާގެ ގެ ސާކިއުލާގައި ބުނެފައިވާ ކަމަށެވެ.
"މިއީ އާ ކަމެއް ނޫން. ފުލުހުން ސިޔާސީ ކަންކަމާއި ބައިވެރިވެ ސޯޝަލް މީޑިޔާގައި ހުންނަ ސިޔާސީ ޕޯސްޓުތަކަށް ލައިކުލާ ކޮމެންޓު ކުރުން ނޫނީ އެފަދަ ކަންކަން ކުރުމުގައި އުޅުމަކީ ގަވައިދުގެ ދަށުން އެއް އިރެއްގައިވެސް ޖާގަދޭ ކަމެއް ނޫން. ނަމަވެސް މިހާރަކަށް އައިސް އެފަދަ އަމަލުތަށް ބައެއް ފުލުހުން ފަރާތުން ފެންނަމުންދާލެ ގިނަ ވާތީ އެކަން ކުރާ ފަރާތްތަކެއް ހޯދައި އެބަޔަކަށް ފިޔަވަޅު އަޅާނެ ކަން ހަނދާން ކޮށްދިނުމުގެ ގޮތުން އޭސީޕީ ސިޓީއެއް އެރުވީ،" އިސްމާއިލް ވިދާޅުވި އެވެ.
ފުލުހުން ސިޔާސީ ވާނަމަ އެފަރާތަކާ މެދު އެޅޭނެ ފިޔަވަޅުތަށް ސިފަކޮށް އިސްމާއިލް ވިދާޅުވީ އެފުލުހަކާ މެދު ފިޔަވަޅުއެޅޭނީ އެމީހަކު ކުރި އަމަލެއްގެ މިންގަނޑަށް ބަލާފަ ކަމަށެވެ. އެގޮތުން ސިޔާސީ ޕޯސްޓުތަކަށް ކޮމެންޓުކޮށް ރައްދު ދޭފަރާތަކަށް މުސާރަ ނުލިބޭގޮތަށް ވަކި ދުވަސް ތަކެއް ވަންދެއް ސަސްޕެންޑު ކުރާނެ ކަމަށެވެ. އަދި ބޮޑެތި އެފަދަ އަމަލުތަށް ކުރާ ފަރާތްތަށް ނަސޭހަތަށް ފަހުވެސް ތަކުރާރުކޮށް އެކަންކުރާ ނަމަ އެބަޔަކު ފުލުހުންގެ ވަޒީފާ ކަމުން ވަކި ކުރުންވެސް އެކަށީގެންވާ ކަމަށް އިސްމާއިލް ވިދާޅުވި އެވެ.